ހަބަރު

ގަވާއިދަށް ނުފެތޭ ހެލްމެޓް އަޅާކަން ފާހަގަކުރެވޭ: ފުލުހުން

ސިނަމާލެ ބްރިޖާއި ހުޅުލެއާއި ހުޅުމާލެ ގުޅުވާލައި ހައިވޭގައި ސައިކަލު ދުއްވާއިރު ގަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ބުނީ ބްރިޖާއި ހައިވޭގައި ގަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ރައްކާތެރި ކަމަށް ނުވާތީ ފާހަގަ ކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެލީގެ ގަވާއިދު މިހާރު އޮންނަ ގޮތުން 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލުގެ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހެ އެވެ. އަދި އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިން ވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހެ އެވެ.

ސައިކަލް ދުއްވާއިރު ބޭނުން ކުރަން ޖެހެނީ އެކަމަށް ހާއްސަ ހެލްމެޓަކަށް ވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭއިރު، ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށް ވާން ޖެހެ އެވެ. އަދި ހެލްމެޓާއި އޭގައި ބޭނުން ކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވެ އެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުން ކޮށްފައި ނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނު ފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާން ޖެހެ އެވެ. ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާ ކުލައަކަށް ވުމާއި ކާކުކަން ނޭނގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުން ވެސް ހިމެނެ އެވެ.

ގަވާއިދުތަކާ ހިލާފުވެއްޖެނަމަ ފުރަތަމަ ފުހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަރު 750 ރުފިޔާ ޖުރިމަނާ ކުރަން ޖެހެ އެވެ. ދެ ފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ގަވާއިދުގައި ބުނެ އެވެ. އަދި ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެ މީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓަން ޖެހެ އެވެ.

އޭގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާ ގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ އެވެ. އަދި އެ ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަކާ ވެސް ހިލާފު ވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައިވެ އެވެ.