ބޮލީވުޑް

ޅިޔަނާއެކު ސައިފް ރާއްޖޭގައި ޑައިވިނަށް

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން، އާއިލާއާއެކު ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އައީ މިދިޔަ ހަފުތާގަ އެވެ. އެމީހުން ޗުއްޓީ ހޭދަ ކުރުމުން އަންނަނީ ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގަ އެވެ.

ސައިފްއާއެކު އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި ހަގު ދަރިފުޅު ތައިމޫރްވެސް އައިސްފައިވެ އެވެ. އަދި ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކެމޫ އާއި ދަރިފުޅު އިނާޔާ ނައުމީ ކެމޫވެސް ރާއްޖެ އައިސްފައިވެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޗުއްޓީގެ މަންޒަރުތައް އެމީހުން ހިއްސާކުރުމުން އަންނައިރުގައި، ކުނާލް އިއްޔެ ހިއްސާކުރި ފޮޓޯއެއްގައި އޭނާއާއި ސައިފް ތިބީ ޑައިވިނަށް ދިއުމަށް ތައްޔާރުވެގެންނެވެ. ދެ މީހުން ވެސް ތިބީ ދޯންޏެއްގައި ޑައިވިން ގިއަރު އަޅައިގެންނެވެ. ޑައިވިނަށް ގޮސް ކަނޑު އަޑީގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ބ އަތޮޅަކީ ޑައިވްކުރާ މީހުންގެ މެދުގައި މަގުބޫލު އަތޮޅެވެ. ހާއްސަކޮށް އެ އަތޮޅު ދަރަވަންދޫ ކުރިމިތީގައި އޮންނަ ހަނިފަރު ބޭއަކީ ޑައިވް އަދި ސްނޯކްލިންކުރަން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ކުނާލްއާއި ސައިފް ޑައިވިނަށް ދިޔައީ އެ ސަރަހައްދަށެވެ.

ކަރީނާއާއި ސޯހާވެސް ދޮންވެލި ތުނޑިއާއި ރިސޯޓުގެ އެކި ހިސާބުތަކުގައި ނަގާފައިވާ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުގައި ތައިމޫރްއާއި އިނާޔާގެ ލޯބި ފޮޓޯތައްވެސް އެބަހުއްޓެވެ.