މާލެއާ ހުޅުލެ ގުޅުވައިދޭ، ސިނަމާލޭ ބްރިޖާއި ހުޅުމާލެއަށް ދެވޭ ލިންކް ރޯޑް ބޭނުން ކުރުމުގެ ގަވައިދުތައް ޓްރެފިކް ފުލުހުން މިއަދު އިއުލަންކޮށްފި އެވެ.
ޓްރެފިކް ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބްރިޖާއި ލިންކް ރޯޑުގެ ދެ ފަރާތުން އެންމެ ބޭރުގައިވާ ދެ ލޭންއަކީ ޕަބްލިކް ބަސްތަކާއި ސައިކަލުތަކަށް ހާއްސަ ކުރެވިފައިވާ ދެ ލޭން ކަމަށާއި މެދުގައިވާ ދެ ލޭން ހާއްސަކޮށްފައި ވަނީ ކާރާއި ޕިކަޕު ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.
ބްރިޖާއި ލިންކް ރޯޑުގައި ހިނގާފައި އުޅުމަށް ހާއްސަ ކުރެވިފައިވާ ލޭންއެއް ހުންނާނެ ކަމަށާއި ނަމަވެސް އުޅަނދު ދުއްވާ ލޭންތަކުން ހިނގުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައިވެ އެވެ. އަދި އަމިއްލައަށް އިށީނދެ ނުއުޅެވޭ ވަރުގެ ކުޑަ ކުދިން ސައިކަލުތަކުގައި ބްރިޖާއި ލިންކް ރޯޑުގައި އުފުލާ އުޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވެސް ގަވައިދުގައިވެ އެވެ. ހެވީ ވެހިކަލްތަކުގެ ތެރެއިން ރަބަރު ފުރޮޅުލާފައި އުޅަނދުތައް ނޫން އެހެން އުޅަނދުތައް ބްރިޖު ނުވަތަ ލިންކް ރޯޑު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރަންވާނީ ޓްރެއިލާއެއްގައި އުޅަނދު ބާއްވައިގެނެވެ.
ބްރިޖުގައި ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ މަދުން ނުވަތަ ބާރަށް ވެސް ދުއްވުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި އުޅަނދު މަޑު ކުރުމާއި ޕާކު ކުރުމަކީ ވެސް މަނާ ކަމަކެވެ. އެ ގަަވައިދުތަކާ ހިލަފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރެފިކް ފުލުހުން ބުންޏެވެ.