ހަބަރު

ކުޑަކުދިންގެ ހައްގުތަކުގެ ބިލަށް ކުދިންގެ ހިޔާލު ހޯދައިިފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. މި ބިލަކީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް ގުޅިގެން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.

އިއްޔެ ބޭއްވި މި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިން ބައިވެރިވި އެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގައި ހިމެނޭ ކަންކަމަށް ކުޑަކުދިން އަހުލުވެރިކުރުވުމާއި، ބިލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުޑަކުދިންގެ ހިޔާލު ހޯދުމާއި، ކުޑަކުދިންގެ ނަޒަރުގައި ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި ލިބެން ހުރި ފުރުސަތުތައް ދެނެގަތުމެވެ.

މި ހިޔާލު ހޯދުމުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބިލްގެ ތިން ބަޔަކަށް އިސްކަންދީގެންނެވެ. އެއީ ހައްގުތަކާއި މިނިވަންކަން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމް އަދި ތަންފީޒް ކުރުމުގެ ބައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ކުޑަކުދިން ބިލާއިމެދު ވާހަކަދައްކަމުން ފާހަގަކުރީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ހަނގާކުރުންފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅާނެކަންކަން ހިމެނުމާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންފަދަ ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް މި ބިލުގައި މިހާރަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭ ކަމަށެވެ.

އާކްއިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާގެ 12 ވަނަ މާއްދާގައި "ކުޑަކުދިންނާއި ގުޅުން ހުރި ހުރިހާ ކަމެއްގައި، އެ ކުދިންގެ އަޑު މިނިވަންކަމާއެކު އުފުލުމުގެ" ހައްގު ކަށަވަރުކޮށްދީފައިވާތީ، އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލެއް އެކުލަވާލުމުގައި އާއި ބިލުގެ ހުރިހާ މަރުހަލާއެއްގައިވެސް އެ ކުދިންގެ ބައިވެރިވުން ހޯދުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ.

މި ބައްދަލުވުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށް މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް އާކްއާއި ޔުނިސެފުން ފަރާތުން މިދިޔަ ޖުލައި މަހުގެ 30 ގައި ބޭއްވި ބައްދަލުވުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މި ބިލަށް ގެންނަން ފެންނަ އިސްލާހުތައް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވެ އެވެ. ކުޑަކުދިންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ހުށަހެޅިގެން ދިޔަ ހިޔާލުތައް މަދަނީ ޖަމިއްޔާތަކުން ހުށަހެޅި ހިޔާލުތަކާއިއެކު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.