ހަބަރު

ގަވާއިދާ ހިލާފަށް ހުންނަ ވެހިކަލްތައް ބްރިޖަށް އެރުން މަނާކުރާނަން: ފުލުހުން

ކުރިއަށް އޮތްތަނުގައި "ސިނަމާލެ ބްރިޖް"ގެ ޓްރެފިކް ބެލެހެއްޓުން ވަރުގަދަކޮށް، އެއްގަމު އުޅަނދުފަހަރުގެ ގަވާއިދާ ހިލާފަށް ހުންނަ ވެހިކަލްތައް ބްރިޖަށް އެރުން މަނާކުރާނެ ކަމަށް، ފުލުހުން ބުނެފި އެވެ.

ޓްރެފިކް ފުލުހުންގެ އިސްވެރިޔާ އަހުމަދު ސާމީ ވިދާޅުވީ، ބްރިޖްގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ތިން ޗެކްޕޯސްޓެއްގައި ފުލުހުން 24 ގަޑިއިރު ފޯރި މަރަމުން އަންނަ ކަމަށެވެ. އަދި އެވަރަށް ފޯރިމަރަމުން އަންނަ އިރުވެސް، ބައެއް ފަރާތްތަކުން ހެދިފައިވާ އުސޫލުތަކާ ހިލާފަށް ނުރައްކާތެރި ގޮތްގޮތަށް ވެހިކަލްތައް ބްރިޖްގައި ދުއްވަމުން އަންނަ ކަމަށެވެ. އެކަންކަން ހައްލުކޮށް ބްރިޖަކީ އެންމެންނަނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ބްރިޖްގައި އިތުރު ޗެކްޕޯސްޓްތައް ޖަހައި ވެހިކަލްތައް ފާސްކުރުމުގެ މަސައްކަތް ހަރުދަނާ ކުރާނެ ކަމަށް ސާމީ ވިދާޅުވި އެވެ. އެގޮތުން، ލޯގަނޑު ނުހުންނަ ސައިކަލާއި، ގަވާއިދުގައި ބުނާ އެހެން ވެސް ކަންކަން ފުރިހަަމ ނުވާ ސައިކަލާއި އެހެން ވެސް އުޅަނދުތައް ބްރިޖަށް ނުވަދެވޭނެ ގޮތަށް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބްރިޖްގައި ޓްރެފިކް ނިޝާންތަކާއި އިރުޝާދުތައް ދުއްވާމީހުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ބަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ޓްރެފިކް ބެލެހެއްޓުން ހަރުދަނާކޮށް، ޗެކް ޕޮއިންޓުތަކުން ދަތުރުކުރާ ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތަކަށް އެކްސެސް ނުދޭގޮތަށް ހަދާނަން. ސިނަމާލެ ބުރިޖަކީ އާދަޔާ ހިލާފަށް 25-50 ދެމެދު ބާރުމިނުގައި އުޅަނދުތައް ދުއްވާ ތަނެއްކަމުން ވެހިކަލްތަކުގައި ލޯގަނޑާއި ގަވާއިދަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަ ނުވާ އެއްޗެއްސަށް އެކްސެސް ނުދޭނަން." ސާމީ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އާންމު ދަތުރުފަތުރަށް ބްރިޖް ހުޅުވާލި ފަހުން ދުވާލެއްގެ މައްޗަށް އެކްސިޑެންޓެއް ކަހަލަ ގޮތަކަށް އަންނަނީ ހިނގަމުން އެވެ.

ސާމީ ވިދާޅުވީ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި ވަނީ، 25-50 އާ ދެމެދުގެ ބާރު މިނުގައި ކަމަށްވާ އިރު އެއަށް ވުރެ މަޑުން ވެސް އަދި ބާރަށް ވެސް އުޅަނދުތައް ދުއްވައިގެން ނުވާނެ ކަމަށެވެ. އަދި އޯވަޓޭކް ކުރާއިރު ނުބައިފަޅިން އޯވަޓޭކް ކުރުމާއި ސިގްނަލް ނުދިނުން ފަދަ ކަންތައްތަކާއި ނުބައި ލޭންގައި ދުއްވުމުގެ މައްސަލަތައް ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބްރިޖް މަތީގައި ދުއްވުމުގެ އުސޫލުތަކަށް، އާންމުން ހޭލުންތެރި ކުރަން މަސައްކަތްތަކެއް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަގަނޅު ގޮތަކީ ބުރިޖު ބޭނުންކުރާ ބޭކަލުން އަމިއްލަ ރައްކާތެރިކަމާ، ބުރިޖު ބޭނުންކުރާ އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ދަތުރުކުރުން،" ސާމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބްރިޖްމަތީގައި ގަވާއިދާ އެއްގޮތަށް އުޅަނދުތައް ދުއްވާ ނަމަ އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.