އޭޑީކޭ ހޮސްޕިޓަލުން ހިންގަމުން އަންނަ ސުކޫލް އޮފް ހެލްތު ސައިންސްގެ ދަސްވެނިވުން މިއަދު ބާއްވައިފި އެވެ. ޗަމްޕާ ސެންޓްރަލްގައި އޮތް މި ހަފްލާގައި 12 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ. މި ހުރިހާ ކުދިން ދަސްވެނިވީ އެ ސުކޫލްގައި ހިންގި ފުރަތަމަ ކޯސް، އިމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހުންނެވެ.
މި ހަފްލާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ ރައީސް ނަޔާޒް އަހްމަދު އެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އާއި އެ ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި އަދި ޑޮކްޓަރުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޔާޒް ވިދާޅުވީ، ރާއްޖޭގައި މި ދާއިރާއިން އަދި އެއްވެސް ފަރާތެއް ޓްރެއިންކުރެވިފައި ނުވާކަމަށާއި މި ދާއިރާއިން ރާއްޖޭގައި ޓްރެއިންވި ފުރަތަމަ 12 ކުދިންގެ ފަހުރު މި ދަރިވަރުންނަށް ލިބިގެންދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
މި ކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެކުގައިކަން ފާހަގަކުރަމުން، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވީ މިކަން ކާމިޔާބު މިވީ ފަސް އަހަރުގެ ދިގު އިންތިޒާރަކަށްފަހުގަ އެވެ. މިފަދަ ކޯހެއް ހިންގުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނުކަމަށްވެސް އައްފާލް ވިދާޅުވި އެވެ.
"ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ކޮންމެ ތާކުންވެސް މި ކުދިން ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ، އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ގިނަ ކޯސްތައް އޭޑީކޭ ސްކޫލް އޮފް ހެލްތު ސައިންސުން ހިންގާނެ،" އައްފާލް ވިދާޅުވި އެވެ.
އިމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހަށް އިތުރު ބެޗެއް ނެގުމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މިއީ ތިން މަސްދުވަހުގެ މުއްދަތަކަށް ހިންގާ ކޯހެކެވެ. މިއީ ރާއްޖޭގައި މިފަދަ ކޯހެއް ބޭއްވި ފުރަތަމަ ފަހަރެވެ.