ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގިނަ ދުވަސްތަކަކަށް ފަހު މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ. އެނގިފައިވާ ގޮތުގައި އަދީބު މާލެ ގެނެސް ދައްކާފައި ވަނީ އައިކެއާ އޮޕްޓިކަލްސް އަށެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ޑޮކްޓަރަށް ދައްކާފައި ވަނީ ރޭ އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާ ބައްދަލުވި އިރު ސިއްހީ މައްސަލަތަކެއް ހުރިކަން އެނގުމުން ކަމަށެވެ. އަދީބު މާލެ ގެނައުން ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު އާއިލާއަށް އެ މައްސަލަ އެނގުމުން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އަދީބުގެ ލޮލުގެ ފެނުން ދުވަހެއް ދުވަހަކަށް ދައްވާތީވެ، އެތައް ފަހަރެއްގެ މަތީން ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުމަށް އޭނާގެ އާއިލާގެ ފަރާތުން އަންނަނީ އެދެމުންނެވެ. އެންމެ ފަހުން ދޫނިދޫއަށް ގޮސް އަދީބު ދެއްކި ޑޮކްޓަރު ވެސް ވަނީ ގްލޮކޮމާ ސްޕެޝަލިސްޓަކަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށް އަދީބުގެ އާއިލާއިން ބުނެ އެވެ.