ވިޔަފާރި

މިފްކޯގެ އުފެއްދުންތަކެއް ބާޒާރަށް ނެރެ، ޕްރޮމޯޝަނެއް ފަށައިފި

ރޯދަ މަހާ ދިމާކޮށް މިފްކޯ އިން އާ އުފެއްދުންތަކެއް ބާޒާރަށް ނެރެ، ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި، މިފްކޯއިން މިއަދު ބާޒާރަށް ނެރުނު އާ އުފެއްދުންތަކުގެ ތެރޭގައި މަސްބުރި ރިހަ ދަޅާއި ސޯސް މަސް ދަޅުގެ އިތުރުން ހާއްސަ ރަހަތަކެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްމޯކް ޓޫނާ ހިމެނެ އެވެ. މިފްކޯ އިން ރޯދަ މަހާ ދިމާކޮށް މިއަދު ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ މަސް ދަޅު ކޭހަކާއެކު ކޫޕަނެއް ލިބެ އެވެ. މި ކޫޕަން ހިފައިގެން މިފްކޯ މަސް ފިހާރައަށް އައުމުން ޑިސްކައުންޓް ލިބެ އެވެ.

މިފްކޯގެ ހެޑް ޝެފް ނަހީޒް އަބްދުލް ގަފޫރު ބުނީ މި އުފެއްދުންތަކަކީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ.

"މިފަހަރު މި ނެރުނީ ސްމޯކް އައިޓަމްގެ ހަތަރު ވައްތަރެއް. މީގެ ތެރޭގައި މި ހިމެނެނީ ސަޝިމީ އާއި މެރިނޭޑެޓް ފިޝް ފަދަ އައިޓަމްތައް. މީގެ އިތުރުން ހިމެނެނީ މަސް ބުރި ރިހަ އާއި ސޯސް ފިޝް،" ނަހީޒް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ރޯދަ މަހާ ދިމާކޮށް މި ނޫންވެސް އާ ގިނަ އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ބާވަތްތައް މި ތައްޔާރު ކުރަނީ މިފްކޯ އާއި ކަނޑު އޮތްގިރީގެ އިތުރުން ކޫއްޑޫގައި،" ނަހީޒު ބުންޏެވެ.

މިފްކޯ އިން މިއަދު ހުޅުވި އާ ފިހާރާގައި މިފްކޯ އާއި ކޫއްޑޫ އަދި ފެލިވަރުގެ އުފެއްދުންތަކުގެ އިތުރުން ރަސް އައިން ބްރޭންޑުގެ އުފެއްދުންތައް ވެސް ލިބެން ހުރެ އެވެ. މި ބްރޭންޑުގެ ދަށުން ކުދި ކުޅަ އާއި ކުޅި ކާޖާ އަދި ރުކު ރަލާއި ކުރުނބާ ފަނި ލިބެން ހުރެ އެވެ.