ހަބަރު

އިބޫގެ ހއ. ދަތުރު ނިންމާލައިފި

އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ހއ. އަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ހއ. ގެ ރަށްތަކަށް ކުރެއްވި ދަތުރުގައި އިބޫ ވަނީ އެއަތޮޅު 14 ރަށަކަށް ވަޑައިގެންފަ އެވެ.

މިދިޔަ ބުދަ ދުވަހު ފެށި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، އެއަތޮޅު މޮޅަދޫއަށެވެ. މޮޅަދޫއަށްފަހު އެދުވަހު އިތުރު ހަތަރު ރަށަކަށް ވަޑައިގެންނެވި އެވެ. ތުރާކުނާއި އުލިގަމާއި އިހަވަންދޫ އަދި ހޯރަފުއްޓަށް ވަޑައިގެންްނެވި އެވެ. އެހުރިހާ ރަށަކަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވަނީ ގިނަ ވައުދުތަކެއްވެފަ އެވެ. އަދި ހޯރަފުށީގައި ބޭއްވި ޖަލްސާގައި އިބޫ ވަނީ އިދިކޮޅު ސަރުކާރުގެ ސަލާމަތީ ކަންކަމާބެހޭ ސިޔާސަތުވެސް ހާމަ ކުރައްވާފަ އެވެ.

ދަތުރުގައި އިއްޔެވެސް ފަސް ރަށަކަށް ވަޑައިގެންފައި ވެއެވެ. އެގޮތުން ވަޑައިގެންނެވީ ތަކަންދޫއަށާއި މާރަންދޫއަށާއި އުތީމަށާއި ކެލާ އަދި ދިއްދޫއަށެވެ. ދިއްދޫގައި ވަނީ އިދިކޮޅުގެ ބޮޑު ޖަލްސާއެއްވެސް ބާއްވާފަ އެވެ. އެ ޖަލްސާގައި އިބޫ ވަނީ ތައުލީމީ ސިޔާސަތުތައް ހާމަ ކުރައްވާފަ އެވެ.

ދަތުރުގެ އެންމެ ފަހު ދުވަހު ހަތަރު ރަށަކަށް އިބޫ ވަޑައިގެންފައި ގެންފައިވާއިރު، އެ ހަތަރު ރަށުންވެސް އިބޫ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އިބޫ މިއަދު ވަޑައިގެންނެވީ ވަށަފަރަށާއި ބާރަށާއި ފިއްލަދޫ އަދި މުރައިދޫއަށެވެ. ދަތުރު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ.