އިދިކޮޅު ކޯޅިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ގައުމީ ސަލާމަތުގެ ސިޔާސަތު މިރޭ ހާމަ ކުރައްވައިފި އެވެ.
ހޯރަފުށީގައި މިރޭ އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ކޮންމެ ސަރުކާރެއްގެ ވެސް ގައުމީ ސަލާމަތުގެ އޮނިގަނޑު ބަންޓަން ކުރެވިފައިވާން ޖެހޭނީ އެގައުމެއްގެ މުސްތަގްބަލަށް ވިސްނައިގެން ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގައުމީ ސަލާމަތުގެ އޮނިގަނޑު ބިނާވެގެންދާނީ ގައުމުގެ ހުރިހާ ސލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"މީގެ ތެރޭގައި އިގްތިސޯދީ ސަލާމަތާއި އިޖްތިމާއީ އަދާލަތާއި ސިޔާސީ ހަމަޖެހިން ހިމެނޭނެ، ގައުމީ ސަލާމަތުގެ ހިދުމަތްތަކާއި ގާނޫނު ނެގެހެއްޓުމާއި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ޒިންމާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް އެެއްވެސް ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް އެތަންތައް އިދިކޮޅު ސަރުކާރެއްގައި ބޭނުން ނުކުރާނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ގައުމުގައި ކުރިއަށްދާ ބޮޑެތި އިންވެސްޓްމެންޓްތަކާއި އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ ކަމަށެވެ. އެގޮތުން ގައުމުގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗާތަކާއި ޕަބްލިކް އަދި ޕްރައިވެޓް އިންވެސްޓްމެންޓްތައް ރައްކާތެރި ކުރެވޭނެ ގާބިލްކަން ސަލާމަތީ ހިދުމަތްތަކަށް ހޯދައިދެވޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ގައުމުގެ އިގްތިސޯދީ ތަންތަނަށް ލިބިދާނެ ނުރައްކާތަކުން ސަލާމަތްވެ ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އެޅޭނެ، ސިފައިންނާއި ފުލުހުންގެ ފަންނީ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ، ސިފައިންނާއި ފުލުހުންނާއި ތަންފީޒީ އިދާރާތަކަކީ ފުރިހަމައަށް ތަމްރީން ލިބިފައިވާ ޕްރޮފެޝަނަލްކޮށް ހިންގާ އިދާރާތަކެއް ގޮތުގައި ހަދާނަން، އެކަމަށް ބޭނުންވާ ތައުލީމާއި ތަމްރީން ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރެއްގައި ކޯސްޓްގާޑާއި މެރިން ފްލީޓްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވަސީލަތްތައް ފޯރުކޮށް ދެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ހިއުމަން ޓްރެފިކިން ރާއްޖެއަށްލިބި ގައުމީ ސަލާމަތަށް ވަނީ ވަރަށް ނުރައްކާތެރިވެފަ، މިކަން ހައްލު ކުރުމަށްޓަކައި އިމިގްރޭޝަން އެންފޯސްމެންޓް ހަރުދަނާ ކުރުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދޭނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ވެރިކަމާއި ހަވާލުވުމާއެކު އެންމެ ފުރަތަމަ ކުރާ ކަންކަމުގެ ތެރޭގައި ޕޮލިސް ރިފޯމް ޕްރޮގްރާމެއް އެކުލަވާލާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފުލުުންނާއި އާންމުގެ ހިޔާލު ލިބިގެން އެލުލަވާލެވޭ ޕްރޮގްރާމަކަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"މިއާއެކު ގާނޫނީ އޮނިގަނޑުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކޮމިޝަނާ އޮފް ޕޮލިސް އައްޔަން ކުރުމާއި ވަކި ކުރުން އެއީ ސިޔާސސީ ނިންމުމަކަށް ނުވާ ގޮތަށް ބަދަލަު ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
ފުލުހުންގެ ތަހްގީގް ހަރުދަނާ ވުމަކީ އެންމެ ބޭނުންވާ އެއް ކަންތައް ކަމަށާއި އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަންކަން ތަހްގީގް ކުރެވެން ޖެހޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީން ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ބޮޑެތި ޖިނާއީ ކުށްތައް އަވަސްކޮށް ޕރޮފެޝަނަލްކޮށް ތަހްގީގްތައް ހިންގޭނެ މާހައުލެއް އުފައްދަދޭނަން، އަދި މިހާރު ބޭނުން ކުރާ ގޮތަށް ގާނޫނީ ބުރަދަނެއްނެތް އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ހެއްކާ ގަރީނާނެތި ޝަރީއަތްތަކުގައި ގޮތް ނިންމުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓް ނުވާ ގޮތަށް އިންޓެލިގެންސްގެ ގާނޫނީ އޮނިގަނޑު އެކުލަވާލެވޭނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން ވަރަށް ގިނަ ބަޔަކަށް އަނިޔާދެމުން ގެންދާ ކަމަށާއި އެކަން ހައްލު ކުރުމަށް ސައިބާ ޕޮލިސްގެ އޮނިގަނޑު އެކުލަވާލައި ސައިބާ ސްޕޭސް އަކީ އެންމެހާ ދިވެހިންނަށް ރައްކާތެރި ތަނަކަށް ހަދައި ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް ސަމާލުކަން ދެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
ސިޔާސީ ބޭނުމަށް ފުލުހުން ބޭނުން ކުރުން ހުއްޓުވާނެ ކަމަށާއި ފުލުހުންނާއި ސިފައިންގެ ތަންފީޒީ އިދާރާގެ ކަންކަން ނިންމާބަޔަކަށް އެއިދާރާގެ މީހުން ހަދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.