އެމެރިކާގެ ޓީވީ ޝޯތަކަށް ދޭ އެންމެ ފަހަރުވެރި އެވޯޑު، އެމީ އެވޯޑްސް 2018 ބާއްވައިފި އެވެ. މިއީ މި އެވޯޑު ދެމުން އަންނަ 70 ވަނަ އަހަރެވެ. ލޮސް އެންޖެލަސްގެ މައިކްރޯސޮފްޓް ތިއޭޓަރުގައި ބޭއްވި މި އެވޯޑު ގެނެސްދިނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކޮމެޑީ ސީރީޒް އާއި ޑްރާމާ ސީރީޒް ވަކިންނެވެ.
މިފަހަރުގެ އެވޯޑު ހަފްލާގައި އެންމެ ކާމިޔާބު ސީރީޒްއަކީ އެމެޒޯންގެ ސީރީޒް "މާވެލަސް މިސް މެއިސެލް" އެވެ. އެ ސީރީޒް ވަނީ ފަސް ކެޓަގަރީއަކުން އެވޯޑު ގެންގޮސްފަ އެވެ. އެ ކެޓަގަރީތަކަކީ ކޮމެޑީ ސީރީޒްގެ ބައިން އެންމެ މޮޅު ސީރީޒްގެ އެވޯޑާއި އެންމެ މޮޅު ރައިޓަރުގެ އެވޯޑާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑު އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ.
ތިން ކެޓަގަރީއަކުން އެވޯޑު ހޯދައި ދެން އެންމެ ގިނަ އެވޯޑު ގެންދިޔައީ އެފްއެކްސްގެ ސީރީޒް "ދި އެސާސިނޭޝަން އޮފް ގިއަނީ ވާސެސް: އެމެރިކަން ކްރައިމް ސްޓޯރީ" އެވެ. އެ ކެޓަގަރީތަކަކީ އެންމެ މޮޅު ލިމިޓެޑް ސީރީޒްގެ އެވޯޑާއި އެންމެ މޮޅު ލީޑް އެކްޓަރު އިން ލިމިޓެޑް ސީރީޒްގެ ކެޓަގަރީ އަދި އެންމެ މޮޅު ޑައިރެކްޓަރު އިން ލިމިޓެޑް ސީރީޒްގެ އެވޯޑެވެ.
މިފަހަރު އެންމެ ކާމިޔާބު ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" އަށް ލިބުނީ އެންމެ ދެ އެވޯޑެވެ. އެއީ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ. ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބުނީ ޕީޓާ ޑިންކްލޭޖުއަށެވެ.
ނެޓްފްލިކްސްގެ ސީރީޒް "ގޮޑްލެސް" އާއި "ދި ކްރައުން" އަދި އެފްއެކްސްގެ ސީރީޒް "ދި އެމެރިކަންސް" އަށްވެސް ލިބުނީ ދެ އެވޯޑެވެ. މިދިޔަ އަހަރު އެންމެ ގިނަ އެމީ އެވޯޑުތައް ގެންދިޔަ ހުލޫގެ ސީރީޒް "ދި ހޭންޑްމެއިޑްސް ޓޭލް" ގެއަށް ދިޔައީ ހުސް އަތާއި އެވެ. މިފަހަރު އެވޯޑުގައި އެންމެ ގިނަ ނޮމިނޭޝަންތައްވެސް އެކަމަކު ލިބުނީ އެ ސީރީޒް އަށެވެ.