ހަބަރު

ތޮއްޑޫގެ ނަރުދަމާ ޑިޒައިން ކުރަން، ރަސްދޫގެ ފެނުގެ ނިޒާމް ގާއިމްކުރަން ސޮއިކޮށްފި

އއ ތޮއްޑޫގެ ނަރުދަމާގެ މަސައްކަތް ފަށަން އެ މަސައްކަތް ޑިޒައިންކޮށް އީއައިއޭ ހެދުމަށާއި އެ އަތޮޅު ރަސްދޫގައި ފެނުގެ ނިޒާމެއް ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެންކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން މެނޭޖިންޑިރެކްޓަރު ފަޒުލް ރަޝީދެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެދަށުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރަސްދޫގައި ފެނުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށަން ވަނީ ހަމަޖެހިފަ އެވެ. ޑިޒައިން މަސައްކަތާއި އީއައިއޭގެ މަސައްކަތް މިހާރު ނިމިފައިވާ އެ މަޝްރޫއަށް ސަރުކާރު ބަޖެޓުން 28.45 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.

ރަސްދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމާއެކު، ތޮއްޑޫގެ ނަރުދަމާ ގާއިމްކުރަން އީއައިއޭ އާއި ޑިޒައިން ހަދަން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމާ ބެހޭގޮތުން މިނިސްޓަރު ތޯރިގް މިއަދު ވިދާޅުވީ، ތޮއްޑޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވަނީ ނަރުދަމާގެ ކަންތައް ކަމަށާއި އެރަށުގައި ނަރުދަމާއެއް ގާއިމް ކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން އެރަށަށް ވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.