އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އިހަވަންދޫ އަށް ވަޑައިގެންނެވުމުން އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. އިބޫ ވަނީ އެރަށަށް ގިނަ ވައުދުތަކެއްވެސް ވެފަ އެވެ.
އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، އިހަވަންދޫ އޮތީ މިއަަހަރުގެ ރިޔާސީ އިންތިހާބަށް ފައްކާވެފައިކަމަށާއި މިރަށް އޮތީ ބޮޑުތަނުން ތައްޔާރުވެފައި ކަމަށެވެ. އަދި އިހަވަންދޫއިން ބޮޑު އަގުލަބިއްޔާތެއް ލިބޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިހަވަންދޫއަށް އަސާސީ ހިދުމަތްތައް ރަނގަޅު ގޮތުގައި ލިބިގެން ގޮސްފައިނުވާ ކަމަށާއި އެކަމަކީ ސަރުކާރުތަކުން ވެފައިވާ އިހްމާލެއް ކަމަށެވެ.
"މިރަށަކީ ތައުލީމީ ދަރިންތަކެއް އުޅޭ ރަށެއް، މިރަށަކީ އާބާދީގެ ބޮޑު ބައެއް ރަށުގައި ދިރިއުޅޭ ރަށެއް، ރަށަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އެންމެ ރަނގަޅަކަށް ލިބެމުން ނުދޭ، މިއީ ސަރުކާރުތަކުގެ އިހުމާލު، މިރަށުން ލިބެން ޖެހޭނެ ތައުލީމު، މިރަށުން ލިބެން ޖެހޭނެ ސިއްހީ ހިދުމަތް، މިރަށުން ލިބެން ޖެހޭނެ އެހެނިހެން ވަސީލަތްތައް، މިރަށަށް ވަރަށް ގިނަ ކަންތައްތައް ކޮށްދޭން އެބަހުރި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މިރަށަކީ ވަަރަށް ބޮޑަށް ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރަށެއް ކަމަށާއި މިރަށުގައި ބިން ހިއްކައިގެން ގޯތިދޭނެ ކަމަށެވެ. އަދި އެތަނުގައި ސިނާއީ މަސައްކަތްތައްވެސް ފެށިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"މިރަށަކީ ދޯނި ފަހަރު އޮޑި ފަހަރު ގިނަ ރަށެއް، ސްލިޕްވޭ އެއް މިރަށުގައި އެޅިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ބަނދަރު ހެދިފައިއޮތް ނަމަވެސް ބަނދަރު އޮތީ ވަރަށް ބޮޑަށް ފުރިފައި ކަމަށާއި ބަނދަރަާށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް އިނގޭނީ ރަށުގެ ރައްޔިތުންނަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް އެބަދަަލު ގެނެސްދޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ރާއްޖެއަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭ ތަނަކަށް ހެދިގެންދާނެ، އަދި މަހަށް ހެޔޮ އަގު ކުރިޔެކޭވެސް އެއްގޮތަށް ލިބިގެންދާނެ، އަދި މިރަށުގައި މަސްގަނެވޭނެ ގޮތް ހެދިގެންދާނެ، އައިސްޕްލާންޓް އެބަޖެހޭ ބޮޑުކުރަން، އައިސްޕްލާންޓުން މިރަށުގެ ދޯނި ތަކަށް ބޭނުންވާ ވަރަށް ހިދުމަތެއް ނުދެވޭ، އައިސްޕްލާންޓް ބޮޑުކޮށް އޭގެ ކެޕޭސިޓީ ބޮޑުކޮށް މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބޭނެ ގޮތް އަޅުގަނޑުމެންގެ ވެރިކަމުގައި ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅުގެ ސިޔާސަތުގައު އޮތީ ފުޓްސަލް ދަނޑެއް ނޫން ކަމަށާއި އިހަވަންދޫގައި ޓާފްބޮޑު ފުޓްބޯޅަ ދަނޑަކާއެކު ޒުވާނުންގެ މަރުކަޒެއްވެސް އެޅިގެންދާނެ ކަމަށެވެ. އަދި އެތަނުގައި ޒުވާނުން ކުޅެއް ބޭނުންވާ ކުޅިވަރުތަކުގެ ފެސިލިޓީސްތައް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ސިއްހީ މަރުކަޒަށް އިކްއިޕްމަންޓާއެކު ޑޮކްޓަރުން ބޭނުންވާ ކަމަށާއި ހަމައެކަނި މެޝިންތައް ބެހެއްޓުމަކުން ފުދެންނެތް ކަމަށެވެ.
"އެތަނަށް ބޭނުންވާ ޑޮކްޓަރުން އެތަނަށް ހަމަކޮށް އެތަނުގެ ފެންވަރު ސިއްހީ މަރުކަޒަކުން ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ، ރަށުގެ މަގުތަކަކީ ހަދަން ޖެހިފައިއޮތް މަގުތަކެއް ކަމަށާއި އިދިކޮޅު ވެރިކަމެއްގައި މަގުތަކުގައި ތާރު އެޅިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، މަތީ ތައުލީމު ގާއިމް ކޮށްދިނުމަކީ އިދިކޮޅު ސިޔާސަތުގައި ހިމެނޭ ކަމެއް ކަމަށާއި އިހަވަންދޫގައިވެސް މަތީ ތައުލީމު ފޯރުކޮށް ދެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.