ހޮލީވުޑް

މިސްޓަ ބީންގެ ގޮތުގައި ރޯވަން ދެން ނުފެންނާނެ

"މިސްޓަ ބީން" އަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ކެރެކްޓާއެކެވެ. އަދިވެސް ފޫހިކަމެއް ނެތި އެ ކެރެކްޓާގެ ފިލްމުތަކާއި ސިލްސިލާތައް ބަލާ މީހުން މަދެއް ނުވެ އެވެ. ނަމަވެސް މިހާރު މި އޮތީ ހިތާމަވެރި ހަބަރެކެވެ. އެ ކެރެކްޓާ ކުޅެމުން އައި އެކްޓަރު ރޯވަން އެޓްކިންސަން ދެން މިސްޓަ ބީންގެ ގޮތުގައި ނުފެންނާނެ ކަމަށް ބުނެފި އެވެ.

ރޯވަން 63، އެހެން ބުނީ ބީބީސީގެ ޓޯކް ޝޯ ދި ގްރަހަމް ނޯޓަން ޝޯގައި ވާހަކަ ދައްކަމުންނެވެ.

"އަހަންނަށް ހިޔެއްނުވޭ ދެން މިސްޓަ ބީން އެނބުރި އަންނާނެހެން، ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ،" ރޯވަން ބުންޏެވެ. "އެކަމަކު މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގެ ބުނާކަށް،"

ބޮޑު މަގުބޫލު ކަމެއް ހޯދި "މިސްޓަ ބީން"ގެ ސިލްސިލާގެ 15 އެޕިސޯޑެއް ގެނެސްދީފައިވެ އެވެ. އެއީ 1990 ވަނަ އަހަރާއި 1995 ވަނަ އަހަރާ ދެމެދުގައި އެވެ. "މިސްޓަ ބީން"ގެ ދެ ފިލްމެއް ވެސް ނިކުތެވެ. އެއީ "ބީން: ދި އަލްޓިމޭޓް ޑިޒާސްޓާ މޫވީ" (1997) އާއި "މިސްޓަ ބީންސް ހޮލިޑޭ" (2007) އެވެ.

ކާޓޫން ސީރީޒެއްގެ ގޮތުގައި ވެސް "މިސްޓަ ބީން" ގެނެސްދީފައިވެ އެވެ.