ހަނިމާދޫ

ހަނިމާދޫގެ އުންމީދާ ގުޅޭ ކޮޗިން ދަތުރުތައް

ހަނިމާދޫ އިން: މުހައްމަދު އަފްރާހު
Oct 28, 2019
6

މިއީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރިތާ ހަ އަހަރު ވެފައިވާ، ހަނިމާދޫ "އިންޓަނޭޝަނަލް" އެއާޕޯޓެ؛ ބޯޓުން ފޭބުމާއެކު ފެނުނީ ވީރާނާ ކަމެވެ. މާ ބޮޑު ދިރުމެއް ނެތް ކަމުގެ ނިޝާންތަކެވެ. އެއާޕޯޓުން ބޭރަށް ނުކުންނަ އައިއިރު ގޭޓު ހުރީ ތަޅުލާފަ އެވެ. އެ ދޮރު ހުޅުވާލައި ދިނީ އިރުކޮޅެއްވީ ފަހުން އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފަކު އައިހެވެ. މި އެއާޕޯޓްގެ ނަން ބަދަލު ކުރުން ނޫން ބަދަލެއް ނުއެއް ފެނެ އެވެ. މި ރަށުގެ ރައްޔިތުން ވެސް ދެކެނީ އެގޮތަށެވެ. އެކަމަކު މިއަދު ހަނިމާދޫ އިން އިންޑިއާގެ ކޮޗިން އަށް ގައުމީ އެއާލައިން މޯލްޑިވިއަން ފަށާ ދަތުރުތަކާއެކު މިކަން ބަދަލުވެ ރަށަށް ދިރުން ލިބޭނެ ކަމަށް ރަށުގެ ގިނަ މީހުން ތިބީ އުންމީދު،ކޮށްގެނެވެ.

"ރައީސް ވަހީދުގެ ވެރިކަމުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރީ. އެކަމަކު އެއީ ހަމަ ނަމެއްގައި އޮތް ކަމެއް. އަނެއްހެން އެއްވެސް ކަމެއް ނެތް. އެކަމަކު އިތުރު މަންޒިލް ތަކަށް ދަތުރު ފެށީމަ ރަނގަޅުވެގެން ދާނެ،" ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވި އެވެ.

ހަނިމާދޫގެ އާބާދީގައި 2،237 މީހުން ހިމެނެ އެވެ. އެވެ. ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ސަރުކާރުގެ އިދާރާތައް މިރަށުގައި ގިނަ ވެސް މެ އެވެ. މި ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު ކަސްޓަމާއި އިމިގްރޭޝަން އަދި މެޓް އޮފީހާއި މއެނޫން ވެސް ސަރުކާރުގެ ގިނަ އޮފީހެއް ހުރެ އެވެ. އެހެންވެ ރަށުން ބޭރު ނުވެ ގިނަ އަދަދެއްގެ ރައްޔިތުން ރަށުގައި މަސައްކަތް ކުރެ އެވެ. މި ރަށުގެ އާބާދީގެ ގިނަ ބަޔަކު އުޅެނީ ރަށުގަ އެވެ. އިތުރު ދެ ރަށެއްގެ ރައްޔިތުން ވެސް ހިޖުރަކޮށް މިރަށުގައި ދިރިއުމުން ދެއެވެ. މި ރަށުގައި ވެސް މިހާރު ކުރިއަރަމުން އަންނަ އެއް ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރި އެވެ. އަދި ބޭރުގެ ބްރޭންޑަކުން މި ރަށުގައި ސިޓީ ހޮޓަލެއް ވެސް ހިންގަ އެވެ.

ގްރޭޑް 10 އަކަށް ކިޔަވައި ދޭއިރު، މިދިޔަ އަހަރު މަތީ ސާނަވީ ގްރޭޑު ތަކަށް ކިޔަވައިދިނެވެ. ނަމަވެސް ބޭނުންވާ ވަރަށް ކުދިން ނުލިބުން މިހާރު ވަނީ ގްރޭޑް 11، އަދި 12 އަށް ކިޔަވައި ދިނުމެއް ނެތެވެ.

ހަނިމާދޫ އިކޮނޮމީ

  • އަށް ގެސްޓް ހައުސް
  • މަސްވެރިކަމާއި ދަނޑުވެރިކަން ކުރޭ
  • ރަށުގައި ކެފޭ / ރެސްޓޯރެންޓް
  • ގިނަ ބަޔަކު ސަރުކާރު ވަޒީފާގައި
  • އިންޓަނޭޝަނަލް އެއާޕޯޓެއް

މި ރަށަކީ ރާއްޖޭގެ މަދު ރަށެއްގައި ނެތް، "ނަސީބެއް" ވެސް ލިބިފައިވާ ރަށެވެ. އެއީ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ފައްކާވެފައި ވުމެވެ. އަދި ރަށުގެ ބޮޑެތި މަގުތަށް ފެންވަރު ރަނގަޅުކޮށް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ވަނީ މިދިޔަ ސަރުކާރުން ފަށާފަ އެވެ. މިހާރު ހިނގަނީ އެ ކަން ނިންމުމުގެ މަސައްކަތެވެ.

މި ހުރިހާ ކަމެއް ހުރުމާއެކު ރަށުގެ ރައްޔިތުން މިހާރު ބޭނުން ވަނީ ނަމެއްގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓަށް ދިރުން ލިބޭ ށެވެ. މި އުންމީދުގައި ތިބީ މި ރަށުގެ ރައްޔިތުން އެކަންޏެއް ވެސް ނޫނެވެ. މުޅި އަތޮޅު ވެސް ހަމަ އެ އުންމީދުގަ އެވެ.

ރަންވޭ ބޮޑު ކުރަން ޖެހިފައި

އަބްދުއްސަލާމް ވިދާޅުވި ގޮތުގައި އެއާޕޯޓު ބޮޑު ކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފަ އެވެ. އެހެންވެ އެކަން މިހާރު އަވަސް ކުރުން މުހިންމު ވެފައި ވެއެވެ،

"މިހާރު މި ޖެއްސެނީ މޯލްޑިވިއަންގެ ކުދި ބޯޓު ފަަހަރު. އެކަމަކު މިކަން ކުރިއެރުވެން އޮތީ ރަންވޭ ބޮޑު ކޮށްގެން އޭރުން ބޭރުން އަންނަ ބޯޓު ފަހަރަށް ޖެއްސޭނީ،" އަބްދުއްސަލާމް ވިދާޅުވި އެވެ.

މޯލްޑިވިއަން މިހާރު ވެސް ހަނިމާދޫން ހަފުތާއަކު ދެ ފްލައިޓް ޓްރިވެންޑްރަމް އަޅަ އެވެ. އަދި މިއަދު ފަށާ ދަތުރުތަކާއެކު ކޮޗިން އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މިއާއެކު ހަނިމާދޫ އެއާޕޯޓަށް އަޅާ ފްލައިޓުގެ އަދަދު ފަހަކަށް އިތުރު ވާނެ އެވެ.

މި ރަށުގެ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ޓްރިވެންޑްރަމް ދަތުރުގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ ކޮޗިން ދަތުރުގެ ފައިދާ ބޮޑުވާނެ އެވެ.

"މިހާރު ވެސް ޓްރިވެންޑްރަމް އަށް ގޮސް އެއްގަމުން އެހެން ތަންތަނަށް ގޮސް ބައެއް މީހުން މުދާ ގެނޭ. ޓްރިވެންޓްރަމް ވާގޮތަކީ އެތާކު އެއްޗެއް ނުހުރޭ. އެކަމަކު ކޮޗިންގައި އޮންނާނެ ތަކެތި. ފުރުޓް ހުންނާނެ. އަގު ހެޔޮ ވެސް ވާނެ. އެހެންވީމަ މިއީ ލިބޭނެ ފުރުސަތެއް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބަލި މީހުން އުފުލަން ބޮޑު ފަސޭހައެއް

ކޮޗިން - ހަނިމާދޫ ދަތުރުގެ ފައިދާ ކުރާނެ އެއް ބަޔަކީ ބަލި މީހުންނާއި އާއިލާ ތަކެވެ. މި އަތޮޅު ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލް ހުންނައިރު، އެ ތަނުން ބޭރަށް ގެންދަން އަންގާ ބަލި މީހުން މިހާރު ފުރަތަމަގެންދަން ޖެހެނީ މާލެ އަށެވެ. އެހެންވެ، މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫ އިން ކޮޗިންގެ ހޮސްޕިޓަލް ތަކަށް ބަލި މީހުން އުފުލަން ފަސޭހަ ވެގެންދާނެ އެވެ. ކުރިން މާލެ ގޮސް ކުލީ ކޮޓަރީގައި ތިބެންޖެހޭޖެހުން މި އަތޮޅުގެ ގިނަ ބަޔަކަށް ދެން ލުއި ވެގެންދާނެ އެވެ.

މޯލްޑިވިއަން ދެކޮޅު ޓިކެޓު ވިއްކަނީ މާލެ އިން ކޮޅަކަށް 190 ޑޮލަރެެވެ. އެހެންވެ އިތުރު ހަރަދެއް ނުގޮސް މިއަގުގައި އިންޑިއާ އަށް ބޭސް ފަރުވާ އަށް ދާން މަގު ފަހިވާނެ އެވެ.

ސަރަަހައްދުގެ ޓޫރިޒަމަށް ދިރުން ލިބޭނެ

މޯލްޑިވިއަން - ކޮޗިން ދަތުރަށް ތައްޔާރުވެފައިވާއިރު، މި ދަތުރުތަކުގެ ސަބަބުން މި ސަރަހައްދަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އިންޑިއާއަކީ ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނަ މީހުން އަންނަ ގައުމުގެ ގޮތުގައި އޮތުމެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އަންނަ މަހު ކޮޗިން އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ހަނިމާދޫ އަށް އަންނާނެ އެވެ. މި މީހުން ގެންނަނީ މޯލްޑިވިއަން ހޮލިޑޭސް އިންނެވެ. މިއާއެކު ހަނިމާދޫގެ ގެސްޓްހައުސްތަކަށްވެސް ދިރުން ލިބިގެންދާނެ އެވެ.

މި ހުރިހާ ކަމަކާއެކު މިހާރު ނަމެއްގައި އޮތް ހަނިމާދޫއަށް ދިރުން ލިބޭނެކަމަށް މިވަނީ ބެލެވިފަ އެވެ. ރާއްޖެ ކޮޗިން ފެރީއަށް އުންމީދު ނުކުރިއަސް، މޯލްޑިވިއަން ކޮޗިން ދަތުރަށް ހަނިމާދޫ އޮތީ ހަމަ ގައިމު ވެސް އުންމީދުގަ އެވެ.