ރިޕޯޓް

ރިންގް ރޯޑް ފުރިހަމަ, އެކަމަކު ބާރަށް ދުއްވައިގެން ސަޅިއެއް ނުވާނެ!

Sep 7, 2018
4

ތޮއްޖެހިފައި މި އޮތް މާލޭގެ މަގުތަކުގައި، ވެހިކަލުން ފުރި ބާރުވެފައިވާ ގޯޅިތަކު ތެރޭގައި "ތެޅި ބާލަން" ޖެހޭ ގޮތަކީ ހަނދަނުން ފިލުވާލަން ދަތި ކަމެކެވެ. އެކަމުން ސަަލާމަތްވެގެން ނިކުމެލަން އޮންނަ ބޮޑުތަކުރުފާނު މަގުގެ ހާލަތުވެސް އިހަކަށް ދުވަހާ ޖެހެން ދެން އޮތީ މިކަހަލަ ގޮތަކަށެވެ. އެ މަގުވެސް ވަރަށް ބޮޑަށް ހަލާކުވެ އަޑިގުޑަންތައް ގިނަވެ އޮތީ ދުއްވޭ ފަދަ ހާލަތެއްގައެއް ވެސް ނޫނެވެ.

އެ ދުވަސްތައް މާޒީގެ ތެރެއަށް އޮބާލައިފި އެވެ. ބޮޑުތަކުރުފާނު މަގަށް ބޮޑު ބަދަލެއް ގެނެސްފި އެވެ. ދެތިން މަސް ބަންދުކޮށްލާފައި ބެހެއްޓުމަށް ފަހު، އެ މަގު ތަރައްގީކޮށްލައިފި އެވެ. ނިކަން މިހާރު ގޮސް އެ މަގަށް އަރާ ދުއްވާލަ ބަލާށެވެ! އެ ދަތި ހާލުގައި އުޅުން ހުރިހާ ދުވަސްތަކެއް މަތިން "އެއްލަކިން" ހަނދާން ނެތޭ ވަރުވެ އެވެ!

"ރިންގް ރޯޑް" ރޭ އާންމުންނަށް ހުޅުވާލީ އާންމު ގޮތެއްގައި ރޭގަނޑުގެ ފިނިބުރަށް ދުއްވާލަން ނިކުންނަ ވަގުތުގަ އެވެ. މަގުތައް ހުޅުވާލުމާއެކު މާލޭގެ އެތެރޭ މަަގުތަކާއި ގޯޅިތަކުން މީހުންތައް ސައިކަލުތަކުގައި ނިކުންނަން ފެށީ "ހިނި ބައިގަނޑެއް" ހެން މިމަގަށެވެ. އާ މަގު ތަޖުރިބާކޮށްލުމަށް ނިކުމެ ބޮޑުތަކުރުފާނު މަގު ފުރާލި އެވެ. ނަމަވެސް ތޮއްޖެހުމާއި ޓްރެފިކެއް ނެތެވެ. ވަޅުގަނޑުތަކާއި ވިއްސިވިހާލިވެފައި ހުންނަ ޕޭމަންޓު ގާތަކެއް ނުހުރެ އެވެ. އެންމެންގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމާއި ހިތް ހަމަޖެހުމެވެ. މަގު ވަރަށް ޗާލެވެ! ދުއްވާލަން އެހާ އަރާމެވެ!

"އަދި ކިރިޔާ ރަނގަޅަށް ދުއްވާލާނެ މަގެއް މި ލިބުނީ. މި މަގުތަކުގައި ވަރަށް ފަސޭހަ ދުއްވާލަން،" ޒުވާނަކު އޭނާގެ ހިޔާލުފާޅުކުރި އެވެ.

އާ މަގުތަކުގެ މަސައްކަތަށް ތައުރީފު ހައްގެވެ. އެކަމަކު އެ ވާހަކަށް އިހަށް ބާއްވަން ހިނގާށެވެ. މަގުގެ ރީތި ކަމާއި ބޮޑުމިނުގެ ވާހަކައާ އެއްވަރަށް މަގުގައި ދުއްވާ މީހުންގެ ޒިންމާތަކުގެ ވާހަކައެއް ވެސް ކުޑައެއް ނޫނެވެ. އަމިއްލަ ރައްކަލަށާއި މަގުގައި ދުއްވާ އެހެން މީހުންގެ ސަލާމަތަށް ފަރުދީ ގޮތުން ބަލަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. މަގުތަކަށް އައިސްފައިވާ ތަރައްގީއާ އެއްވަރަށް އަަހަރުމެން ވެސް މި އޮތީ ތަހުޒީބުވާން ޖެހިފަ އެވެ.

މިހާރު ބޮޑުތަކުރުފާނު މަަގުގައި ދުއްވާނެ ޖާގަ އެބައޮތެވެ. ދެކޮޅަށް ދުއްވަން، ދެ ލޭން އެއް ހާއްސަކޮށްފައި އެބަ ހުއްޓެވެ. މި ލޭންތަކުގެ ތެރެއިން، ބިރަކާ ނުލާ މިހާރު އޯވާޓޭކް ކުރެވިދާނެ އެވެ. އެ މަގުތަކުގެ އޮމާންކަމުން ކިތަންމެ ބާރަކަށް ވެސް ދުއްވާ ލެވޭނެ އެވެ. ނަމަވެސް، އަތަށް ލެވުނުހާ ބާރެއް ލާފައި ސައިކަލް ދުއްވާލުމުގެ ކުރިން ވިސްނާލަން ޖެހެ އެވެ. އައްޑޫގެ ހައިވޭ، ލިންކްރޯޑާއި ލާމު އަތޮޅުގެ ބޮޑު މަގުގައި ބޮޑެތި އެކްސިޑެންޓްތައް ހިނގަ އެވެ. އެ މަގުތައް މަރުގެ މަގުތަކަށް ބަދަލުވެފައި އޮތީ ބާރުދުވެލި މަޑުނުކުރެވިގެން އެވެ. މާލޭގެ ރިންގް ރޯޑްގައި ވެސް ދުވެލި މަޑުނުކުރާ ނަމަ، ނަތީޖާ އަކީ މި މަގުވެސް ބަދަލުވާނީ މަރުގެ މަގަކަށެވެ.