ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު މަސް ފިހާރަ މިފްކޯ އިން ހުޅުވައިފި

Jun 8, 2015
1

ރާއްޖޭގެ އެންމެ ބޮޑު މަސް ފިހާރަ ރޯދަ މަހާ ދިމާކޮށް، މިފްކޯ އިން މިއަދު ހުޅުވައިފި އެވެ.

މިފްކޯ މަސް ފިހާރަ ހުރި އެފްއޭއެމް ބިލްޑިންގް ކައިރީގައި ހުރި، މި މަސް ފިހާރަ ހުޅުއްވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ އެ ކުންފުނީގެ މަސް ފިހާރަ ބޮޑު ކުރުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިކޮށްލުމަށް އަންނަ މީހުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

"މިހާރު މިވަނީ މަސް ފިހާރަ ތިންގުނަ ބޮޑުކޮށްފަ. މިހާރު ފަސޭހަ އިން ވިޔަފާރިކޮށްލެވޭނެ މާހައުލެއް އޮންނާނެ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށްގެން އެ ކުންފުނިން ވިއްކާ އުފެއްދުންތަކުގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ ފްރެޝް މަސް ނޫން. އެހެން ހުރިހާ ބާވަތެއް ލިބޭނެ،" އަދްލީ ވިދާޅުވި އެވެ.

މިފްކޯއިން ހުޅުވި މަސް ފިހާރާގައި ދަޅު މަހާއި މަހުގެ ގިނަ ބާވަތްތަކެއް ލިބެން ހުރެ އެވެ. މީގެ ތެރޭގައި ވަޅޯ މަހާއި ކަނޑު މަސް އަދި ފަރުމަސް ވެސް ހިމެނެ އެވެ.