ފިނިޕޭޖް

ކެވިން ސްޕޭސީގެ މައްޗަށް ބޮޑު ދައުވާއެއް

ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި ނެޓްފްލިކްސްގެ ސީރީޒް، "ހައުސް އޮފް ކާޑްސް" އިން ބޭރުކުރި ކެވިން ސްޕޭސީގެ މައްޗަށް އަނެއްކާވެސް ޖިންސީ ފުރައްސާރައިގެ ބޮޑު ތުހުމަތެއްކޮށް، އޭނާއާ ދެކޮޅަށް ދައުވާކުރުމަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކެވިންގެ މައްޗަށް މިފަހަރު މި ތުހުމަތުކޮށްފައި ވަނީ މެސާރ ނުވަތަ މަސާޖުކުރާ ފިރިހެން މީހެކެވެ. އެކަމެއް ހިނގީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގައި ކަމަށް އޭނާ ވަނީ ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި އެވެ.

ކެވިން އޭނާއަށް ޖިންސީ ފުރައްސާރަކުރީ މަސާޖުކޮށްދިނުމަށް ކެވިންގެ ކޮޓަރިއަށް ދިއުމުން ކަމަށް އޭނާ ބުނެފައި އެވެ. އެކަމާއި އޭނާ ދެކޮޅު ހެދުމުން އަނިޔާކުރި ކަމަށާއި ގަދަކަމުން ގުޅުން ހިންގަން މަސައްކަތްކުރި ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ. އަދި ކޮޓަރިން ނިކުތުނަ ނުދިނުމަށްޓަކައި ކޮޓަރީގެ ދޮރު ތަޅުލިކަމަށްވެސް ބުންޏެވެ.

މި ތުހުމަތުތަކާއެކު ކެވިންގެ މައްޗަށް ފަސް ދައުވާއެއް އަންނާނެ އެވެ. އެއީ ޖިންސީ ފުރައްސާރާއިގެ ދައުވާ އާއި އަނިޔާކުރުމުގެ ދައުވާއާއި ޖެންޑާ ވައިލެންސްގެ ދައުވާއާއި ނަފްސާނީ އަނިޔާގެ ދައުވާ އަދި މީހަކު ރަހީނުކުރުމުގެ ދައުވާ އެވެ.

"ހައުސް އޮފް ކާޑްސް" އިން ކެވިން ވަކިކުރިފަހުން އޭނާގެ މުޅި އެކްޓިންގެ ކެރިއަރު ވަނީ އަޑިއަޅާލައިގެން ގޮސްފައި އެވެ. އެންމެފަހުން ނިކުތް އޭނާގެ ފިލްމަށްވެސް ބޮކްސް އޮފީހުގައި ލިބުނީ ލަދުގަންނަންޖެހޭ ވަރުގެ ކުޑަ އާމްދަނީއެކެެވެ.