ހަބަރު

ބަސް ދަތުރުތައް މާދަމާ، ތިން ދުވަސް ހިލޭ!

މާލެއާއި ހުޅުލެއާ ދެމެދު ބްރިޖުން ގުޅާލުމާއި ގުޅިގެން، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ފަށާ ބަސް ދަތުރުތައް ފުރަތަމަ ތިން ދުވަހު ހިލޭ ކޮށްދޭން، އެ ހިދުމަތްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ. މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފަށާނީ، އާންމު ދަތުރުފަތުރަށް މާދަމާ ބްރިޖް ހުލުވާލުމުންނެވެ. ބްރިޖް ހުޅުވާ ގަޑި ހައުސިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ، ބްރިޖް މެދުވެރިކޮށް މާލެއާއި ހުޅުމާލެއާ ދެމެދު މާދަމާ ފަށައިގަންނަ ބަސް ދަތުރުތައް ހިލޭކުރަން ނިންމާފައިވަނީ އެ ހިދުމަތް ރަސްމީކޮށް ހުޅުވުމުގެ ކުރިން ބަސް ދަތުރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ހިލޭ ބަސްދަތުރުތައް ކުރިއަށްގެންދާނީ ދެ ތިން ދުވަހަށް ކަމަށް ވެސް ވިދާޅުވި އެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު އޮންނަ ބަސް ދަތުރުތަކަށް ނަގާ ފީއެއް އަދި ނޭނގެ އެވެ. ނަމަވެސް ދަތުރުތަކަށް ނަގާ ފީއާއި ބަސް ސްޓޭޝަން ތައް ގާއިމްކުރާ ތަންތަނާއި ޝެޑިއުލް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

"މާލެއާއި ހުލުމާލެއާ ދެމެދު ބަހުގެ ހިދުމަތްދޭން ނުވަ ބަސް މިހާރުވެސް އެބައޮތް ތައްޔާރުގައި. އެހެންވީމަ މާދަމާ ހިދުމަތް ފަށައިގަންނައިރު އެ ހުރިހާ ބަހެއް އޮޕަރޭޝަނަށް އަންނާނެ،" އެމްޕީއެލްގެ އޮފިޝަލު ވިދާޅުވި އެވެ.

ބްރިޖް ހުރަސްކޮށް ހުޅުމާލެއާއި ދެމެދު ކުރާ ބަސް ދަތުރުތައް މާދަމާ ފަށާއިރު، ހިދުމަތް ރަސްމީކުރަންދެން ދަތުރުތައް އޮންނާނީ ޕީކް ގަޑިތަކުގައި އެކަންޏެވެ.

އެމްޕީއެލް އިން ބުނީ މާލެ-ހުޅުމާލެ ބަސް ދަތުރުތައް ނުވަ ބަހާއެކު ފެށި ނަމަވެސް އެ އަދަދު ކުރިއަށް އޮތްތަނުގައި 22 އަށް އިތުރުކުރާނެ ކަމަށެވެ. އަލަށް ގެންނަ ބަސްތަކުގެ ތެރޭގައި ޑަބަލް ޑެކް ބަސްތައް ވެސް ހިމެނޭނެ އެވެ.