ސާފް ސުޒުކީ ކަޕް

ޒުވާން ޓީމަކާ އެކު އިންޑިއާ އައީ ތަށި ދިފާއު ކުރަން

މިފަހަރުގެ ސާފް ސުޒުކީ ކަޕަށް، އިންޑިއާއިން ޒުވާން ޓީމެއް މުބާރާތުގައި ވާދަ ކުރި ނަމަވެސް، އިންޑިއާއިން އައީ މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރުމަށް ކަމަށް އެ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ބުނެފި އެވެ.

އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު ބޭއްވި މުބާރާތް، އިންޑިއާއަށް ކާމިޔާބު ކޮށްދިން ކޯޗް، މިފަހަރުގެ މުބާރާތަށް އެކުލަވާލީ ޒުވާން ސްކޮޑެކެވެ. އޭނާގެ ސްކޮޑުން ފުރުސަތު ދިނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. އިންޑިއާގެ ފުޓްބޯޅައިގައި މިހާރުގެ އެންމެ ވަރުގަދަ ނަންތަކެއް ސްކޮޑްގައި ނެތެވެ.

"އަހަރެން އަބަދުވެސް ބަލަން ޒުވާން ކުޅުންތެރިންނަށް އިންޓަނޭޝަނަލް ތަޖުރިބާ ހޯދައިދިނުމަށް، އެހެންވެ އަހަރެމެން ގެނައީ 23 އަހަރުން ދަށުގެ ޓީމު، ނަމަވެސް އަހަރެމެން މިފަހަރުވެސް މި އައީ މުބާރާތް ކާމިޔާބު ކުރަން، އަހަރެމެން އަބަދުވެސް އަންނަނީ އެކަން ކުރަން، އަހަރެމެންނަށް އެކަން ކުރެވިދާނެ ކަމުގެ ހަމަހަމަ ފުރުސަތެއް އެބައޮތް، ނަމަވެސް އަހަރެން ނުބުނާނަން އަހަރެމެން މުބާރާތް ފަށާނީ ފޭވަރިޓުންގެ ގޮތުގައި ކަމަކަށް،" ކޮންސްޓަންޓީން ބުންޏެވެ.

"މުޅި ސްކޮޑް އޮތީ ކެތް މަދުވެފައި ލިބޭ ފުރުސަތު ބޭނުން ކުރަން، ސްކޮޑުގައި ހިމެނޭ ކޮންމެ މެންބަރެއްގައި އެބަހުރި ކޮލިޓީ ލިބޭ ފުރުސަތު ބޭނުން ކުރުމުގެ، ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭ ރަނގަޅު ތަޖުރިބާއަކަށް މިކަން ވާނެ."

އޭނާ ބުނީ، ސްނިލް ޗެތުރީ، ޖޭޖޭ ލާލްޕެކްލޫއާ އަދި ބަލްވަންތު ސިންހް ފަދަ ސްޓައިކަރުން އިންޑިއާގައި މަދު ކަމަށާއި ނަމަވެސް، ސާފް ޗެމްޕިއަންޝިޕްގައި ހިމެނޭ ސްކޮޑުން ގިނަ ކަންކަމެއް ސާބިތު ކޮށްދީފި ކަމަށެވެ.

"ދެން މި ހިމެނެނީ ފާރޫކް [ޗައުދަރީ]، މަންވީރު [ސިންހް]، [ސްމީޓް] ޕާސީ، ނަމަވެސް މި ކުޅުންތެރިންނަކީ އިންޓަނޭޝަނަލް ތަޖުރިބާ މަދު ކުޅުންތެރިންތަކެއް، އެހެންވީމަ އަހަރެމެން އެބަ ބޭނުންވޭ ގިނަ ފޯވަޑުން، މި ކުޅުންތެރިން ވަނީ މި ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދީފައި، ޕާސީއަށް ވަރަށް ފުރުސަތު ބޮޑު އޭޝިއަން ކަޕް ސްކޮޑުގައި ހިމެނިދާނެ ކަމުގެ."

އިންޑިއާ ވަނީ، އޮސްޓްރޭލިއާގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އޮސްޓްރޭލިއާގައި އެ ގައުމުގެ ލީގް ޗެމްޕިއަން ސިޑްނީ އެފްސީއާ ދެކޮޅަށް އިންޑިއާއިން ވަނީ އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ.

މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި، މިއަދު އެ ޓީމު ވާދަ ކުރާނީ، ލަންކާއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 6:00 ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ރާއްޖެ އެވެ. ކޮންސްޓަންޓީން ބުނީ ވަރުގަދަ ގުރޫޕެއްގައި ހިމެނުމަކީ އިންޑިއާގެ ޓީމަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.