ބޭރު ކުޅިވަރު

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ރަޝިއާ އާއި ގަތަރަށް ގެއްލިދާނެ!

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު މި ދެ ގައުމަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ފީފާގެ އޮޑިޓް އެންޑް ކޮމްޕްލެއިންސް ކޮމިޓީގެ ޗެއާމަން ޑޮމެނިކޯ ސްކާލާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ރަޝިއާ އާއި ގަތަރަށް ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ދިން މަރުހަލާގައި ކޮރަޕްޝަނަށް ފުރުސަތު ދީ ވޯޓްތަކެއް ގަނެފައިވާ ކަމަށް ކުރެވޭ ތުހުމަތަށް އިޝާރާތްކުރައްވަމުންނެވެ. ސްކާލާ ވިދާޅުވެފައި ވަނީ ކުރެވޭ ތުހުމަތު ދެ ގައުމުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"ރަޝިއާ އާއި ގަތަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނީ ވޯޓް ގަނެގެން ކަމުގައިވާ ނަމަ އަދި އެކަން ސާބިތުކުރެވިއްޖެ ނަމަ އެ ފުރުސަތު އެމީހުން އަތުން އަތުލަފާނެ،" ސްކާލާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކުރެވުނަސް ރަޝިއާ އާއި ގަތަރުން މި ތުހުމަތަށް ދެކޮޅުހަދަ އެވެ.

ރަޝިއާ އާއި ގަތަރަށް ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ އަޑު މިފަހުން ގަދަވެފައި ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ފީފާގެ ރައީސްކަމުން ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބްލެޓާ އިސްތިއުފާ ދެއްވީ އާ ދައުރަށް އިންތިހާބުވެ ވަޑައިގެންނެވިތާ ދުވަހެއް ފަހުންނެވެ.

ފީފާ އާއި ބްލެޓާއާ ގުޅުންހުރި މައްސަލަތަކެއްގެ އިތުރުން ފީފާގެ އެހެން އިސް އޮފިޝަލުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ދަނީ މިހާރު ބަލަމުންނެވެ.