ވިޔަފާރި

މޯލްޑިވިއަން އިން ހަނިމާދޫ- ކޮޗިން ދަތުރު ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮޗިންއަށް ދަތުރު ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އެމްޑީ ރިޒްވީ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫ އާއި މި ސަރަހައްދަށް އާ ފުރުސަތުތަކެއް ފަހި ވެގެންދާނެ ކަމަށެވެ. ހާއްސަކޮށް މި ދަތުރުތަކާއެކު މި ސަރަހައްދުގެ ޓޫރިޒަމް ފުޅާވާން އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދަތުރު ފެށި ކޮޗިން އާއި ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ ސިޓީ އެކެވެ. ހާއްސަކޮށް ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ދިވެހިންގެ ގިނަ ބަޔަކު މި ސިޓީއަށް ކޮންމެ އަހަރަކު ވެސް ދެ އެވެ. އާސަންދަ ސްކީމުގައި ހިމެނޭ ގިނަ ހޮސްޕިޓަލްތަކެއް ހުރި ކޮޗިން ވެފައިވަނީ ދިވެހިން އެންމެ ގިނައިން ފަރުވާއަށްދާ އިންޑިއާގެ ދެވަނަ ސިޓީ އަށެވެ. ކޮޗިންއަށް މޯލްޑިވިއަން އިން ހަފުތާއަކު ދެ ފްލައިޓް ބާއްވާނެއެވެ. މި ފްލައިޓަށް އެ ކުންފުނިން ޓިކެޓު ވިއްކަނީ ހަނިމާދޫއިން 190 ޑޮލަރަށެވެ. އަދި މާލެއިން ޓިކެޓު ވިއްކަނީ 150 ޑޮލަރަށެވެ.

ގައުމީ އެއާލައިން އިން މިހާރު އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީއަށްވެސް ދަތުރު ކުރެ އެވެ. މީގެ އިތުރުން ޗައިނާގެ ގިނަ އަދަދެއްގެ ސިޓީތަކާއި ތައިލެންޑުގެ ބެންކޮކް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށްވެސް ދަތުރު ކުރެ އެވެ.