ޕާކިސްތާންގެ ޓީމަށް އެނބުރި އާދެވުން އެއީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް، އިއްޔެ ނޭޕާލްގެ މައްޗަށް ޕާކިސްތާނަށް މެޗު ކާމިޔާބު ކޮށްދިން މުހައްމަދު ރެޒާ އަލީ ނަޒަރީ ބުނެފި އެވެ.
ޑެންމާކަށް އުފަން، މުހައްމަދު އަލީ، ޕާކިސްތާންގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2012 ވަނަ އަހަރު އެވެ. ވޭތުވެދިޔަ ދެތިން އަހަރު ޕާކިސްތާންގެ ޓީމުން އޭނާ ފެނިފައެއް ނުވެ އެވެ. ޕާކިސްތާންގެ ކޯޗް ކަމާ، މިހާރުގެ ކޯޗް ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގެއިރާ ޓީމާ ހަވާލުވެ އޭނާ ވަނީ ގައުމުން ބޭރުގައި ކުޅެމުންދާ ކުޅުންތެރިންނަށް ޕާކިސްތާން ގައުމީ ޓީމަށް އައުމަށް ދައުވަތު ދީފަ އެވެ.
ވަޅު ޖެހިފައިވާ، ޕާކިސްތާންގެ ފުޓްބޯޅަ ބަދަލަކަށް ބޭނުންވާކަން އެނގިގެން، މުހައްމަދު އަލީވެސް ކޯޗުގެ ދައުވަތު ގަބޫލު ކުރި އެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި އޭނާގެ ލަނޑުން ޕާކިސްތާން މޮޅުވި މެޗަކީ، ފަސް އަހަރު ފަހުން ސަރަހައްދީ މެޗެއްގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.
"އެންމެ ފުރަތަމަވެސް އަހަރެން ފާހަގަ ކުރާނީ ޕާކިސްތާންގެ ދިދަ ތަމްސީލު ކުރަން އަލުން ފުރުސަތު ލިބުނީމަ އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ،" ޑެންމާކުގެ ދެ ވަނަ ޑިވިޝަން ކުލަބު ގްރީވް ފުޓްބޯލްއަށް ކުޅެމުންގެންދާ ކުޅުންތެރިޔާ ބުންޏެވެ. "ފުރުސަތު ލިބޭ ކޮންމެ މުބާރާތެއްގައި ވާދަ ކުރަން އަހަރެމެން ވިސްނަން ޖެހޭ، ދާއިމީކޮށް އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޕާކިސްތާން ވާދަ ކުރަން ޖެހޭ، އަހަރެމެން ކުޅުންތެރިންގެ އަތްމަތީގައިވެސް އެބައޮތް ޒިންމާއެއް އަހަރެމެން އެ ފުރުސަތު ބޭނުންވާކަން ހާމަކޮށް ދިނުން."
ކޯޗް އެންޓޯނިއޯ ނޮގެއިރާ ބުނީ، ސީނިއާ ޓީމުން އެއް މަސް ދުވަހު ޕްރެކްޓިސް ކޮށްފައި، އައިސް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ، ނޭޕާލުން ބޯޅަ ޕޮޒިޝަން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، ޕާކިސްތާނަށް ކާމިޔާބު ލިބުނީ އެޓޭކު ވަރުގަދަ ވުމުން ކަމަށެވެ.
ނޭޕާޅްގެ ވަގުތީ ކޯޗް ބާލް ގޯޕާލް މާހަޖަން ބުނީ، ފުރަތަމަ މެޗުން ބަލިވުމުން، މުބާރާތުގައި ކުރިއަށް ދިއުމަށް ނޭޕާލަށް ހުރަސްތަކެއް ކުރިމަތިވެއްޖެ ކަމަށެވެ.