ހޮލީވުޑް

ގޭމް އޮފް ތްރޯންސް: ވެސްޓަރޮސްގެ ތަހުތު ލިބެން ޖެހެނީ ކާކަށް؟

އެޗްބީއޯގެ މި އާދަޔާހިލާފު ޑްރާމާގެ ފަސް ވަނަ ސީޒަން ނިމުމަކަށް އަންނައިރު، މި ސީރީޒްގައި ދައްކުވައިދޭ ހިޔާލީ ބައްރު، ވެސްޓަރޮސްގެ ތަހުތު ލެނިސްޓާސް އަތުން ގެއްލި އެހެން ބައެއްގެ އަތަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނުބައި ނުލަފާ ކަމަށް މަޝްހޫރު އަދި މިހާރު ވެސް ނުހައްގުން ތަހުތަށް ވެރިވެގަނެގެން ތިބި ލެނިސްޓާސްތަކަށް ފަހު މި ތަހުތު ނުވަތަ އޭގެ މަޝްހޫރު ނަމުން ނަމަ، އަޔަން ތްރޯން ވެރިކުރުމަށް ހަތިޔާރު ނަގާފައިވާ އެހެން އާއިލާތަކަކީ ޓާގޭރިއަން އާއި ބެރޭތިއޮން އަދި ޓައިރެލް އާއި އެންމެންގެ ފެވަރިޓް ސްޓާކްސް އެވެ.

ސީޒަން ނިމުމަކަށް އަންނައިރު މަދަ އޮފް ޑްރެގަންސް ނުވަތަ ޓާގޭރިއަން އާއިލާގެ ފަރާތުން ތަހުތު ލިބެން ޖެހޭ ރާނީ ޑައެނެރީސް އެ ގެންދަނީ މިހާރު ވެސް ވެރިކަމުގެ ފުރޮޅު ހަލާކުކޮށް ތަހުތާ ހެދި އުޅޭ އެހެން އެންމެންގެ ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރު ދެމުންނެވެ.

އެހެންވީމަ ވެސްޓަރޮސްގެ ހިޔާލީ ދުނިޔޭގައި ވެރިކަމާ ތޮޅޭ މި އާއިލާތަކުން ތަހުތަށް ދައުވާކުރާ ފަރާތްތަކަށް ބަލާލަމާ ހިނގާށެވެ. 

މިހާތަނަށް މުޅިން ވެސް ފެނިގެން ދިޔައީ ކިންގްސް އެވެ. ކުއީން އަކު އަދި ނުފެނެ އެވެ.

މިއީ މިހާރު އަޔަން ތްރޯންގައި އިންނެވި ރަސްކަލެވެ. އަދި ވަރަށް ވެސް ކުޑަކުއްޖެކެވެ. އޭނާ އަށް ތަހުތު ލިބުނީ އޭނާގެ ބޭބެ، ޝޯގެ އެންމެ މަޝްހޫރު ކިންގް، ޖޮފްރީގެ މަރާ ގުޅިގެންނެވެ.

އެކަމަކު މިއީ ބެރޭތިއޮން އާއިލާގެ މެމްބަރެއްކަމެއް ނުވަތަ އޮރިޖިނަލް ލެނިސްޓާއެއް ކަމެއް ވެސް އަދި ނޭނގެ އެވެ. ޖެހޭނީ ޑީއެންއޭ ޓެސްޓެއް ހަދާށެވެ.

ކޮންމެއަކަސް މިއީ މިހާތަނަށް ޝޯ އިން ފެނިގެންދިޔަ އެންމެ ދެރަވަރު ރަސްގެފާނެވެ. އޭނާގެ ހުރިހާ ބާރެއް ކޮންޓްރޯލްކުރަނީ އޭނާގެ މަންމަ އެވެ. އަނެއްކޮޅުން އޭނާގެ މަންމަ މިހާރު އެ އޮތީ ޖަލުގަ އެވެ. އަދި ލެނިސްޓާސްގެ ބާރު އެ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުންނެވެ.

އެހެންވީމަ ޓޯމެންގެ ވެރިކަމަށް ދެން މާ ގިނަ ދުވަހެއް ވާނެ ހެންނެއް ހީއެއް ނުވެ އެވެ.

ތަހުތު ލިބެން ޖެހޭ ފަރާތަކީ މިއީ ކަމަށް ބުނެ ޑައެނެރީސް ނުވަތަ މަދަ އޮފް ޑްރެގަންސް އިން ކުރާ ދައުވާ އަކީ އެހެން އެންމެނަށް ވުރެ ބާރުގަދަ ދައުވާއެކެވެ. އަނެއްކޮޅުން އޭނާގެ ބާރު ވެސް އެހާ ގަދަ އެވެ.

ކްއީން އޮފް މީރީން ނުވަތަ ހާލީސީގެ ނަމުން ވެސް މަޝްހޫރުވެފައިވާ، ޑައެނެރީސްގެ އަތުގައި ނިކަން ވަރުގަދަ ލަޝްކަރެއް އޮތްއިރު ބޮޑުވެފައި އޮތް ތިން ޑްރެގަން ވެސް އޭނާގެ ހިމާޔަތުގައި އެބައޮތެވެ.

އެހެންވީމަ މިއީ ފަހަރެއްގައި ވެސްޓަރޮސްގައި ހުރި އެންމެ ބާރުގަދަ މީހާ އެވެ. އަނެއްކޮޅުން މުޅި ބައްރުގައި ވެސް ހުރި އެންމެ ބޮޑު ބުއްދިވެރިޔާ، ޓީރިއޮން ލެނިސްޓާ އެ ވަނީ މަދަ އޮފް ޑްރެގަންއާ އަތާއި އަތް ގުޅާލައިފަ އެވެ.

ތަހުތަށް ސްޓެނިސް ކުރާ ދައުވާ އަކީ ވެސް ވިސްނާލާވަރުގެ ދައުވާ އެކެވެ. އަނެއްކޮޅުން މިއީ ވެސް ބާރުގަދަ ލަޝްކަރެއް ގޮވައިގެން ތަހުތު އަތުލަށް ނުކުމެގެން އުޅޭ މީހެކެވެ.

މިއީ ޖޮފްރީ އާއި ޓޯމެންގެ ކުރިން ތަހުތުގައި ހުރި ރޮބަޓް ބެރޭތިއޮންގެ ކޮއްކޮ އެވެ. އޭނާ އަށް ތަހުތު ނުލިބި ލެނިސްޓާ އާއިލާގެ ނަހަލާލު ދެ ފިރިހެން ދަރިންނަށް ތަހުތު ލިބުނީމަ ނިކަން ރުޅިއަރައިގަނެގެން އުޅޭ ފަހުލަވާނެކެވެ.

ވަރަށް ގިނަ ފޭނުން ބުނާ ގޮތުން ކިންގެއްގެ އަސްލު ސިފަ ޖެހިފައި ވަނީ ސްޓެނިސްގެ ގައިގަ އެވެ. އެކަމަކު އޭނާ އަނީ ބޮޑު ގާތިލެއް ވެސް މެ އެވެ.

މިއީ ޒޮމްބީންގެ ގޮތުގައި މި ޝޯގައި ބެލުންތެރިން ބިރު ގަންނަވަމުން އަންނަ ވައިޓް ވޯކާސްގެ އެންމެ އިސްވެރިޔާ އެވެ. އެންމެފަހުން މިކަލޭގެއަކު ވެސް އަޔަން ތްރޯންގެ ރޭހަށް މި އޮތީ ނުކުމެފަ އެވެ.

މިއީ ހުރިހައި ގޮތަކުން ވެސް އެންމެނަށް ވުރެ ބާރުގަދަ ލަޝްކަރެއްގެ ވެރިއެކެވެ. ސަބަބަކީ އޭނާގެ ސިފައިން މަރުވެފައި ތިބީމަ އެވެ. އަލުން ދިރިގެން އަންނާތީ އެވެ.

މި ސޮރަށް ވާން އުޅޭ ގޮތެއް އަހަރެމެންނަށް ނޭނގެ އެވެ. އަދި ޖޯން ސްނޯއަކަށް ވެސް ނޭނގެ އެވެ.

ބުނެވޭ ގޮތުގައި މި ސީޒަން ނިމޭއިރު ނައިޓްސް ވޮޗުގެ ސިފައިން ސްނޯ އަށް ދޯކާދީ އޭނާ މަރާލަ އެވެ.

ކޮންމެއަކަސް މިއީ ވެސް އަޔަން ތްރޯންގެ ފެވަރިޓެކެވެ. އެއްގޮތަކަށް ތަހުތު ނުލިބިގެން އޭނާ އުޅެނީކީއެއް ނޫނެވެ. މި ސޮރު ރީތިކަމުން މި ޝޯއެއް ބަލާ ހުރިހައި އަންހެން ކުދިން އޭނާ އަޔަން ތްރޯންގައި ބަހައްޓަން ބޭނުންވަނީ އެވެ.