ހަބަރު

އިބޫގެ ތައުލީމީ ސިޔާސަތު: ޓީޗަރުންގެ މުސާރަ ބޮޑު ކުރާނަން

ދިއްދޫއިން: އަލީ އަފާފް
Sep 6, 2018
3

އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ ޓީޗަރުންގެ މުސާރައާ އިނާޔަތްތައް ބޮޑުކޮށްދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

އިބޫގެ ތައުލީމީ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، އަލަށް އަމަލު ކުރަން ފަށާފައިވާ މަންހަޖަށް ޓީޗަރުން އަހުލުވެރި ކުރުވިފައި ނުވުމަކީ މިއަދު ތައުލީމީ ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށާއި މިހާރު އަމަލު ކުރަމުންދާ މަންހަޖް ދިރާސާކޮށް މުރާޖާ ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ޓީޗަރުންނަށް މިހާރު ލިބެމުންދަނީ އެބޭފުޅުން ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ މުސާރައެެއް ނޫން، އަޅުގަނޑުމެންގެ ސަރުކާރުގައި ޓީޗަރުންގެ މުސާރައާ އިނާޔަތްތައް ބޮޑުކުރެވިގެންދާނެ، އަދި އިތުރަށް ކިޔެވުމުގެ ފުރުސަތުތައް ފަހި ކުރެވިގެންދާނެ، އިބޫ ވިދާޅުވި އެވެ.

ހއ. ދިއްދޫގައި އިދިކޮޅުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އިބޫ ވިދާޅުވީ، ގައުމަށް ދިމާވެފައިވާ ބިރުވެރިކަމާއި ނާންމާންކަމުން ގައުމު ސަލާމަތް ކުރެވޭނީ އިލްމާއި ހިލްމު ލިބިގެންވާ ޖީލެއް ބިނާ ކޮށްގެން ކަމަށެވެ. އަދި ތައުލީމީ ނިޒާމް ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެކަމަކީ ގައުމުގެ މުސްތަގުބަލް ބިނާ ކުރަން އެޅިގެންދާ އެންމެ މުހިންމު ބިންގާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ގައުމުގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނާނީ މިއަދު އަޅުގަނޑުމެން ދަރީންގެ ތައުލީމަށްކުރާ ހޭދައެއްގެ މައްޗަށް، ތައުލީމީ ނިޒާމް އެކުލަވާލެވޭ ގޮތުގެ މައްޗަށް، ރާއްޖޭގެ 35 ޕަސެންޓަކީ 35 އަހަރުން ދަށުގެ ޒުވާނުން، އެހެން ކަމުން ސަރުކާރުގެ އަމާޒަކަށް ވާން ޖެހޭނީ ޒުވާނުން ތަރައްގީކޮށް އެއީ އުފެއްދުންތެރި ބަޔަކަށް ހެދުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގަބޫލު ކުރަނީ މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިވެހީންނަށް ފަހިވެފައި އޮންނަ ޖެހޭނެ ކަމަށް ކަމަށެވެ. އަދި ސާނަވީ ނުވަތަ މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި އެއީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމުން ކަމަށް އިބޫ ވިދާޅުވި އެވެ.

"މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ލޯނު ހޯދުމަކީ ފަސޭހަ ކަމެއް ނޫން، ލޯން ނަގައިގެން ކިޔަވައި ނިންމައިގެން އަންނަ ކުދިނަށް އެ ލޯން އަނބުރާ ދެއްކުން ވަނީ ތަކްލީފަކަށްވެފަ، މަތީ ތައުލީމު ހާސިލް މިއަށްވުރެ ފަސޭހައިން ޒުވާނުންނަށް ހާސިލް ކުރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅުގެ މަތީތައުލީމުގެ ސިޔާސަތުގެ ދަށުން ދެގޮތެއް އެކުލެވޭ ކަމަށެވެ. އެގޮތުން ޑިގްރީއާ ހަމައަށް ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލޯން ސްކީމްގެ ދަށުން ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"އަދި އެލޯން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ، އަދި މިހާރު އަމިއްލަ ގޮތުން ލޯން ނަގައިގެން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަޅުގަނޑުމެންގެ ލޯން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.