ބާސެލޯނާ އިން އަނެއްކާވެސް ޔޫރަޕްގެ ފުޓްބޯޅައިގެ ތަހުތު އަތުލީ އެވެ. މިއީ އެމީހުން މި ތަށި އުފުލާލި ފަސް ވަނަ ފަހަރެވެ. އޭގެ ތެރެއިން ތިން ތަށި ކާމިޔާބުކޮށްފައި ވަނީ ފާއިތުވި ހަ އަހަރު ތެރޭގަ އެވެ.
އެހެންވީމަ ޔަގީނަށް ވެސް ބާސެލޯނާގެ އެންމެ ގަދަ ޓީމުތައް ފެނިގެން ދިޔައީ މިދިޔަ ހަ އަހަރު ތެރޭގަ އެވެ. އަދި އެންމެފަހުން އެ ޓީމުން މި ހޯދި ތިން ކާމިޔާބީގެ ސުޕަސްޓާރަކީ ވެސް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީކަން ޔަގީނެވެ.
މިފަހަރުގެ ފައިނަލުގައި އޭނާ ގޯލެއް ނުޖެހިޔަސް މިއީ ވެސް އޭނާގެ މުބާރާތެކެވެ. އަދި ބާސެލޯނާ އިން 2009 ވަނަ އަހަރު ރޯމުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މި ތަށި އުފުލާލިއިރު ވެސް ތަރިއަކީ މެސީ އެވެ. އެ މެޗުގައި ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހީ މެސީ ވަނީ އޭގެ ދެ އަހަރު ފަހުން ބާސެލޯނާ އިން އަނެއްކާވެސް ޔުނައިޓެޑް ބަލިކޮށް ޔޫރަޕްގެ ތަށި އުފުލައިލިއިރު ވެސް ފައިނަލުގައި ލަނޑު ޖަހައިފަ އެވެ.
އެހެންވީމަ މީގެ ތިން އަހަރު ކުރިން ވެސް އަދި މިހާރު ވެސް ބާސެލޯނާގައި މެސީ ވަރެއް ނެތެވެ. ނަމަވެސް މި ޓީމަކީ އަބަދުވެސް މި ފެންވަރުގެ ކުޅުންތެރިންތަކެއް ދަނޑަށް ނެރުނު ޓީމެކެވެ.
މިސާލަކަށް މެސީގެ ނުފޫޒު ބާސާގައި މިއަދު ކިތަންމެ ގަދަވެފައި އޮތަސް 2009 ވަނަ އަހަރު އެމީހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު މެސީ އަކީ މިހާ މުހިންމު ކުޅުންތެރިއެއް ނޫނެވެ. އޭރުގެ ތަރިންނަކީ ނުވަތަ އެ ކުޅުންތެރިންތަކަށް ބާސެލޯނާ ބަރޯސާވެފައި ތިބި ކުޅުންތެރިންނަކީ އެ ޓީމުގެ މިޑްފީލްޑް ބެލެހެއްޓި ޒަވީ އާއި އަންދުރޭ އިނިއެސްޓާ އެވެ.
މެސީއާ އެކު އޭރު އެ ޓީމުން ފެނިގެން ދިޔަ އެޓޭކިން ކުޅުންތެރިންނަކީ ސެމިއުލް އެޓޫ އާއި ތިއަރީ އޮންރީ އެވެ.
ވެމްބްލީގައި މެސީއާ އެކު ފެނިގެން ދިޔަ ތަރިންނަކީ ޑޭވިޑް ވިޔާ އާއި ޕެޑްރޯ އެވެ.
ބާސާ އިން ޕެރިހުގައި 2006 ވަނަ އަހަރު އާސެނަލް ބަލިކޮށް ޗެމްޕިއަން ލީގުގެ ތަށި އުފުލާލިއިރު އެމީހުންގެ ތަރިންނަކީ އެޓޫ އާއި ބްރެޒިލްގެ ރޮނަލްޑީނިއޯ އެވެ.
ބާސެލޯނާ އަށް ޗެމްޕިއަން ލީގުގެ ދެ ތަށި ކާމިޔާބުކޮށްދިން ޕެޕް ގާޑިއޯލާ މި ޓީމުގެ ޖޯޒީގައި ކުޅުނު ޒަމާނުގައި އެމީހުން މި ތަށި އުފުލާލިއިރު ފޯވާޑް ލައިނުގައި ތިބީ މައިކަލް ލޯޑްރަޕް އާއި ބަލްގޭރިއާގެ ރިސްޓޯ ސްޓޮއިކޯވް އެވެ. އެއީ ވެސް ފުޓްބޯޅައިގެ ދެ ލެޖެންޑުންނެވެ.
އެހެންވީމަ ބާސާ ގެ ޔޫރަޕްގެ ކާމިޔާބީގައި ލެޖެންޑުންތަކެއް ނުފެނޭ ދުވަސްވަރެއް ނެތެވެ. ނަމަވެސް އެންމެން ވެސް ބުނަނީ ނިމިގެން އެ ދިޔަ ފައިނަލުގައި ޔުވެންޓަސް ކޮޅަށް ތިން ގޯލު ޖެހި ބާސެލޯނާއާ އެއްވަރުގެ ޓީމެއް ބާސެލޯނާގެ ޖޯޒީގައި މީގެ ކުރިން ނުކުމެފައި ނުވާ ކަމަށެވެ.
ވަކިން ހާއްސަކޮށް މި ޓީމުގެ ފޯވާޑް ލައިނުގައި ތިބި މެސީ އާއި ލުއިޒް ސުއަރޭޒް އަދި ނޭމާގެ ނުރައްކާތެރިކަމާ އެއް ފަދަ ކުރެވޭ ވަރުގެ ފޯވާޑް ލައިނެއް ވެސް މީގެ ކުރިން ބާސާ އިން ނުފެންނަ ކަމަށެވެ.
މި ތިން ކުޅުންތެރިން އެކުގައި މި ސީޒަނުގައި 122 ގޯލު ޖަހައި ރިކޯޑް ހަދާފައިވުމަކީ ވެސް އޭގެ ހެއްކެކެވެ. ފައިނަލުގައި ވެސް ސުއަރޭޒް އާއި ނޭމާ ވަނީ ލަނޑު ޖަހައިފަ އެވެ.
އެހެންވީމަ މި ތިން ކުޅުންތެރިންނާއި އިނިއެސްޓާ އާއި ޕީކޭ އާއި ޑެނީ އަލްވޭޒް އަދި މަޝެރާނޯ ފަދަ ކުޅުންތެރިންނާ އެކު އެންމެން ވެސް ބުނަނީ ބާސާގެ މިވަރުގެ ޒަމާނެއް ނުފެންނަ ކަމަށެވެ.
އެހެންވީމަ މިއީ މީގެ ދެ ތިން އަހަރު ކުރިން ފެނުނު ބާސާގެ ޓީމަށް ވުރެން ވެސް ނުރައްކާތެރި ޓީމެކެވެ. އޭރު ބާސާ އަކީ އެމީހުންގެ ކުޅަދާނަ މިޑްފީލްޑަރުންނާ އެކު ޓިކީ ޓަކާ ފުޓްބޯޅަ އަށް މަޝްހޫރުވެފައި އޮތް ޓީމެކެވެ. ނަމަވެސް ނޭމާ އާއި ސުއަރޭޒް ފަދަ އެޓޭކިން އަށް ވަރުގަދަ ކުޅުންތެރިން މެސީއާ ގުޅުމުން ބާސެލޯނާ މިއަދު ބަދަލުވެފައި ވަނީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެޓޭކިން ޓީމަށެވެ.
އަނެއްކޮޅުން މި ޓީމުގެ މިޑްފީލްޑްގެ ވަރުގަދަކަމާ އެކު އެޓޭކްގެ ގަދަފަދަކަން ވެސް އިތުރަށް ދައްކަ އެވެ.
މި ހުރިހައި ސަބަބުތަކަށް ބަލާއިރު، ފަހަރެއްގައި ޔޫރަޕް ދުށް އެންމެ ގަދަފަދަ ޓީމަކަށް ވެސް ބާސެލޯނާ ވެދާނެ އެވެ.
ނަމަވެސް ފެރެންކް ޕުސްކަސް އާއި ޑީ ސްޓެފާނޯ ފަދަ ލެޖެންޑުންނާ އެކު ޔޫރަޕުގައި ފަސް ތަށި އުފުލައިލި ބާސެލޯނާގެ ވާދަވެރި ރިއަލް މެޑްރިޑް ގެ ޓީމު ވެސް ޗެމްޕިއަންސް ލީގުގެ ގަދަ ޓީމުތަކުގެ ތެރެއިން ފާހަގަކުރަން ޖެހެ އެވެ.
އެމީހުން މިދިޔަ ސީޒަނުގައި ކާމިޔާބުކުރި ތަށްޓަކީ މި ސިލްސިލާގެ 10 ވަނަ ތަށި ވެސްމެ އެވެ.
ރުޑް ގުލިޓް އާއި މާކޯ ވެން ބޭސްޓެން އަދި ފްރޭންކް ރައިކާޑާ އެކު ނުކުމެ މި ސްޓޭޖުގައި ހޯދި ކާމިޔާބީ އަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކާމިޔާބީއެކެވެ. މީގެ އިތުރުން ލިވަޕޫލުން 70ގެ އަހަރުތަކުގަ އާއި 80ގެ އަހަރުތަކުގައި ނެރުނު ޓީމުތަކަށް ސަޕޯޓްކުރާނެ އެތައް ބަޔަކު ތިބޭނެކަން ވެސް ޔަގީނެވެ.
ނަމަވެސް ބާސާގައި މިހާރު އެ އޮތް ޓީމަކީ މި ދެންނެވި ހުރިހައި ޓީމުތަކެއް ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ދެއްކި ޖާދޫގެ މަތިން ހަނދާން ނެތޭ ވަރުގެ ޕާފޯމެންސެއް ދެވޭ ވަރުގެ ޓީމެކެވެ. ކުރިއަށް އޮތް ސީޒަނުގައި އަދި ބާސާ ވާނީ އިތުރަށް ވަރުގަދަ އެވެ.
ބައެއް މީހުން ބުނަނީ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ޖެހިޖެހިގެން އުފުލާލާނެ ފުރަތަމަ ޓީމަކަށް ވެސް ވާނީ ބާސެލޯނާގެ މި ޓީމު ކަމަށެވެ. ފަހަރެއްގައި އެއީ އަންނަ އަހަރުގެ ކާމިޔާބީ އެވެ.