ފުވަމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އިދިކޮޅު ފަރާތްތަކާ ގުޅުނު މައްސަލަ ޕީޕީއެމްގެ ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ޕީޕީއެމްގެ ޕީޖީގެ ވައިބާ ގްރޫޕުން ފަޒާދު ނެރެފައިވާ ކަމަށާއި އެއީ ފޯނު ނުނެގުމާއި ބައެއް ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުމުން ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާ ހިލާފަށް އަމަލު ކުރަމުން ގެންދަވާތީ އާއި ނަސޭހަތް ދިނުމ ފަހުގައި ވެސް އެކަން ގަބޫލުކޮށްފައި ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ފިޔަވަޅު އަޅާ ސުލޫކީ ކޮމިޓީއަށް ފަޒާދުގެ މައްސަލަ މިއަދު ހުށަހަޅާފައިވާ ނިހާން ވިދާޅުވި އެވެ.
"މިކަމަކީ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން އެއްބަސްވެފައިވާ ކަންކަމާ ހިލާފުވެފައިވާ، ކަމެއް، މެންބަރުން އަމަލު ކުރުމަށްޓަކައި ފާސްކޮށްފައިވާ ގަވައިދުގައި ވަރަށް ސާފުކޮށް އޮންނާނެ ކަމެއް،" ނިހާން ވިދާޅުވި އެވެ. "ސުލޫކީ ކޮމިޓީއިން އެ މަސައްކަތް ވީހާވ އަވަހަކަށް ކުރައްވާ އިސްތިއުނާފް މަރުހަލާ ނިމި އިލެކްޝަން ކޮމިޝަނަށް ވީހާވެސް އަވަހަކަށް މިކަން އަނގަވައިދެއްވުމަށް އެދިފައިވާނެ،"
ފަޒާދާ މެދު ފިޔަވަޅު އެޅުމަށް ޕީޕީއެމް އިން ނިންމާފައިވާ އިރު އޭނާ މިހާރު ހުންނެވީ އިދިކޮޅު އިއްތިހާދުގެެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު ކެމްޕެއިން ދަތުރެއްގައި ހއ. ގައެެވެ. އޭނާ އިދިކޮޅާ ގުޅިވަޑައިގަތް އަޑު ފުތުރުނު އިރު އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.
ދާދި ފަހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ޕާޓީ އިން ވަކިކޮށްފި ނަމަ ނުވަތަ ވަކި ވެއްޖެ ނަމަ އެ މެންބަރެއްގެ މެންބަރުންކަން ގެއްލޭނެ އެވެ.