(4 ސެޕްޓެމްބަރ 2018 އާ ގުޅޭ)
"ގެއަށްތަ ޑްރޮޕްކޮށްދޭންވީ" ޒިވަން އަހާލިއެވެ.
"މިދަނީ ނިމް ގާތަށް، ޒިވަން އަންނަންވީނު" ރާދިން ބުނުމުން ޒިވަން ބޯޖަހާލިއެވެ.
"އަރްސަލް ހާދަ ބަދަލުވެއްޖެޔޭ ދޯ، އޭނާގެ ހުންނަ ގޮތްދޫނުކުރާގޮތް ގައިމު ވެސް މިހާރު ކުޑަވެއްޖެ" ރާދިންއާއެކު ޕްރައިވެޓް އެލެވޭޓާއަށް އެރި ޒިވަން ބުނެލިއެވެ.
"އެހެންނުވާނީ އޭނާއަށް ނިމް ނޫން މީހަކު މިހާރު ނުފެނޭ، އެކުއްޖާއަށް ވެސް ވަރެއްކޮށްލައޭ" ހީނލާފައި ރާދިން ބުންޏެވެ.
"ވަރެއްނުވެއެއް ނުހުންނާނެ ދޯ އަރްސަލްއާ ޖެހޭ އަންހެންކުއްޖެއް، އަހަރެން ހިތަށް އަރާ އަންހެންކުދީންގެ މެދުގައި އޭނާ އެހާ މަޤުބޫލީ ކީއްވެބާއޭ، ހެއްވާކަމަކީ މީހުން ގިނަވަގެން އުނދަގޫވާ މީހާއަށް އަންހެންކުދީން ކިތަންމެ ގިނަވިޔަސް އުނދަގުލެއްނުވާނެ" ޒިވަން ހަނދާންތަކެއް އާކުރަމުން ބުނެލިއެވެ.
"ނޫނޭ މިހާރު އެހެންނެއްނޫޅެއޭ، ތި ދައްކަނީ އަހަރެމެން ކިޔަވަން އުޅުނުއިރުގެ އަރްސަލްގެ ވާހަކަ، ލޫންއާ ހިސާބުން އޭނާގެ އެގޮތް ވެސް ކެނޑިއްޖެ، މިހާރު އަދި ވަކިން ސީރިއަސް... ޒިވަންއަށް ފެންނަ ބަދަލުތަކަކީ އެއީ، އޭނާ ނިމްއާ ހެދިގެން އެ އުޅެނީ އަހަރެމެން މީގެ ކުރިން ދުވަހަކުވެސް އަރްސަލް އަންހެންކުއްޖަކާ ހެދި އޫޅޭތަން ނުދެކޭ ގޮތަކައްނު، މަ ވެސް ހީނުކުރަން އޭނާ ނިމްދެކެ އެހާ ލޯބިވެދާނޭ" ރާދިން ބުންޏެވެ.
"އަރްސަލްއަށްވުރެ ކުރީން މަށާ ނިމްއާ ދިމާވިއިރު އޭނާއަކީ ކުޑަކުއްޖެއްވިއްޔާ، މިހާރު އެ ހުރި ގޮތަށް ދިމާވިނަމައެއްނު، އޭރުން އަރްސަލްއަށް މަށެއް ވެސް ދޫނުކުރާނަން" ހީނގަންނަމުން ޒިވަން ބުންޏެވެ.
"ތިހެން ބުނަންވީ އަރްސަލް ހުއްޓާ، ފޯރި ހުންނާނެ އިނގޭ... މިހާރު ވެސް ހަލަފްއާ ދެ މީހުން ކޯޅޭވަރު އެނގެއެއްނު" ރާދިން މިހެންބުނެ ހީނލިއެވެ. ޒިވަން ވެސް އެ ހުނުމުގައި ބައިވެރިވިއެވެ.
ނިމްރާގެ އެޕާޓްމެންޓަށް ރާދިންއާއި ޒިވަން ވަންއިރު ނިމްރާ ފެންނާކަށް ނެތެވެ. އެކަމަކު ކަހަލާފައި ހުރި ބްލައިންޑްގެ ފަރުދާތައް ފެނުމުން ނިމްރާ އުޅޭކަން ރާދިންއަށް ޔަގީންވިއެވެ. ދެ ޒުވާނުން އައިސް ސޯފާގައި އިށީނެވެ. ރާދިން ފޯނު ނަގައި ނިމްރާއަށް ގުޅިއެވެ.
"ކޮޓަރީގައޯ... އެބަ ފައިބަމޯ... ފެންފޮދެއް ބޭނުންތަ، އަހަރެން ފެންބޮވައި ގަނެގެން" ރާދިން ފޯނު ބާއްވާފައި ޒިވަންއާ ވާހަކަދެއްކިއެވެ. އޭނާ ދެ ފަރާތަށް ބޯހޫރުވާލިއެވެ. ރާދިން ބަދިގެއަށް އައުމުން އޭނާއާއެކު ޒިވަން ވެސް އައެވެ.
"ނިމް އައީމަ އޭނާ އަތުން މީރު ކޮފީއެއް ބޯނީ، އަދި އޭނާއާ ވާހަކައެއް ވެސް ދައްކަންވެފައޭ އޮތީ، މީ އަސްލު ނިމްމެންގެ ގެއެއްނު ދޯ، އަހަރެންގެ މަމްއަށް އެނގޭ މިގެ، މިފަހަރު މާލެ އައިސް މި ހޮޓެލްގައި މަޑުކޮށް ނިމްއާ މީޓުކުރަން ބޭނުންވެފައި ހުރީ... މިހާރު ރާއްޖެ އަތުވެއްޖެ، ހުރީ ރިސޯޓުގައި... ދެތިންދުވަސް ފަހުން މިކޮޅަށް އަންނާނެ، ރާދު... މަށަށް މިކޮޅުން ސުވީޓެއް ހަމަޖައްސައިދޭންވީނު" ޒިވަން ބުނެލިއެވެ.
"ފައިނަލް ޑޭޓް އަންގާލާ، ޕްރެޒިޑެންޓަލް ސުވީޓްއެއް އަދި އެބަހުރި ހުސްކޮށް، ޒޭވިއާ މަންމައަށް ނިމް ކިހިނެއް އެނގެނީ" ރާދިންގެ ހިތުގައި އޮތް ސުވާލު ކުރިއެވެ.
"ނިމް އެނގެނީއެއްނޫން، ރަންދޯދިގޭގަ ހޮޓެލްއެއް އެޅީއޭ ބުނީމަ އެގޭ މީހުން ކޮބާތޯ މަންމަ ހަމައެކަނި އެހީ، ނިމް އެކަނި ހުންނަ ވާހަކަ އަހަރެން ބުނީ، އަދި ހޮޓެލްގައޭ ދިރިއުޅެނީ ބުނީ، އެއީ މި ހޮޓެލްއަށް މަންމަގެ އިންޓަރެސްޓް އުފެދުނު ގޮތަކީ، ހާސްނުވޭ މަންމައަށް އެނގޭނެ ފައިސާ ޚަރަދުކުރަން އިނގޭ... ހޮޓެލަށް ވަރަށް ފައިދާވާނެ" ޒިވަން ހިނިގަނޑެއް ޖަހާލިއެވެ.
"ރާދު... ޒިވަން ވެސް ގޮވައިގެންތަ؟" ބަދިގެ ފަރާތަށް އައި ނިމްރާއަށް ދެ ޒުވާނުން ފެނި ބުނެލިއެވެ.
"ވާއު!... ޔޫ ލުކް ފްރެޝް ޑާލިންގް" ރާދިން ބުނެލިއެވެ. ނިމްރާގެ ތެތްއިސްތަށިގަނޑުން ބައެއް އިސްތަށި ނިތްކުރިމައްޗަށް ވެއްޓިފައި ހުއްޓެވެ. ކަޅުކުލައިގެ ކުރެހުން އެޅި ހުދު ޓީޝާޓަކާއި ސްޕޯޓް ޓައިޓެއްގައި ނިމްރާ ހުރިއިރު އޭނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އޮފީހުން އައިސް ފެންވަރާލީކަން ގައިމެވެ.
"ކޮބާ ސައިދޭންވީނު" ޒިވަން އިނދެފައި ބުނެލިއެވެ.
"ހިނގާ ދޯ ސައިބޯން" ހިނިތުންވެލި ނިމްރާ ބުނެލިއެވެ. އަދި ސައިހަދަން އަވަސްވެލިއެވެ.
ފެޓިއޯގައި ހުރި ކޮފީމޭޒުމަތީ ސޭންޑްވިޗްއާއި ޗޮކުލެޓުކޭކު އަޅާފައި ހުރި ތަށިތައް ގެނެސް ނިމްރާ ބެހެއްޓިއެވެ. އޭނާގެ ފަހަތުން ކޮފީޖޯޑުތައް އަތުރާފައި ހުރި ތަބަށް ހިފައިގެން ރާދިން ނުކުތެވެ. ޒިވަންގެ އަތުގައި ބިއްލޫރި ފެންފުޅިއެއް އޮތެވެ. ތިންމީހުން އައިސް ގޮނޑިތަކުގައި ހަމަޖެހިލިއެވެ. ސައިބޮމުން ދިޔައިރު ޒިވަން އޭނާގެ މަންމަ މާލެ އަންނަ ވާހަކަ ނިމްރާގެ ގާތުގައި ބުންޏެވެ. ރާދިންއަށް ފޯނެއް އައުމުން އޭނާ އެއްފަރާތްވެލި ގޮތުން އެއީ ޝިހާނާގެ ކޯލެއްކަން ނިމްރާއަށް ނަގައިގަނެވުނެވެ. ރާދިންއާ ދިމާކޮށްލާފައި ޒިވަންގެ ވާހަކައަށް ނިމްރާ ސަމާލުކަން ދިނެވެ.
"ޕެންޓްހައުސްގައި ޒިވަންގެ މަންމަ ބަހައްޓަންވީނު، އަހަންނަށް އޯކޭ... މިބޮޑުތަނުގައި އަހަރެން އެކަނި ދޯ މިއުޅެނީ، ދުވަސްކޮޅަކަށް އަހަރެން ވެސް ފޫހިފިލާނެއެއްނު" ނިމްރާ ޚިޔާލުދިނެވެ.
"އައި ޑޯންޓް ތިންކް އިޓް ވިލް ބީ އަ ގުޑް އައިޑިއާ، އަރްސަލްގެ ޕްރައިވެސީއަށް ބުރޫއަރާނެއެއްނު، އޭރުން އޭނާ ބޭނުންއިރަކު އައިސް މިތަނަކަށް ނުއެއްވަދެވޭނެ ދޯ" ޒިވަން ބުނެލިއެވެ.
"އައި ވިލް އާސްކް ހިމް، އަރްސަލް އޯކޭވެއްޖެއްޔާ ޒިވަންގެ މައްސަލައެއްނެތެއްނު" ނިމްރާ ބުނެލިއެވެ.
"މައި މަމް އިޒް ނޮޓް އެން އީޒީ ޕާސަން އިނގޭ... ލިޓްލްވަން، ޔޫ ވިލް ގެޓް ބޯޑް، އެޕިކް ޝޮޕިންގްތައް އޮންނާނެ އިނގޭ، ނިމްއަށް ފެނުނީމަ އެނގޭނެ، މީހަކު ނުބުނާނެ އެއީ އަހަރެންގެ މަންމައޭ، ޝީ ލުކްސް މޯ ލައިކްއަ ސިސްޓާރ އޯ އާންޓް، ގޯޑް ހޭވް ބްލެސްޑް ހާ ވިތް އޯލް ބިއުޓީ، ނޯ ޑައުޓް އަބައުޓް އިޓް، ބައެއްފަހަރު ވަރަށް އޯކްވާޑްވާ ކަހަލަ ކަންތައްކުރާނެ، މޭބީ އޯލް މަމްސް އާ ލައިކް ދެޓް" ހިނިއައިސްފައި އިނދެ ޒިވަން ކިޔައިދިނެވެ.
"ސޯ ޝީ އިޒް އެން އެކްސައިޓިން އެނާޖެޓިކް ލޭޑީ، އިންޓަރެސްޓިންގް" ނިމްރާ އިނީ ޒިވަންގެ މަންމައާ ބައްދަލުކުރަން ޝައުގުވެރިވެފައެވެ. ވާހަކައިގައި އިންދާ ނިމްރާ ފޯނަށް މެސެޖެއް އައުމުން އޭނާ ފޯނު ބަލާލިއެވެ. އެ މޫނުގައިވި އަސަރު ބަދަލުވިތަން ޒިވަން ދުށްޓެވެ.
"ކިހިނެއްވީ؟" ޒިވަންއަށް އަހާލެވުނެވެ.
"ކަމެއްނުވޭ... އަރްސަލް ނާދޭތަ ތި މީހުންނާއެކު" ނިމްރާ ފޯނުގެ އިސްކުރީނު ނިވާލުމާއެކު ޒިވަންއަށް ހިނިތުންވުމެއް ދީފައި އަހާލިއެވެ.
"އޭނާ ކޮންމެވެސްކަމެއް ޖެހިގެން ދިޔައީ، ރާދު ކާކުގެ ފޯނެއްތަ އެ އޮޅެނީ... އަނެއްކާ ބިޓުތަ؟" އެއްފަރާތެއްގައި ހުރި ރާދިންއަށް ޒިވަން ބަލާލިއެވެ.
"އާނާގެ ފޯނެއްގަ އެ ހުރީ" ނިމްރާ ބުނެލިއެވެ.
"ޒިވަން ގާލްފްރެންޑެއް ނުނަގަންތަ؟" ނިމްރާ އަހާލިއެވެ.
"ޔޫ ޑިޑްންޓް ވެއިޓް ފޯ މީ ލިޓްލްވަން، އެހެންނޫންނަމަ ތީ އެއްނު މައި ގާލްފްރެންޑަށްވާން ހުރި ކުއްޖަކީ" ޒިވަން ބުނެލިއެވެ.
"ޖަވާބުދޭން ބޭނުންނުވާތީ ދޯ އެކަން ސަމާސާއަކަށް ތި ހެދީ" ނިމްރާ ހިނިތުންވެލިއެވެ.
ޒިވަންއާއި ރާދިން ޕެންޓްހައުސް އިން ދިޔައީ އެތައް އިރަކު ތިބެފައެވެ. އެ މީހުން ދިއުމާއެކު ނިމްރާ ވެސް ތަށިތައް ނަގާފައި ސިޓިންރޫމު ސޯފާގައި ހަމަޖެހިލިއެވެ. އަދި ކުރިން އޭނާގެ ފޯނަށް އައި މެސެޖު ހުޅުވާލިއެވެ. ކީފާއާއެކު ކޮފީގައި އަރްސަލް އިންދާ ނަގާފައިވާ ފޮޓޯއެކެވެ. މޫނުކުނިކޮށްލުމާއެކު ނިމްރާއަށް ފޮޓޯފޮނުވާ ނަންބަރު ބްލޮކްކޮށްލިއެވެ. ރާދިންއާއި އަރްސަލްގެ ބަހަށް އިތުބާރުކުރެވެން އޮތީ އެގޮތަށެވެ. އެ މީހަކު ދޭތެރެޖައްސަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވޭނީ އެފަދަ ގޮތަކަށްކަމަށް ނިމްރާއަށް ވިސްނުނީއެވެ.
* * * * *
ގެއަށް ވަދެގެން އައި އަރްސަލް ކޮޓަރިއަށް ވަންގޮތަށް އޮފީސް ހެދުން ބާލައިފައި ވަނީ ފެންވަރާށެވެ. ދެ ނަމާދު ދޭތެރެއަށްވުމުން ގޭގައި ބިލާލުއާއި ރާދިންއެއް ވެސް ނޫޅެއެވެ. ފާޚާނާއިން ނުކުތް އަރްސަލް ތައްޔާރުވެލައިގެން ބެލްކަންޏަށް ނުކުތެވެ. ނިމްރާއަށް ގުޅީ ދެނެވެ. އޭނާ ކީފާއާ ބައްދަލުކުރަން ދިޔަކަމެއް މިފަހަރު ވެސް ނިމްރާ ގާތުގައި ނުބުނެއެވެ. ނިމްރާ ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކުރުމުން އަރްސަލް ބުނީ އޭނާ ނިމްރާގެ ގާތަށް މިރޭ ދާނަންކަމުގައެވެ. ބައްޕައާ ބައްދަލުކުރަން ބޭނުންވާތީ ގޭގައި މަޑުކޮށްލައިގެން ހުރީކަމުގައި ވެސް އަރްސަލް ބުންޏެވެ.
އިޝާ ނަމާދުން ފައިބައިގެން ބިލާލު ގެއަށް އަންނަންވާއިރާ އަރްސަލް ބޮޑުކޮޓަރިއަށް ނުކުތެވެ. ޝަރުމީނު ވެސް އިޝާ ނަމާދުކޮށްގެން ކޮޓަރިން ނުކުމެގެން އައީ ބަދިގެއަށް ވަންނާށެވެ. އޭނާއަށް ސޯފާގައި އިން އަރްސަލް ފެނުމުން އެދިމާއަށް އައީ އަރްސަލް ކަމެއް ބޭނުންވެފައި އިނދެދާނޭ ހީވެގެންނެވެ.
"ދަރިފު... އަރްސަލް..." ޝަރުމީނު އެއްޗެކޭ ބުނަން އުޅެފައި ވެސް އަރްސަލް ބަލާލުމުން އޭނާ ހުއްޓުން އެރީއެވެ. އެހިނދު އަރްސަލް ވާހަކަދެއްކިއެވެ.
"ބައްޕަ އަންނަންދެން މަޑުކޮށްލައިގެން މިއިނީ، އެކަކު ވެސް ގޭގައި ނޫޅެނީތަ؟" އަރްސަލް ބުނެލިއެވެ.
"ހަލަފް ގޭގައި އުޅެނިކޮށް އޭނާ ވެސް ގޮވައިގެން ބައްޕަ އެ ދިޔައީ، މިހާރު އަންނަން އުޅޭނެ، އެއްވެސް އެއްޗެއް ބޭނުންތަ؟ އިރުކޮޅަކުން ކާން ހަދާނަން" ޝަރުމީނު ބުނެލިއެވެ. އަރްސަލް އަނގައިން ބުނީތީ ޝަރުމީނަށް ލިބިފައިހުރި ނުތަނަވަސްކަން ވަގުތުން ފިލައިފިއެވެ.
"އަރްސަލް" ޝަރުމީނަށް ލިބުނު ފުރުޞަތުގައި އޭނާ އިތުރަށް ވާހަކަދައްކަން ބޭނުންވެ ގޮވާލިއެވެ. އެއާއެކު އަރްސަލް ހޫންލައްވާލިއެވެ.
"މަންމައަށް އަރްސަލްއާ މެދު ގޯސްކޮށް ކަމެއް ކުރެވިފައި އޮތިއްޔާ މަޢާފުކޮށްދީ، ހަމަގައިމުވެސް މަންމަ އެނގިހުރެ އެއްވެސް ކުއްޖަކަށް ތަފާތެއްނުކުރަން، ރާދިންއާއި އަރްސަލްއަކީ ވެސް މަންމަ ޤަބޫލުކުރަނީ މި މަންމަގެ ދަރީންކަމުގައި، ވަރަށް އުފާވި އަރްސަލް އެނބުރި މިގެއަށް އައުމުން، މީ އަރްސަލް އުޅެންވީ ތަނަކީ، މީ ހުރިހާ ކުދީންގެ ވެސް ގެ، މަންމައާއި ބައްޕައަށް ހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެ ދަރީން ނުރުހިފައި ތިބޭނަމަ، އަރްސަލް... މަންމައަށް މަޢާފުކޮށްދީ" ޝަރުމީނުގެ ވާހަކަތައް އަޑުއަހަން އަރްސަލް އިނީ އިސްޖަހާލައިގެންނެވެ.
"މަޢާފަށް އެދޭވަރުކަމެއް ނުކުރޭ... އަޅުގަނޑު ކަންނޭނގެ މަޢާފަށް އެދެންވީ، އެހެންވީމަ އަޅުގަނޑަށް މަޢާފުކޮށްދީ" އަރްސަލްއަށް ހާމަކުރަން ކިތަންމެ އުނދަގޫނަމަވެސް އޭނާ މިފަހަރު ރަނގަޅުގޮތް ޚިޔާރުކުރުމުގައި ލަހެއްނުކުރިއެވެ. ޝަރުމީނު އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަރްސަލް އިސްއުފުލައި ބަލާލިއެވެ. ޝަރުމީނުގެ ތުންފަތުގައިވި ހިނިތުންވުން ފެނުނީ ދެނެވެ.
"މަންމަގެ ހިތުގައި ތި އިން އެއްވެސް ކުއްޖަކަށް ޓަކައި ބުރަކަމެއްނެތް، ޝަކުވާއެއްނެތް... ބިލާލު އެކަންޏެއްނޫން، މަންމަ ވެސް ޤަބޫލުކުރަން އަރްސަލްއަކީ ވިސްނޭ ހަރުދަނާކުއްޖެއްކަމުގައި، މިހާރު އެންމެ އިންތިޒާރުކުރެވެނީ ޝިހާނާއާއި ނިމްރާ މިގެއަށް އަންނާނޭ ދުވަހަކަށް، ދަރިފުޅުގެ ހޮވުން މަންމައަށް ވަރަށް ކަމުދޭ، ތަފާތު ކުއްޖެއް... ދެ ކުދީން އެކުގައި ފެނުމުން އެނގުނު ތީ ވަރަށް ގުޅޭ ޖޯޑެއްކަން، ޚާއްޞަގޮތެއް ހުރޭ ނިމްރާގެ، ކޮންމެގޮތެއް ވިޔަސް އަހަރެންގެ އަރްސަލް ޚިޔާރުކުރާ އަންހެންކުއްޖަކީ ނަސީބުވެރިއަކަށްވާނީ، ލަސްނުކޮށް ދެން އަވަހަށް ކައިވެނީގެ ކަންކަން ނިންމަން މަންމައަށް ވެސް ފެނޭ، ދަރިފުޅުމެންގެ ކައިވެނީގެ ވާހަކަ ބައްޕަ އަބަދު ދައްކަނީ، މާގިނަ ވާހަކަ ދޯ މިދެއްކުނީ، އަނެއްކާ މަންމަގެ ޚިޔާލު މިގޮތަށް ފާޅުކުރުމަކީ އެންމެ ރަނގަޅުކަމެއްތަ؟ އަރްސަލް ބަލައިގަންނާނަންތަ މަންމަގެ ޚިޔާލު؟" ޝަރުމީނަށް އަދިވެސް ހުރެވުނީ ހިނިތުންވެލައިގެންނެވެ.
"މައިންބަފައިންގެ ޚިޔާލު މުހިންމުވާނެ، ބައްޕަ ބުނުއްވިހެން ހުރިހާ ކުދީންގެ މަންމަތީ، އަޅުގަނޑު... އަޅުގަނޑު ވެސް ދެކެނީ އެގޮތަށް، އެހެންވީމަ ކީއްވެ ޚިޔާލެއްފާޅުކުރުމުން ބަލައިނުގަންނަންވީ، އަޅުގަނޑާއި ރާދު ވެސް ކައިވެނި އަވަސްކުރަން ނިންމައިފިން، ބައްޕައާ މަޝްވަރާކުރަން ނިންމައިގެން މިތިބީ" އަރްސަލްގެ ވާހަކަދެއްކުމުގައި ހުރި އަޅައިގަތުން ވެސް މަޑުމަޑުން ކެނޑުނެވެ.
ބޮޑުކޮޓަރިއަށް ވަނުމުގެ ކުރީން ހަލަފްގެ އަޑު އަރްސަލްއަށް އިވުނެވެ. ރާދިންއާއި ބިލާލު އޭނާގެ ވާހަކަތަކަށް ރައްދުދެއެވެ. އެ މީހުން އައިސް ވަނުމާއެކު ސޯފާގައި އިން އަރްސަލް ފެނުނެވެ. ބިލާލު ފުރަތަމަ ވެސް ސުވާލުކޮށްލީ ނަމާދުކޮށްފިންތޯއެވެ. އަރްސަލް ބޯކަހާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ.
"ހަލަފް ބަސްއަހާކަން ބަލާބަލަ، ތި ނަމާދުކޮށްގެން ތަންކޮޅެއް ރަނގަޅަށް އުޅެން އާދަކޮށްބަލަ އަރްސަލޫ" ހަރު ރާގެއްގައި އަޑުބަރުކޮށް ބިލާލު ބުނާނޭގޮތް ނަކަލު ކުރާ ފަދައަކުން ހަލަފް ބުނެލިއެވެ.
"އެހެންބުނަން އެންމެ ރަނގަޅުމީހާ އެ ބުނީ.... މިރޭ ވެސް ބައްޕަ ގަދަކަމުން ކޮޓަރިން ނެރިގެން ގެންދިޔައީތީ ނަމާދަށް އެރުނީ" ހިނިގަނޑު ފަޅައިގެންދިޔަ ރާދިން ދިމާކޮށްލީ ހަލަފްއާއެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް ބިލާލު ޖަހާލީ ހިނިގަނޑެކެވެ. ތިން ކުދީންގެ މެދުގައި ކިޔޭ ވާދައަކީ ވެސް އޭނާގެ ހިތަށް ފިނިކަން ލިއްބައިދޭ ކަމެކެވެ. އެއީ މީގެ ކުރީން ދުށުމުގެ ނަސީބު ލިބިފައިނުވާ މަންޒަރެކެވެ.
ރޭގަނޑުގެ ކެއުމަށްފަހު ބިލާލުއާ އަރްސަލްއާއި ރާދިންގެ ކައިވެންޏާ ގުޅޭ ގޮތުން އެ މީހުން ވާހަކަދެއްކިއެވެ. ވީ އެންމެ އަވަހަކަށް ކުރަންވީކަމުގައި ނިންމިއެވެ. ކުރިން ކައިވެނި ކުރަން ތަރީޚު ކަނޑައެޅީ އަރްސަލްއެވެ. އޭނާގެ ކައިވެނިކުރެވޭތާ ދެ ދުވަސްފަހުން ރާދިންގެ ކައިވެނި ކުރާގޮތަށް ހަމަޖެއްސިއެވެ. މުއްޠަލިބާއެކު ކައިވެނީގެ ކަންކަން މަޝްވަރާކުރުމުގައި ރާދިން ބައިވެރިވުމަށް ބިލާލު އެދުނެވެ. ކައިވެނި ހަފުލާ ބޭއްވުމަށް އެކަމުގެ މާހިރެއް ހޯދާ އޭނާއާ ހުރިހާކަމެއް ހަވާލުކުރާނީ ކަމުގައި ރާދިން ޚިޔާލުދިނެވެ. އަމިއްލައަށް ހުރިހާކަމެއް ރާވައިގެން ކުރަންވެއްޖެނަމަ ދިގުދެމިގެން ހިނގައިދާނޭކަމުގައި ވެސް ރާދިން ބުންޏެވެ. ކައިވެނީގެ ރަންކިއުމުގެ ހަފުލާއެއް ބާއްވަންވާނޭކަމުގައި ބިލާލު ޚިޔާލު ފާޅުކުރިއެވެ. ކައިވެނި ފޯމު ފުރާނީ އެ ހަފުލާގައިކަމަށް ބިލާލު ބުންޏެވެ. އެ ޚިޔާލު އަރްސަލްއާއި ރާދިން ވެސް ބަލައިގަތެވެ.
* * * * *
އަރްސަލްއަށް ނިމްރާގެ ގާތަށް އާދެވުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގޮސްފައި އޮތްވަރު ނިމްރާއަށް އަރްސަލް ކިޔައިދިނެވެ. އެކަމާ ނިމްރާ އިނީ ހިތްހަމަޖެހިފައެވެ. ނުކެރެވޭނެއޭ ހީކުރެވުނު ކައިވެނި ކުރެވެން އުޅޭކަމުގެ ހުރިހާ އަލާމާތެއް ފެންނަމުންދާތީއެވެ. އަރްސަލް ކުރާ މަސައްކަތް ވެސް ފެންނާތީއެވެ. އަރްސަލްގެ ވާހަކަތައް ނިމުމުން ނިމްރާ ދައްކަން އުޅުނު ވާހަކަ އޭނާ ބުންޏެވެ.
"އާ ޔޫ ޝުއާ ސްކާލެޓް" އަރްސަލް ޔަގީންކުރާ ފަދައަކުން އަހާލިއެވެ.
"ހޫމް! ޝުއާ... ދެތިންދުވަހުގެ ކަމެއްނު، އަހަރެން ވެސް ފޫހިފިލާނު، ޒިވަންއަކީ ކްލޯސް ފްރެންޑެއް، އަނެއްކާ ދުރުމީހެއްނޫން ދޯ... އޭނާގެ މަންމަ އެއީ" ނިމްރާ ބުންޏެވެ.
"އޭރުން އަހަރެން ކިހިނެއް މިހެން އައިސް ސްކާލެޓް ގޮވައިގެން އިންނާނީ" އަރްސަލް ބުނެލިއެވެ.
"މިހާރުއްސުރެ މެރީކުރެވެންދެން ޕްރެކްޓިސް ކުރޭ، މެރީކޮށްގެން ފެމެލީއާއެކު އުޅޭއިރު އަރްސަލްއަށް މިނިވަންކަން އޮންނާނީ ހަމައެކަނި ކޮޓަރީގައި، ސޯ އެކަމަށް އާދަވާނެއެއްނު" ނިމްރާ ހީނލިއެވެ.
"ދެޓްސް ނޮޓް ފަނީ އިނގޭ، އަހަރެން ބޭނުންތަނަކު އަހަރެން ބޭނުންކަމެއްކުރާނަން" އަރްސަލް މިހެންބުނެ ނިމްރާގެ ކަންފަތު ފޫޅުގަނޑުގައި ދަތްއެޅިއެވެ. އެހިނދު ނިމްރާ ތަދުވެގެން ހަޅޭލަވައިގަތެވެ. ސޯފާގައި އޮތް ކުޝަން ނިމްރާ ނަގައި އަރްސަލްގެ މޫނުގައި ޖެހިއެވެ. ދެ މީހުން ހެމުންހެމުން ސޯފާގައި އިހު ތިބިގެން ހަމަޖެހިލިއެވެ.
"އޯކޭ... ސްކާލެޓްގެ ތަނެއްމީ، ޒޭވިއާއަކީ ތިބުނާހެން ބެސްޓް ބަޑީއެއް، ކޮންކަމެއް ގޯސްވާން އޮންނާނީ ދޯ... ކުރިއަށް ލިބެންއުޅޭ އުފާވެރިކަމާމެދު ވިސްނާލާފައި އަހަރެން ފަކީރުދެން ދުރުގައި ހުރެވޭތޯ ބަލާނަން... ބަޓް ނޯ ގެރެންޓީ އިނގޭ، ޒޭވިއާ އެބައުޅޭ ކަންނޭނގެ އޮފީހުގައި، އަހަރެން ބުނާނަން އިނގޭ އޭނާ ގާތު، ސްކާލެޓް ރެޑީކުރަން ބޭނުންވާކަމެއް ހުރިއްޔާ ބުނޭ، ސާފުކުރަން ކުރިން ވެސް ހަމަޖައްސާފައި ހުންނަ ސްޓާފު އަންނާނެއެއްނު" އަރްސަލް ބުނެލިއެވެ.
* * * * *
"ކަމޯން ސަން... ޝޯ މީ ދި ވޭ" ހޮޓެލްގެ ލޮބީގައި މަޑުކޮށްލައިގެން ހުރި އަންހެންމީހާ ބުނެލިއެވެ. ކޮނޑުން ތިރިއަށް އޮތް ފަންއިސްތަށިގަނޑުގައިވަނީ "ޗެސްޓްނަޓް" ކުލަ ޖައްސާފައެވެ. ހަމުގެކުލަ އަލިވެފައި ދަންފުޅީގެ ބައްޓަން ލިބިފައިވާ ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކެވެ. ލާފައި ހުރީ ހަށިގަނޑުގެ ބައްޓަމަށް ހުރި "ޕެންސިލްޑްރެސް" އެކެވެ. ލޮލުގައިވާ ކަޅުކުލައިގެ ބޮޑު އަވިއައިނުން ލޯއެކީ ހުރީ ފޮރުވިފައެވެ. ރާއްޖޭން ބޭރުގެ "ސެލެބްރިޓީއެއް" އައިސްގެން އުޅޭ ފަދައެވެ. ހޮޓެލްގެ ގިނަބައެއްގެ ނަޒަރު އެދިމާއަށް ހުއްޓިފައި ހުއްޓެވެ. ޒިވަން އޭނާގެ މަންމައާ ހެދި ރަކިވެފައި ހުރި ގޮތަކަށް ހުރެ އެއްފަރާތަށް އިޝާރާތްކޮށްލިއެވެ. އޭރު ޕްރައިވެޓް އެލެވޭޓާއިން ނުކުމެގެން އެ ދިމާއަށް ނިމްރާއާއި އަރްސަލްގެ އިތުރުން ރާދިން އަންނަނީއެވެ. ޒިވަންއާއެކު ހުރި އޭނާގެ މަންމަގެ ފިޔަވަޅު ހުއްޓުމަކަށް އައެއެވެ. އަދި ލޮލުގައިވި އައިނު އޭނާ ނެގިއެވެ.
"ޝީ އިޒް ހިއާ... މަންމާ، އެއީ ނިމް" ޒިވަންއަށް އޭނާގެ މަންމަގެ ނަޒަރު ހުއްޓިފައި ހުރީ ނިމްރާއަށްކަން އެނގުމުން ބުނެލިއެވެ. (ނުނިމޭ)