ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކޮންމެ އަހަރަކު އިންތިޒާކުރާނެ އެއް އިވެންޓަކީ އެޕަލް އިވެންޓެވެ. މި އަހަރުގެ އެޕަލް އިވެންޓް އަންނަ ބުދަ ދުވަހު އޮންނާނެ އެވެ. މި އިވެންޓުގެ އާންމު ސަގާފަތް އޮންނަ ގޮތުން ކޮންމެ އަހަރަކު އެޕަލްގެ އެންމެ މުހިންމު އެއް ޕްރޮޑަކްޓް؛ އެޕަލް އައިފޯންގެ މޮޅު ޑިޒައިން ދައްކާލުން އޮންނާނެ އެވެ.
އައިޕޯނުގެ އިތުރުން އެޕަލްގެ އެހެން ޕްރޮޑަކްޓްތަކުގެ ގިނަ މައުލޫމާތުތަކެއް ވެސް މި އިވެންޓުގައި އާންމުކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އެޕަލް ވޮޗް އާއި އެއާޕޮޑްސް އަދި އެއާޕަވާ ޗާޖިން ޕެޑާބެހޭ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށް ބެލެވެ އެވެ. މި އަހަރު ބޭއްވި އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް އިން ތައްޔާރު ކުރަމުން އަންނަ އާ ގިނަ ސޮފްޓުވެއާތަކެއް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
އާ އައިފޯންތަކެއް
ޓެކްނޮލޮޖީ ހަބަރުތައް ބުނާގޮތުން މިފަހަރު ތިން ވައްތަރެއްގެ އައިފޯނު ތައާރަފު ކުރާނެ އެވެ. އެއީ މިދިޔަ އަހަރު ތައާރަފުކުރި އައިފޯން އެކްސްގެ އަޕްޑޭޓެޑް ވާޝަންއެއް ކަމުގައިވާ "އައިފޯން ޓެން އެސް" އާއި އައިފޯން އެކްސްގެ ބޮޑު ފޯނެއް ކަމުގައިވާ "އައިފޯން ޓެން މެކްސް" އެވެ. އަދި އައިފޯން އެކްސްގައި ހުންނަ މޮޅު ފީޗާތައް ހުންނާނެ އަގުހެޔޮ ފޯނެއް ވެސް ނިކުންނާނެ ކަމަށް ބުނެފައިވެ އެވެ.
އެޕަލް ވޮޗް ސީރީޒް ފޯ
އެޕަލްއިން 2015 ވަނަ އަހަރު ރިލީޒްކުރި އެޕަލް ވޮޗް، އާ ޑިޒައިނަކާއެކު އަލުން ނެރޭނެ ކަމަށްވެ އެވެ. އެހެންވެއްޖެނަމަ މިއީ އެޕަލް ވޮޗްއަށް އެންމެ ބޮޑު ތަފާތެއް އަންނާނެ ފަހަރެވެ. އެޕަލް ވޮޗްގެ އާ ޑިޒައިންގެ ފޮޓޯތަކެއް ވެސް ވަނީ ލީކުވެފަ އެވެ. މި ވޮޗްގައި ބޭނުން ކުރާނީ "ވޮޗްއޯސްއެސް ފައިވް" ސޮފްޓުވެއާ ކަމަށް ބެލެވެ އެވެ. އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެ ސްފޮޓުވެއާ ވަނީ އިއުލާނު ވެސް ކޮށްފަ އެވެ.
އެއާޕަވާ، އެއާޕޮޑްސް އަދި އިތުރު އެކްސެސަރީޒް
އެއްފަހަރާއި އެޕަލްގެ ތިން ޑިވައިސް ޗާޖުކޮށްލަން ބޭނުން ކުރެވޭނެ އެޕަލް "އެއާޕަވާ" ތައްޔާރު ކުރަމުން އަންނަކަން އިއުލާނުކުރީ މިދިޔަ އަހަރު އެޕަލް އިވެންޓުގަ އެވެ. މި އަހަރު އެއާޕާވާ އާއި ގުޅޭ އިތުރު މައުލޫމާތުތަކާއި އެއާޕާވާ ރިލީޒް ކުރާނެ ތާރީހާއި އަދި އަގު ބުނާނެ ކަމަށް ބެލެވެ އެވެ.
އެއާޕޮޑް ވަޔަލެސް ހެޑްފޯންސްގެ އާ ވާޝަންއަކާއި، ހޯމް ބަޓަންއަށް ފިތާ ނުލައި ސިރީ އެކްޓިވޭޓް ކުރުމަށް ބޭނުން ކުރާނެ ވަޔަލެސް ޗިޕެއް ވެސް ތައާރަފު ކުރާނެ ކަމަށް ވާހަކަ ދެކެވެ އެވެ. މީގެ އިތުރުން އެޕަލްގެ ޗާޖަރަށް ވެސް ބޮޑު ބަދަލުތައް އަންނާނެ ކަމަށްވެ އެވެ.
އައިއޯއެސް ޓުވެލް އަދި ސޮފްޓުވެއާތައް
އެޕަލްގެ ފޯނުތަކުގައި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމް ސޮފްޓުވެއާ، އައިއޯއެސްގެ އާ ވާޝަން "އައިއޯއެސް ޓުވެލް" އާއި އެޕަލް ވޮޗްގައި ބޭނުންކުރާ ވޮޗްއޯއެސްގެ އާ ވާޝަން "ވޮޗްއޯއެސް ފައިވް" އަދި އެޕަލް ލެޕްޓޮޕްގައި ބޭނުންކުރާ މެކްއޯއެސްގެ އާ ވާޝަން "މެކްއޯއެސް މޯޖޭވް" ރިލީޒްކުރާނެ ތާރީހުވެސް އިއުލާނުކުރާނެ ކަމަށް އަންނަނީ ރިޕޯޓުތައް ބުނަމުންނެވެ.