ފިނިޕޭޖް

ސެލެބްރިޓީންގެ ސިއްރު ކުރެވިފައިވާ އަސްލު ނަންތައް

Dec 26, 2014

ރަޖީވް ހަރީ އޯމް ބާޓިއާ ނޭނގިދާނެއެވެ. އެކަމަކު އަކްޝޭ ކުމާރު އެނގޭނެއެވެ. ސްޓެފަނީ ޖޮއޭން އެންޖަލީނާ ޖާމަނޯޓާ ނޭގުނަސް ލޭޑީ ގާގާ އެނގޭނެއެވެ. ތިޔަ ހީވީ ރަނގަޅަށެވެ. އެއީ އެއްބައެކެވެ. އެއީ އެމީހުންގެ އަސްލު ނަމާއި ތަރިއަކަށް ވުމަށްފަހު ބޭނުންކުރަމުންދާ ނަމެވެ.

ސެލެބްރިޓީން މަޝްހޫރުކަން ހޯދުމަށާ މަޝްހޫރުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ވާދަވެރިކަން ބޮޑު މުނިފޫހި ފިލުވުމުގެ ދާއިރާގައި ހުނަރެއް ހުއްޓަސް އަދި ތަރިއަކަށް ވެވޭ ކަމަކަށް ނުވެއެވެ. ޕްލާސްޓިކް ސާޖަރީގެ އެހީގައި ސިފައަށާ ސައިޒަށް އެކި ވަރުގެ ބަދަލުތައް ގެންނަ ތަރިން މަދެއް ނޫނެވެ. މިފަހަރު މިއޮތީ އުފަންދުވަހުގެ ސެޓްފިކެޓް ގައި އޮތް ނަން، ކިޔާލަން އަދި ހަނދާން ކުރަން ފަސޭހަ ސްޓައިލިޝް ނަންނަމަށް ބަދަލު ކުރި ތަރިންގެ ވާހަކައެވެ. ބައެއް ތަރިން އެމީހުންގެ އާ އަދި ކޫލް ނަން ސްޓޭޖް ނަމުގެ ގޮތުގައި ބޭނުންކުރާއިރު އަނެއްބައި ތަރިން ރަސްމީ ކޮށް ވެސް ނަން ބަދަލު ކުރެއެވެ.

ބޮލީވުޑްގެ ބައެއް ނަން ބަދަލުކުރުންތަކަށް ބަލާއިރު މަލައިކާ ޝަރާވަތުގެ އަސްލު ނަމަކީ ރީމާ ލަމްބާ އެވެ. ކެޓްރީނާ ކައިފްގެ އަސްލު ނަމަކީ ކެޓްރީނާ ޓާކޮޓް އެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު، ޖެކީ ޝްރޮފްގެ އަންހެނުން އައިޝާ ދިން ލަފާ ގެ މަތިން އޭނާ ހޮވި ނަމެއް ކަމަށް ވެއެވެ. ދެން ޖެކީ ޝްރޮފްގެ އަސްލު ނަން ޖައިކިޝަން ކަކޫބާއި ވަކި އައިޝާއަށް ކަމުދާނެ ހެއްޔެވެ؟

ފިލްމުތަކުގައި ރަޖްނީކާންތަށް ނުކުރެވޭނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟ ބަޑިއެއްގެ ވަޒަން އަނގައިން ހިފައި، ހަފައި ކުދިކޮށް ޗޮސްކޮއްލުމަކީ ވެސް އޭނާއަށް ފިލްމުތަކުގައި ކުރެވޭ ކަންކަމެވެ. އެކަމަކު އޭނާއަށް ވެސް ޝިވާޖީ ރާއޯ ގައިކްވާދް ގެ ގޮތުގައި ތަރިއަކަށް ވެވުނު ކަމަކަށް ނުވިއެވެ. އިތުރު އެހެން ތަރިންނަށް ބަލާއިރު، މިހާރު އުމުރުން 92 އަހަރު ވެފައިވާ ބޮލީވުޑްގެ ޓްރެޖެޑީ ކިންގް ދިލިޕް ކުމާރުގެ އަސްލު ނަމަކީ މުހަންމަދު ޔޫސުފް ހާނެވެ.

ކަމަލް ހަސަންގެ އަސްލު ނަމަކީ އަލްވެރްޕެޓައި އާންދަވަރެވެ. ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ބަތަލާ ތާބޫ ގެ އަސްލު ނަމަކީ ތަބައްސުމް ހަޝްމީ ހާނެވެ. ޝިލްޕާ ޝެޓީގެ އަސްލު ނަމަކީ އާޝްވިނީ ޝެޓީ އެވެ. ޕްރިޓީ ޒިންޓާގެ އަސްލު ނަމަކީ ޕްރީތަމް ޒިންޓާ އެވެ. ބޮލީވުޑްގެ ގިނަ ތަރިންނަށް އާ ނަމެއް ދިނުމުގައި، އެމީހުން ފުރަތަމަ ކުޅޭ ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ދައުރު ބޮޑުކަން ފާހަގަ ކުރެވެއެވެ.

ޖޯން އަބްރަހަމް ގެ އަސްލު ނަމަކީ ފަރްހާން އަބްރަހަމް އެވެ. ސަނީ ލިއޯނީގެ ހަށިގަނޑުން ނުފެންނަ އިންޗިއެއް ނެތަސް އޭނާގެ އަސްލު ނަމުގެ ނިވާކަން ބޮޑެވެ. އޭނާގެ އަސްލު ނަމަކީ ކަރަންޖީތު ކައުރް ވޯރާ އެވެ. މިފަހަކަށް އައިސް، ބޮލީވުޑްގައި ނަން ބަދަލުކުރުން އެހާ އާންމު ނޫންކަމަށް ބުނެވިދާނެއެވެ. ގިނަ ފިލްމީ އާއިލާތަކުން އެމީހުންގެ ތަޖުރިބާއަށް ބަލައި ދަރިންނަށް ފުރަތަމަ ވެސް ފިލްމީ ދުނިޔެ ގަބޫލު ކުރާ ކަހަލަ ނަމެއް ދެނީ ކަމަށް ވެދާނެއެވެ.

ހޮލީވުޑް ބައެއް ތަރިންގެ އަސްލު ނަންނަމަށް ބަލާލާއިރު ނިކީ މިނާޖްގެ އަސްލު ނަމަކީ އޮނިކާ ޓާންޔާ މަރާޖްއެވެ. ކެޓީ ޕެރީގެ އަސްލު ނަމަކީ ކެތަރީން އެލިޒަބަތު ހުޑްސަން އެވެ. ޓޮމް ކްރޫޒްގެ އަސްލު ނަމަކީ ތޯމަސް ކްރޫޒް މެޕޮތާ ދަ ފޯތް އެވެ. މަޝްހޫރު ރޮކް ބޭންޑް ކުއީންގެ ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީ ގެ އަސްލު ނަމަކީ ފަރޯކް ބަލްސާރާ އެވެ. މައިލީ ސައިރަސްގެ އަސްލު ނަމަކީ ޑެސްޓިނީ ހޯޕް ސައިރަސް އެވެ. ރެޕް އާޓިސްޓް ޓީ-ޕެއިންގެ އަސްލު ނަމަކީ ފަހީމް ރަޝާދް ނަޖުމް އެވެ.

އެލްޓަން ޖޯންގެ އަސްލު ނަމަކީ ރެޖިނަލްޑް ކެނެތު ޑްވައިޓް އެވެ. ބޯން ޓު ޑައި ފަދަ ލަވަތަކުން މަޝްހުރުކަން ހޯދި ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ ގެ އަސްލު ނަމަކީ އެލިޒަބަތު ވުލްރިޖް ގްރާންޓެވެ. މަޝްހޫރު ލަވަ "ރޯޔަލް" އިން ވިދާލި ލޯޑް ގެ އަސްލު ނަމަކީ އެލާ ޔެލިޗް އޮކޮނޯރެވެ. ރެޕް ލަވަކިޔުންތެރިޔާ ފިފްޓީ ސެންޓްގެ އަސްލު ނަމަކީ ކާޓިސް ޖޭމްސް ޖެކްސަން ދަ ތާރޑެވެ. ކަމިޔާބު އެތައް ފިލްމަކާ ސީރީޒެއް ކުޅެފައިވާ ޗާލީ ޝީންގެ އަސްލު ނަމަކީ ކާލޯސް އައިވިން އެސްތެވޭޒް އެވެ. ބްރޫނޯ މާސް ގެ އަސްލު ނަމަކީ ޕީޓަރ ޖީން ހާނާންޑޭޒް އެވެ. ގަދަފަދަ ނިކޮލަސް ކޭޖްގެ އަސްލު ނަމަކީ ނިކޮލަސް ކިމް ކޮޕޯލާ އެވެ.

މިއަދަށް އެންމެ މަޝްހޫރު ޕިޓްބުލް ގެ އަސްލު ނަމަކީ އަރްމާންޑޯ ކްރިސްޓިއަން ޕެރޭޒްއެވެ.

ބައެއް ތަރިން ވަނީ ނަން ބަދަލު ކުރުމުގެ ކަންތައް މުޅިން އާ ހަރުފަތަކަށް ވެސް ގެންގޮސްފައެވެ. މަޝްހޫރު މިއުޒީޝަން ޕްރިންސް 1993 ވަނަ އަހަރު އޭނާގެ ނަން ބަދަލުކުރީ އަށެވެ. އެއީ ލޯބީގެ ނިޝާނެއް ކަމަށް ބުނެވެއެވެ. މި ނަން ކިޔާނެ ގޮތެއްވެސް ނޯވެއެވެ. އެހެންކަމުން އެދުވަސްވަރު މީޑިއާގައި އޭނާއަށް ކިޔާ އުޅުނީ "ކުރިން ޕްރިންސްގެ ގޮތުގައި ވިދާލި ތަރި" މިފަދަ ގޮތަކަށެވެ. އަދި 2000 ވަނަ އަހަރު އޭނާގެ ނަން އަނެއްކާވެސް ޕްރިންސަށް ބަދަލުކުރިއެވެ. ނަސީބެކެވެ.

ސްނޫޕް ޑޯގް ސްނޫޕް ލަޔަން އަށް ބަދަލުވީ ވެސް އިހަކަށް ދުވަހު އެވެ. އޭނާގެ އަސްލު ނަމުގައި އެއްވެސް ޖަނަވާރެއްގެ ނަމެއް ނުހިމެނެއެވެ. ކުރިން އޭނާއަކީ ކެލްވިން ކޯޑޮޒާ ބްރޯޑަސް އެވެ.

ބައެއް ތަރިން އެމީހުންގެ ނަން ބަދަލުކުރަނީ އެހެން ގޮތެއް ނެތިގެންކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވެއެވެ. މިސާލަކަށް ޓީވީ ސީރީޒް ދި އޯސީ އިން މަޝްހޫރުވި އޮލީވިއާ ވައިލްޑް ގެ އަސްލު ނަމަކީ އޮލީވިއާ ކޮކްބާން އެވެ. އޮލީވިއާ ނަންބަދަލުކުރިލެއް އަދިވެސް ލަހެއްނޫންހެއްޔެވެ؟ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ވިޔަފާރިވެރިޔާ ރަލްފް ލައުރެން ގެ އަސްލު ނަމަކީ ރަލްފް ލިފްޝިޓްސް އެވެ. އޭނާގެ ނަމުގައި ޝިޓް އޮންނާތީ، ކުޑައިރު ސްކޫލުގައި ވަރަށް ދިމާކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.