ހޮލީވުޑް

ޓްރިޕަލް އެކްސް 4 ގައި ދީޕިކާ ފެންނާނެ

"ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އަކީ ބޮލީވުޑްގެ ބަތަލާ ދިޕިކާ ފަދުކޯން އެންމެ ފުރަތަމަ ފެނިގެންދިޔަ ހޮލީވުޑްގެ ފިލްމެވެ. އެ ފިލްމަށްފަހު ދެން ސުވާލުކުރެވުނީ "ޓްރިޕަލް އެކްސް" ފްރެންޗައިޒްގެ އާ ފިލްމަކުން ދީޕިކާ ފެނިގެން ހިނގައިދާނެ ހެއްޔެވެ؟

މި ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގައި ދީޕިކާ ފެނިގެންދާނެ އެވެ. މި ހަބަރު ޑައިރެކްޓަރު ޑީޖޭ ކަރުސޯ މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ކަރުސޯ މި ހަބަރު ކަށަވަރުކޮށްދިނީ ޓުވިޓާ މެދުވެރިކޮށް ފޭނަކު އެހި ސުވާލަކަށް ދިން ޖަވާބެއްގަ އެވެ. ދީޕިކާއާއެކު މި ފިލްމުގައި ޗައިނާގެ ލަވަކިޔުންތެރިޔާ ރޯއީ ވޭންގްވެސް ފެނިގެންދާނެ އެވެ.

ވިން ޑީސެލް ލީޑުން ފެނިގެންދާ މި ފްރެންޗައިޒްގެ ފިލްމެއްގައި ދީޕިކާގެ ބޮލީވުޑް ސްޓައިލްގެ ޑާންސް ލަވައެއް ހިމަނަން ބޭނުންވާކަމަށް ބުނެ މިދިޔަ މެއި މަހު ކަރުސޯ ވަނީ ޓުވީޓެއްވެސް ކޮށްފަ އެވެ.

މި އަހަރު އެޅުވި ބޮލީވުޑްގެ ފުރަތަމަ ފިލްމު "ޕަދްމާވަތު" އަށްފަހު ދީޕިކާ އަދި އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އޭނާ މިހާރު އަންނަނީ އަންނަ ނޮވެމްބަރު މަހު ރަންވީރް ސިންހު އާއި ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ.