ކީލިއަން އެމްބާއްޕޭ

އެމްބާޕޭ ތިން މެޗަށް ސަސްޕެންޑް ކޮށްފި

ފްރާންސް ލީގްގައި، ނީމްސް އޮލިމްޕިކްސްއާ ދެކޮޅަށް، ޕީއެސްޖީ ކުޅުނު މެޗުގައި ޕީއެސްޖީގެ ކިލިޔަން އެމްބާޕާއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ތިން މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

ލީގް ވަންގެ ޑިސިޕްލިނަރީ ކޮމިޓީން އެމްބާޕޭ އާ ދެކޮޅަށް ފިޔަވަޅު އެޅީ، ނީމްސްގެ ޓެޖީ ސަވަނިއާ، އެމްބާޕޭގެ ފައިގައި ދަތި އަޅުވައި ވައްޓާލުމުން، އޭނާ ތެދުވެގެން އައިސް ސަވެނިއާ ކޮއްޕާލުމުންނެވެ. އޭގެ ކުރިންވެސް ރީނދޫ ކާޑެއް ދައްކާފައިވާ، އެމްބާޕޭއަށް ރެފްރީ ވަނީ ވަގުތުން ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އަދި ސަވަނިއާއަށް ވެސް ރަތް ކާޑު ދެއްކި އެވެ. ޑިސިޕްލިނަރީ ކޮމިޓީން ވަނީ ސަވަނީއާ ފަސް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ސެއިންޓް އެޓީން އާއި ރެނިސް އަދި ރެމީސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުތަކުގައި، އެމްބާޕޭއަށް ނުކުޅެވޭނެ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ޗެމްޕިއަންސް ލީގްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ގައި އެމްބާޕޭ އަށް ކުޅެވޭނެ އެވެ.

ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި، އެމްބާޕޭ މިހާރު ހުރީ ފްރާންސްގެ ޓީމާއެކު ޖަރުމަންގައެވެ. އެއީ ޔޫއެފްއާ ނޭޝަން ލީގްގައި މިޔުނިކުގައި ކުޅޭ މެޗަށެވެ.