ހަނިމާދޫ

އެއާޕޯޓެއް އޮވެ، ތަރައްގީ ނުވި ހަނިމާދޫ

މޯލްޑިވިއަންގެ ބޯޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް 40 ހަކަށް މިނެޓްގެ ދަތުރަކަށްފަހު މި އާދެވުނީ ހދ. ހަނިމާދޫ އަށެވެ. މިއީ، ރާއްޖޭގެ އުތުރުގެ އެންމެ މުހިންމު އެއްރަށެވެ. ބޮޑު ތިލަދުންމަތީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މައި ރަށެވެ. މިއީ އެއް ޒަމާނެއްގައި އިގްތިސާދުގެ މައި ހަބުގެ ގޮތުގައި ތަސައްވަރު ކުރެވުނު ރަށެކެވެ. މި ރަށަށް އައުމުގެ ކުރިން މި ރަށާ މެދު ހިތުތެރޭގައި ކުރަހާލެވިފައި އޮތް ބޮޑު މަންޒަރާއި، ފެނުނު މަންޒަރު ވަރަށް ވެސް ތަފާތެވެ. މި ރަށުން މި ފެނުނީ އެއްގޮތަކަށް ވެސް އުމްމީދު ކުރި މަންޒަރެއް ނޫނެވެ. މި ރަށާ މެދު ބޮޑު އުމްމީދުތައް އޮންނަން ޖެހޭ ސަބަބުތައް ބައިވަރެވެ.

ބޯޓުން ފައިބައިގެން ގޮސް، ޓާމިނަލްއަށް ވަންނަން ދިޔައިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް" ބޮޑު އަކުރުމުން ޖަހާފައިވާ ބޮޑު ބޯޑެކެވެ. އެހެން ވީމާ، ހީކުރެވުނީ މިއީ ތަރައްގީގެ މައި ރަށެއް ކަމަށެވެ. ފުރަމާލޭގައި ނޫނަސް، އަތޮޅު ތެރޭގައިވެސް މިފަދަ އެއާޕޯޓްތައް ހަދަނީ އެ ރަށެއް ތަރައްގީ ކުރުމުގެ ބޮޑު ތަސައްވަރެއް ބާއްވައިގެން އެވެ. ތަރައްގީގެ ކުލަވަރުތަކެއް ހަނިމާދޫއިން ފެންނާނެ ކަމުގެ އުމްމީދުތައް އާކޮށް އެ މަންޒަރު ކުރެހީ މި ހިސާބުން އެވެ.

އެހެން ނަމަވެސް ޓާމިނަލްގެ ތެރެއިން ވަދެ، ހިނގާފައި ދިޔައިރު ފެނުނީ އުމްމީދުކުރި މަންޒަރެއްނޫނެވެ. އެއާޕޯޓްގެ ނަންބޯޑްގައި "އިންޓަނޭޝަނަލް" ޖަހާފައިވީނަމަވެސް އެފަދަ ފެސިިލިޓީސްތަކެއް ނުވަތަ އާލާތްތަކެއްވެސް އެތަނުން ފެންނާކަށް ނެތެވެ. "އިންޓަނޭޝަނަލް" ވީ ނަމަކަށެވެ. މި އެއާޕޯޓަށް 28 އަހަރަށް ވުރެ ގިނަދުވަސްވީ އިރު މިއީ މި އިންޓަނޭޝަނަލް އެއާޕޯޓްގެ ކުޑަކުޑަ ވާހަކައެކެވެ.

ދަންވެފައި ހުރުމުން، ހަނިމާދޫގެ ރަށުތެރެ ބަލާލުމުގެ ނަސީބު އެރޭ ނުލިބުނެވެ. އެކަމަކު ޔަގީންވި އެއް ކަމަކީ މީހުން އުޅޭ ސަރަހައްދާއި އެއާޕޯޓާ ގުޅޭ ހައިވޭ އެއްވެސް ވަރަކަށް ހެދިފައެއް ނެތެވެ. އެ މަގުގެ އަޑިކުޑަންތައް ގިނަކަމުން ދުއްވާ އެއްޗެއްގައި އެ މަގުން ދަތުރު ކުރަން ޖެހެނީ ހާލުން އެވެ. އަލިކަމެއް ވެސް އެ މަގުގައި މަދުން ނޫނީ ނެތެވެ. ހެނދުނުގެ ނާސްތާ ނެގުމަށް، ރެސްޓޯރެންޓަކަށްދާން މިސްރާބު ޖެހި ހިސާބުން މި ރަށަކީ އަދި ހީކުރެވުނުވަރާ ގާތަށްވެސް ތަރައްގީ ކުރެވިފައިނެތް ރަށެއްކަން ކަށަވަރު ވެއްޖެ އެވެ.

މި ރަށުގެ މީހުންގެ އިތުރުން ތިން ރަށެއްގެ މީހުން މި ރަށަށް ވަނީ މީގެ އަހަރުތަކެއް ކުރިން ބަދަލުކޮށް އާބާދުކޮށްފަ އެވެ. ހަތިފުށި، މާފިލާފުށި އަދި ހޮނޑައިދޫގެ ބައެއް އާއިލާތައް މި ރަށުގައި ވަނީ ވަޒަންވެރިކޮށްފަ އެވެ. އެހެން ނަމަވެސް އެކަމުން ވެސް ރަށުގެ އުމްރާނީ ތަރައްގީއަސް ހެޔޮ ބަދަލެއް އައިކަމުގެ ކުލަވަރެއް ނުފެނެ އެވެ.

ހަނިމާދޫ އެއާޕޯޓަށް ޒަމާންގަނޑެއްވެފައިވާ އިރު، އެ އެއާޕޯޓްގެ ހަގީގީ މަންފާ އެ ރަށަށް ނުލިބި އޮތީ ކީއްވެ ހެއްޔެވެ؟ މިއީ އެންމެ ބޮޑު ސުވާލެވެ. އާބާދީ އެއްފަސްކުރި ނަމަވެސް އެކަމުން ތަރައްގީ ނައީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ގޮތަކުން ވެސް ތަރައްގީގެ ރޮގުން މި ރަށް މި އޮތީ ފެއިލްވެފަ އެވެ. ދެން ސުވާލަކީ ސަބަބަކީ ކޮބައި ހެއްޔެވެ؟

އެ ރަށުގެ ޒުވާނަކު ބުނި ގޮތުގައި އެއް ފަސްގަނޑެއްގައި އެއާޕޯޓް އޮތަސް ހަނިމާދު އާއި އެއާޕޯޓާ މާބޮޑު ގުޅުމެއް ނެތެވެ. އެއާޕޯޓްގައި އެރަށު ބަޔަކު މަސައްކަތް ކުރި ނަމަވެސް، އިގްތިސާދީގޮތުން ނަފާ ހޯދޭނެ މާ ބޮޑު ވިސްނުމެއް އެ އެއާޕޯޓާ އެކު ގެނެވިފައެއް ނުވެ އެވެ. އަދި އެފަދަ ވިސްނުމެއް އެކުލަވާލައި ހަގީގަތަކަށް ހަދާނެ ޕްލޭނެއް ވެސް ނެތެވެ.

ރަށުގެ ހާލަތު އިތުރަށް ތަފްސީލް ކުރާ ނަމަ ހަނިމާދޫގެ މަގު ބައްތިތަކުގެ ތެރެއިިން ރޭގަނޑު ދިއްލެނީ ވަރަށް މަދު ބައްތިއެކެވެ. ރަށުގެ ބޮޑުބައި އޮންނަނީ އަނދިރީގައެވެ. ހަތިފުށިން ހަނިމާދޫއަށް ބަދަލުވި މޫސާ އަލީ، ކިޔައިދިން ގޮތުން އެ މީހުން އެ ރަށަށް ބަދަލުވީ ތަރައްގީގެ އާ ޒަމާނެއް ދެކުމުގެ އުންމީދުގަ އެވެ. އެކަމަކު އޭނާގެ ދިރިއުޅުން އަސްލު އޮތް ހަތިފުއްޓާއި އެ ރަށާ މާ ބޮޑު ތަފާތުތަކެއް އޭނާއަކަށް ނުފެނުނެވެ. ވަކި ލިބުނު އާ ފަސޭހަތަކެއް ހިދުމަތްތަކެއް އޭނާއަށް ނުލިބުނެވެ. މިއީ މި ރަށު ރައްޔިތުންގެ ޝަކުވާއެކެވެ.

ރަށުގެ މަގުތަކާއި އިމާރާތްތަކަށް ބަލައިލުމުން ވެސް ފެންނަނީ ފަޅުކަމެވެ. ތަރައްގީ އާއި އާރާސްތުގެ ކުލައެއް މި ރަށުގެ ތެރެއިން ނުފެނެ އެވެ. ފެންނަނީ ފަޅުކަމެވެ. މި ސަރުކާރުގައި ފަށައިގަތް މަގުތަކުގައި ތާރައަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފިޔަވާ އުމްރާނީ ތަރައްގީގެ އެހެން މަސައްކަތެއް ކުރިއަށް ދާތަނެއް ނުފެނެ އެވެ. އެކަމަކު އެ މަޝްރޫއު ވެސް ދަނީ އެހާ ބާރު ދުވެލީގައެއް ނޫނެވެ. އެ މަސައްކަތް ކުރަން ކޮނުނު ފަސްތައް ގިނަ ދުވަސްވެ މަގުތަކަށް ފެތުރި ދުއްވާ އެއްޗެއް ދުއްވާލަން ވެސް ވަނީ އުނދަގުލަކަށެވެ.

ރިވެޓްމެންޓް ނުޖެހުމުގެ ސަބަބުން ރަށުގެ އަތިރިމަތިން ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ވަނީ ގިރާ ހުސްވެފަ އެވެ. އަދިވެސް ރަށް ގިރުންދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. އެކަމަކު ހަނިމާދޫއަކީ ކްރައިމް ފްރީ ރަށެކެވެ. ހާއްސަކޮށް، މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލަ އެރަށުގައި އެއްގޮތަކަށް ވެސް ނެތެވެ. ތަހުޒީބުގެ ގޮތުން މި ރަށް ހަމަ އެއްވަނަ އެވެ.

ސުވާލަކީ މި ހުރިހާ ކަމެއް މިހެން ހުރި އިރު، އަދި އިންޓަނޭޝަނަލް ވައިގެ ބަނދަރެއް އޮވެމެ، ހަނިމާދޫ ތަރައްގި ނުވެ އޮތީ ކީއްވެހެއްޔެވެ؟ އެ ސުވާލަށް އެއްބަޔަކު ބުނަނީ، މައްސަލައަކީ އެއްވެސް ސަރުކާރެއްގައި އެ ރަށާ މެދު ތަރައްގީގެ ތަސައްވުރެއް ގެންގުޅެފައި ނެތުމެވެ. ރަށާ ގުޅުން ހުރި އެކި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ރަށް ތަރައްގީ ކުރުމަށް ބާރު ނޭޅުމަކީ ވެސް އެ މީހުންގެ ޝަކުވާއެކެވެ. އެ މީހުން ބުނާ ގޮތުގައި މިއީ ސިޔާސީ ވެރިން އިހުމާލުކޮށްލާފައިވާ ރަށެކެވެ. އެންމެން ވެސް އެ ރަށް ބޭނުން ކުރަނީ ނިދާލަން އަރާލާ ރަށެއްގެ ގޮތުގަ އެވެ.

ޓޫރިމާއި އެހެން ވެސް އިގްތިސާދީ ސިނާއަތްތަކަށް މި ރަށް މިއީ ހަމަ މަރެކެވެ. ރީތި ގޮނޑުދޮށްތަކާއި ސާފު ނޫވިލު މޫދާ އެކު މިއީ ރީތިކަމުގެ މިސާލެކެވެ. އެކަމަކު ކުނި ރަނގަޅަށް މެނޭޖް ނުކުރެވި ގޮނޑުދޮށާއި މޫދު އަންނަނީ ކުނިން ފުރި ރަށް ވެސް ގޮޑުވަމުން އެވެ. އެކަމަކު ޒުވާނުންގެ ޝަކުވާ އަކީ އެކަމާ އަޅާލާނެ ބަޔަކު ނެތުމެވެ. އެކަން ކަން ރަނގަޅު ކުރަން ވާހަކަ ދެއްކިޔަސް އެކަން އިސްލާހު ކުރަން ޕޮލިސީ ލެވަލްގައި މަސައްކަތް ނުކުރެވުމެވެ. އެކަށީގެންވާ ހައްލުތަކެއް ހޯދައިނުދެވުމެވެ.

ރަށު މީހުން ފައިސާ ނެގުމަށް ވެސް ދިގު ދަތުރުކޮށްފައި ދާން ޖެހެނީ އެއާޕޯޓްގައި ހުންނަ އޭޓީއެމްއަށެވެ. އެއީ އެންމެ އޭޓީއެމް އެކެވެ. އެތަނަށް މައްސަލައެއް ޖެހިއްޖެ ނަމަ ފައިސާ ނަގަން ވެސް މި ރަށު މީހުން އަރައިފުރައިގެން ދަނީ ކައިރި ރަށްރަށަށެވެ. ހަނިމާދޫ އަކީ ހަތަރު ރަށަކަށް ނިސްބަތްވާ މީހުންގެ އުންމީދާ ގުޅިފައިވާ ރަށެކެވެ. އެކަމަކު އެ އުންމީދުތަކުގައި ކުލަ ޖެހޭނެ ދުވަހެއް ވެސް މި ރަށުގެ ރައްޔިތުންނަށް ނޭނގެ އެވެ. އެކަމުގެ ހެއްކަކަށް ހަނިމާދޫގެ މަގުތަކާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ފުދެއެވެ. އެ މީހުންގެ އެދުމަކީ މި ހާލަތު ބަދަލުވުމެވެ.