ހޮލީވުޑް

ދި ވިޗާއަށް ހެންރީ ކެވިލް

ނެޓްފްލިކްސްއިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ސީރީޒެއްގެ ލީޑު ރޯލަށް، އިނގެރޭސިިވިލާތުގެ އެކްޓަރު ހެންރީ ކެވިލް ނަގައިފި އެވެ. މި ސީރީޒްއަކީ ބެސްޓް ސެލިން ފެންޓަސީ ވާހަކައެއް ކަމުގައިވާ "ދި ވިޗާއަށް" ތައްޔާރުކުރާ ސީރީޒްއެކެވެ.

މި ސީރީޒްގައި ހެންރީ 35، ކުޅޭނީ ގެރެލްޓް ކިޔާ ފިކްޝަނަލް ކެރެކްޓަރެއްގެ ރޯލެވެ. މޮންސްޓާޒްތަކެއްގެ ވާހަކަ ގެނެސްދޭ މި ސީރީޒްގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނަނީ ހެންރީ ކުޅޭ ކެރެކްޓާއަށް ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

ފުރަތަމަ ސީޒަންގައި އަށް އެޕިސޯޑު ގެނެސްދިނުމަށް ނިންމާފައިވާ މި ސީރީޒްގެ ނަމުގައި، ވީޑިއޯ ގޭމެއްވެސް އިނދެ އެވެ. އެ ގޭމަކީވެސް އާންމުގެ މެދުގައި މަގުބޫލު ގޭމެކެވެ.

ސީރީޒްއަކުން ހެންރީ ފެނިގެންދާނެ މިއީ ދެ ވަނަ ފަހަރެވެ. ނަމަވެސް ސީރީޒެއްގައި ލީޑު ރޯލަކުން އޭނާ ފެނިގެންދާނެ މިއީ އަދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފެނިގެންދިޔައީ "ދި ޓުޑޯސް" ސީރީޒްއިން 2010 ވަނަ އަހަރު އެވެ.

ހެންރީ އެންމެފަހުން ފެނިގެންދިޔައީ މިދިޔަ މަހު ރިލީޒްކުރި ޓޮމް ކްރޫޒްގެ ފިލްމު "މިޝަން: އިމްޕޮސިބަލް - ފޯލްއައުޓް" އިންނެވެ. އޭނާ އެންމެ މަޝްހޫރުވެފައި ވަނީ ޑީސީ ޔުނިވާސްގެ ފިލްމުތަކުގައި ކުޅޭ، ސުޕަމޭންގެ ރޯލުންނެވެ.