ވާހަކަ

ބުނެދޭށޭރުހެމޭ

(6 ސެޕްޓެމްބާރ 2018 އާ ގުޅޭ)

"ޝީ އިޒް ހިއާ... މަންމާ، އެއީ ނިމް" ޒިވަންއަށް އޭނާގެ މަންމަގެ ނަޒަރު ހުއްޓިފައި ހުރީ ނިމްރާއަށްކަން އެނގުމުން ބުނެލިއެވެ.

"ޒިވަން މަންމަ ހާދަ ޔަންގޭ ދޯ" ނިމްރާއަށް ބުނެވުނެވެ. އޭނާގެ ލޮލުގައި އެ މީހުންނާ ދިމާއަށް ޒިވަންގެ މަންމަ ބަލަން ހުރި ގޮތް އަޅައިގަތެވެ.

"ސްކާލެޓް ވެސް އެ އުމުރަށް ދިޔައީމަ ހުންނާނީ އެހެން ކަންނޭނގެ، ޒޭވިއާގެ މަމްއާ ސްކާލެޓްއާ ވައްތަރު ގޮތެއް ވެސް އެބަހުއްޓެއްނު" އަރްސަލް ބުނެލިއެވެ.

ފަނޑު ހިނިތުންވުމެއް ދީގެން ހުރި ޒިވަންގެ މަންމަގެ ލޯ އަތުގައި އޮތް އަވިއައިނުން އިހު ހުރި ގޮތަށް ފޮރުވާލީ އަރްސަލްއާއި ނިމްރާގެ އިތުރުން ރާދިންއަށް އޭނާގެ ލޯ ދައްކަން ބޭނުންނުވެގެން ކަހަލައެވެ.

"އެވްރިވަން، މީޓް މައި މަމް، ވިޝް..." ޒިވަން ބުނަން އުޅުނު އެއްޗެއް ފުރިހަމަނުކެރެވެނީސް އޭނާގެ މަންމަ ހުއްޓުވިއެވެ.

"އައި އޭމް ވިވިއަން... ވިވިއަން" ޒިވަންގެ މަންމަ އަވަސް އަވަހަށް ބުނެލިއެވެ.

"މަމް... މީ ރާދު، އަރްސަލް އެންޑް ލިޓްލްވަން" ޒިވަން ބުނެލިއެވެ.

"ތިހެންބުނީމަ ނަން އެނގޭނެތަ، ހެލޯ!... މީ ނިމްރާ އިނގޭ، ޒިވަންގެ މަންމައާ ބައްދަލުވީމަ ވަރަށް އުފާވެއްޖެ، ޒިވަން، މަންމަ ގޮވައިގެން އަންނަންވީނު" ޒިވަންގެ އަތުގައި ޖަހާލާފައި އޭނާގެ މަންމައާ ނިމްރާ ކުރިމަތިލިއެވެ. އަދި ސަލާމްކޮށްލަން އަތްދިއްކޮށްލުމުން އެ އަތުގައި ޒިވަންގެ މަންމަ ހިފައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރާދިންއާއި އަރްސަލް ވެސް ސަލާމްކުރިއެވެ.

"ޑޭވިޑް، ބްރިންގް ދި ލަގޭޖް" ޒިވަންގެ މަންމަ ގާތުގައި ހުރި ޒުވާނާއަށް ބަލާލާއި އޭނާ ބުނެލިއެވެ.

އެންމެން އެކުގައި އައިސް ޕެންޓްހައުސްއަށް ވަނެވެ. ވިވިއަންގެ ނަޒަރު ހުއްޓިފައި ހުރީ ނިމްރާއަށެވެ. އޭނާގެ ހަރަކާތްތަކަށެވެ. އަރްސަލް ދޭތެރެއަކުން ނިމްރާގެ އުނަގަނޑުގައި ހިފައިލައި ގާތްކޮށްލާތަން އޭނާ ދުށްޓެވެ. އަރްސަލްއަށް ވެސް ވިވިއަންގެ ނަޒަރު ހުއްޓެއެވެ. އެޕާޓްމެންޓަށް ވަދެގެން އައިސް ސޯފާގައި އިށީންއިރު ވެސް އޭނާގެ ލޮލުގައިވި އައިނު ނަގަން ގަސްދެއްނުކުރިއެވެ. އެ އައިނުން އޭނާގެ ނަޒަރު ގަސްދުގައި ފަރުދާކޮށްގެން ވިވިއަން އިން ފަދައެވެ.

"މެރީކޮށްގެންތަ އުޅެނީ؟" ވިވިއަން އިނދެފައި އަހާލި ގޮތުން އެ ސުވާލު ކުރީ ނިމްރާއާކަން އެންމެނަށް އެނގުނެވެ.

"ނިމްއާއި އަރްސަލް މެރީ ކުރަން އެ އުޅެނީ ވަރަށް އަވަހަށް، އަޅުގަނޑު ބުނީމެއްނު... ރާދު ވެސް ވަރަށް އަވަހަށް މެރީ ކުރާނެ" ނިމްރާއަށް އެއްޗެކޭ ނުބުނެވެނީސް ޒިވަން ވާހަކަދެއްކިއެވެ. އެއާއެކު ތަހުނާގެ ބަސްކޮޅަކާއެކު ލުއި ހިނިތުންވުމެއް ވިވިއަން ދިނެވެ.

އެއްފައިގައި އަނެއްފައި އަޅުވާލައިގެން އިން ވިވިއަންގެ ކޮންމެ ހަރަކާތަކުން ފާޅުވަނީ ރާއްޖޭގެ ސަޤާފަތަށްވުރެ ބޭރުގެ ވަށްޓަފާޅިއެވެ. ވާހަކަދައްކުމުގައި ސާފު އިނގިރޭސި ބަސް ބޭނުންކުރާއިރު އޭނާއަކީ ކިޔަވައިގެން ހުރި މީހެއްކަން އެނގެއެވެ. ކޮށިކަމެއްނެތި ދިވެހިބަހުން ވާހަކަދައްކަން އެނގޭކަން އޭނާ ބައެއް ފަހަރު ބުނެލާ ވާހަކަތަކުން އެނގެއެވެ. ނިމްރާ އިނީ ވިވިއަންއާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ. ދިވެއްސަކަށްވާއިރު ވިވިއަން ފަދަ ނަންނަމަކީ ދިވެހީންގެ ތެރޭގައި އިވޭ ނަންނަމެއްނޫނެވެ. ރާއްޖޭގައި އުފަންވެ ބޮޑުވެއްޖެނަމަ އެފަދަ ނަމެއް އޭނާގެ މައިންބަފައިން އޭނާއަށް ދީފާނެތޯ ނިމްރާގެ ހިތުގައި ސުވާލު އުފެދުނެވެ. ނޫނީ ވިވިއަން ރާއްޖޭން ބޭރަށް ބަދަލުވުމުން އޭނާ އުޅެބޮޑުވި މާޙައުލާއި ސަޤާފަތުގެ މަތީން ހަނދާންނެތި ހުޅަނގުގެ ވައްޓަފާޅިއަށް މީހާ އެއްކޮށް ލެނބުނީބާއޭ ވެސް ނިމްރާގެ ހިތަށް އެރިއެވެ. އެހެންވިޔަސް މީހާގެ ހަޤީޤަތް ނޭނގި އެ މީހާކާ މެދު ފާޑުކިޔައި ގޮތް ނިންމާކަށް ނުވާނޭކަން އެނގޭތީ ނިމްރާ އިނީ ވިވިއަންގެ ފަރާތުން އެތައްއެތައް ކަމެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

މެންދުރުގެ ވަގުތަށްވާތީ ނިމްރާ ކާމޭޒުތައްޔާރުކުރަން އުޅުނެވެ. އޭނާއާއެކު ބަދިގެ ފަރާތުން އަރްސަލް ހުއްޓެވެ. އޭނާ ކުދިކުދި ކަންކަމުގައި ނިމްރާއަށް އަތްގާތްކޮށްލަދެއެވެ. މޭޒުމައްޗަށް ކާން ނަގައި ތައްޔާރުވުމުން ނިމްރާގެ ބުނުމަށް އަރްސަލް އައިސް އެންމެނަށް ކާންގޮވިއެވެ.

"މީރުކޮށް ކައްކަން ވެސް އެނގޭއޭ ދޯ" ވިވިއަން ކާން އިނދެފައި ބުނެލިއެވެ.

"ކުރިއަކުން ނޭނގޭ... ދަސްކުރީ ކައްކަން... ދަސްކުރީމަ ނޭނގޭނެކަމެއް ނޯންނާނެއެއްނު، ޒިވަންއަށް ކައްކަން އެނގޭތަ" ހީނލާފައި ނިމްރާ ބުނެލިއެވެ.

"ކެއްކުމުގައި ރާދު ވަރު ނުވިޔަސް، އަމިއްލައަށް ބަނޑަށް ނުޖެހި އުޅެވޭވަރުވާނެ... ޔަގީނުން ވެސް ބަނޑަށް ޖެހޭނެ މީހަކު މިތާ އެބައިން" ޒިވަން ދިމާކޮށްލީ އަރްސަލްއާއެވެ.

"މަމް، ތި އައިނު ނުނަގަންތަ ތި އިންނަނީ" ވިވިއަންއަށް ބަލާލާފައި ޒިވަން ބުންޏެވެ. އިރުކޮޅަކު އިނދެފައި ވިވިއަން އޭނާގެ އަވިއައިނު ނަގައި މޭޒުގެ އެއްފަރާތުގައި ބާއްވާލިއެވެ. ވިވިއަންގެ ލޯ އެންމެނަށް ފެނުނީ ދެނެވެ. އަރްސަލް އެ ދެ ލޮލަށް ބަލާލާފައި ނަޒަރު ހިންގާލެވުނީ ނިމްރާއަށެވެ. އޭނާއަށް ވީގޮތް ނިމްރާއަށް ވެސް ނަގައިގަނެވުނެވެ. މާމުއިކުލައިގެ ކަޅިއެއް ލިބިފައިވާ ނިމްރާގެ ލޮލާ ދާދި އެއްގޮތެވެ. ހަމައެކަނި ތަފާތަކީ ވިވިއަންގެ ކަޅީގެ ވަށައިގެން ކަޅުޗޮކުލެޓުކުލައިގެ ބުރެއް ލެވިފައިވާކަމެވެ. އެއީ އިއްތިފާގަކަށް ނޫނީ ނުވާނޭ އަރްސަލްއާއި ނިމްރާގެ ހިތަށް އެރިއެވެ.

މެންދުރު ކައިގެން ރާދިންއާއި އަރްސަލްއާއެކު ޒިވަން ވެސް މަޑުކޮށްގެން ތިއްބެވެ. ނިމްރާ ދެ ދުވަހުގެ ޗުއްޓީއެއް ނަގަން ބޭނުންވުމުން އެކަމުގެ ހުއްދަ އަރްސަލް އޮތީ ދީފައެވެ. ވިވިއަން ހޮޓެލްގައި މަޑުކުރާ ދެ ދުވަހު އޭނާ ފޫހިވިޔަ ނުދީ އޭނާއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ނިމްރާ ނިންމީއެވެ. ހުރިހާ ފިރިހެނުން ވާހަކައިގައި ތިބިއިރު ނިމްރާ އައީ ވިވިއަންއަށް އޭނަގެ ކޮޓަރި ދައްކާށެވެ. އެޕާޓްމެންޓުގައި ހުރި ކޮޓަރިތަކުން ހުސްކޮޓަރިއަށް އޭނާ ހުރީ ވިވިއަން އަންނަންވާއިރަށް ތައްޔާރުކޮށްފައެވެ.
"ވިވިއަން ދެން ރެސްޓްކޮށްލާ، އަޅުގަނޑު އުޅޭނަން އެޕާޓްމެންޓުގައި، ކަމެއް ބޭނުންވެއްޖެއްޔާ އަޅުގަނޑަށް އަންގާލާ" ނިމްރާ ހިނިތުންވެލިއެވެ.

"އަހަރެން ފެންވަރާލަން ބޭނުންވަނީ، މި ހޮޓެލްގައި ހުންނަ ރެސްޓޯރެންޓުގައި ކާއެއްޗެހި ވަރަށް މީރުކަމަށް ޒިވަން ބުނި، މިރޭ އެތަނުން ކެއުން ހަމަޖައްސަންވީނު، އިޓްސް އަ ލޭޑީސް ނައިޓްއައުޓް" ވިވިއަން ބުނެލިއެވެ. ނިމްރާ ހިނިތުންވެލައިގެން ހުރެ ބޯޖަހާލީ އެއްބަސްވުމަށެވެ. އަދި މަޑުމަޑުން ކޮޓަރީގެ ދޮރުފަތް ލައްޕާލާފައި ނިމްރާ ހިނގައިގަތީ އަރްސަލްމެން ތިބި ދިމާއަށެވެ.

"އަހަރެމެން ދެން ދަނީ" ނިމްރާ ފެނުމުން ރާދިން ބުނެލިއެވެ.

"ތި މީހުން ދޭ، އަހަރެން ވެސް އިރުކޮޅަކުން އެބަދަން" އަރްސަލް ބުނެލިއެވެ.

"ތޭންކްސް ލިޓްލްވަން، ޔޫ އާ މައި ފޭވަރިޓް ގާލްފްރެންޑް" ޒިވަން އައިސް ނިމްރާގެ ކޮނޑުގައި ހިފައި ގާތްކޮށްލިއެވެ. އެހިނދު ޒިވަންގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން އޭނާގެ އަތުގައި ހިފައި އަރްސަލް ދަމައިގަނެއްޖެއެވެ.

"ގާލްފްރެންޑް... ރިއަލީ..." އަރްސަލް ބުނެލިއެވެ. ރާދިންއާއި ޒިވަން ޖަހާލީ ހިނިގަނޑެކެވެ. އެ ދެ މީހުން އެކުގައި އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ.

"ޒިވަން މަންމަ ކޮބާ" އަރްސަލް އަހާލީ ތަންކޮޅެއް މަޑުންނެވެ.

"ކޮޓަރީގައި... ކިހިނެއްވީ؟" ނިމްރާ އަހާލިއެވެ.

"ހިނގާބާ ރޫމަށް، އަހަރެން ދޭންވެފަ އޮތް އެއްޗެއް އެބައޮތް" އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް އަރްސަލް އައެވެ.

ކޮޓަރީގެ ދޮރުލެއްޕުމާއެކު ނިމްރާ ގެނެސް އަރްސަލްގެ އަތުތެރެއަށް ލައިފިއެވެ. އޭނާގެ މޫނުގައި އަރްސަލް ބޮސްދިނީ ލޯތްބާއެކުއެވެ. އަދި ވިވިއަން ފުރުމުން ކައިވެންޏަށް ރަންކިޔަން ތައްޔާރުވާންވީ ކަމުގައި ބުނެލިއެވެ. ނިމްރާގެ މޫނުން ތަފާތު އުފާވެރިކަމެއް ފާޅުވެގެންދިޔައެވެ.

"އަރްސަލް އަހަންނާ ހަމަ އިންނަންތަ ތިއުޅެނީ" ނިމްރާއަށް އަހާލެވުނެވެ.

"ކިހިނެއްވީ ޔަގީން ނުވަނީތަ؟ އަހަރެންގެ މިލްކެކޭތީ ބުނީމެންނު... ތީ އަހަރެންގެ ސްކާލެޓް، ހަމައެކަނި އަހަރެންގެ، އެހެން މީހަކަށް ލިބުނަކަ ނުދޭނަން... ރަންކިއުމަށްފަހު ހުރިހާކަމެއް ފައިނަލްވީ، އޭރުން މުޅިއުމުރަށް ސްކާލެޓް މި ޑެވިލްއަށް މިލްކުވާނެ" އަރްސަލް ހީނލިއެވެ.

"ޑެވިލްސް ޕްލޭން... އައި ލަވް އިޓް" ހިނިތުންވެލައިގެން ހުރި ނިމްރާ ބުނެލިއެވެ.

ސިޓިންރޫމުގައި އިން ވިވިއަންއަށް ހިނިތުންވެލައިގެން ތިބެ ކޮޓަރިން ނުކުމެގެން އައި އަރްސަލްއާއި ނިމްރާ ފެނުނެވެ. ވިވިއަން ފެނުމުން ނިމްރާއާ ދުރަށް އަރްސަލް ޖެހިލިކަން އޭނާ ދެނަހުއްޓެވެ. އޭނާއާ އަރާ ހަމަވުމުން އަރްސަލް ހިނިތުންވުމެއް ދިނެވެ.

"ޔަންގްމޭން، ޔޫ އާ ނޮޓް ޔެޓް މެރީޑް... ސޯ ވެއިޓް ޓިލް ހާ ބީ ޔޯ ވައިފް، އިން މައި ސްޓޭ، އައި ޑޯންޓް ވޯންޓު ސީ ޔޫ ކަމިންގ އައުޓް ފްރޮމް ހާ ރޫމް" ވިވިއަން ބުނެލިއެވެ. އަރްސަލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ނިމްރާއަށް ބަލާލާފައި ވިވިއަންއަށް އޭނާ ބަލާލިއެވެ.

"ސާފުނުވަނީތަ؟" ވިވިއަން ބުނެލިއެވެ.

"ނޯ މޭމް... އިޓްސް ލައުޑް އެންޑް ކްލިއާ" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ.

"ހޭވް އަ ގުޑް ޑޭ މޭމް، ބާއި..." އަރްސަލް އަވަސް އަވަހަށް އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ. އޭނާއާއެކު ނިމްރާ އައެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ އަރްސަލްއަށް ނިމްރާ ބަލާލީ ދިމާކޮށްލާ ފަދައަކުންނެވެ.

"ހޫ އިޒް ޝީ... ސްކާލެޓްގެ ކޮޓަރިން ނުކުތަސް އޭނާ އެކަމާ ބެހެންވޭތަ؟... މިހެންވެދާނެތީއޭ އަހަރެން ބުނީ ޕްރައިވެސީއެއް ނޯންނާނޭ" ދޮރުމަތީ ހުރެ އަރްސަލް ވައްތަރުޖައްސާލިއެވެ.

"ޓޫ ޑޭސް... އެންމެ ޓޫ ޑޭސް، މުޅިއުމުރަށް އަހަރެން މިލްކުކުރަން އުޅޭއިރު އެންމެ ދެ ދުވަސް ކެތްކޮށްނުލެވޭނެތަ؟" އަރްސަލްގެ މޭގައި ފިރުމާލަމުން ނިމްރާ ބުނެލިއެވެ.

"ސްކާލެޓް ނުފެންނަ ހިސާބަކުނުހުރެވޭނެ" ނިމްރާގެ ކޯތާފަތުގައި ފިރުމާލަމުން އަރްސަލް ބުނެލިއެވެ.

އަރްސަލް ދިއުމުން އެޕާޓްމެންޓުގެ ދޮރުލައްޕާފައި ނިމްރާ އައިސް ސޯފާގައި އިށީނެވެ. ވިވިއަން ނުކުތީ ކޮންއިރަކުތޯ ނިމްރާ އަހާލިއެވެ. އެއާއެކު އިރުކޮޅެއްވެއްޖެ ކަމުގައި ވިވިއަން ބުނެލިއެވެ. އަދި އޭނާ ނިމްރާއާ ސުވާލުކުރީ އަރްސަލްއާ ރައްޓެހިވެގެން އުޅޭތާ ވީ ދުވަހަކާ މެދުއެވެ. ސީދާ އެ ސުވާލަށް ދޭނޭ ޖަވާބެއް ނިމްރާއަށް ނޭނގުނަސް އޭނާއާ އަރްސަލްއާ ދިމާވިތާ ވީހާ ދުވަހެއް ބުންޏެވެ. ދެން ވިވިއަން އެނގެން ބޭނުންވީ ޒިވަންއާ ނިމްރާ ބައްދަލުވި ގޮތެވެ. ޒިވަން ދުވަހަކު ވެސް އޭނާގެ ޢާއިލާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ވޭތޯ ވެސް ވިވިއަން އޮޅުންފިލުވަން ބޭނުންވިއެވެ. ނިމްރާ ކިޔަވަން އުޅުނުއިރު ޒިވަންއާ ފުރަތަމަ ބައްދަލުވިގޮތާއި އޭގެ ފަހުން އަރްސަލްގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ބައްދަލުވި ގޮތް ނިމްރާ ކިޔައިދިނެވެ.

"ކީއްވެ އެކަނި އުޅެނީ، ޢާއިލާ މީހުން ކޮބާ؟" އިރުކޮޅަކު އިނދެފައި ވިވިއަން އެހިއެވެ.

"މިހާރު ޢާއިލާގައި އެކަކު ވެސް ނެތް" ނިމްރާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

"މަރުވީތަ؟" ވިވިއަން އަހާލިއެވެ. އެހިނދު ނިމްރާ ހޫންއެއްލަވާލުމާއެކު މަޑުމަޑުން ބޯޖަހާލިއެވެ.

"މަން... މަންމަ ވެސްތަ؟" ވިވިއަންގެ ސުވާލާއެކު ނިމްރާގެ މޫނުމަތީގައިވި އަސަރުތައް ބަދަލުވިއެވެ.

"އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުމެން ދޫކޮށްލާފައި މަންމަ ހިނގައްޖެ، އުޅޭތަނެއް ނޭނގޭ" ނިމްރާ އެ މައުޟޫޢުއަށް ވާހަކަދައްކަން ބޭނުންނުވާކަން އޭނާގެ މޫނުގައިވި އަސަރުތަކުން ވިވިއަން ދެނެގަތެވެ.

"ނައުފަލް... ނައުފަލް..." ޚިޔާލަކަށް ގެއްލި އިނދެ ވިވިއަންއަށް ބުނެވުނެވެ.

"އެއީ އަޅުގަނޑުގެ ބައްޕަ... ވިވިއަން ގާތު ކާކު ބުނީ؟" ވިވިއަންގެ ދުލުން ބޭރުވެގެން ނުވާނޭކަމެއް ކަމެއް ދުލުން ބޭރުވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނީ ނިމްރާގެ އަޑު އިވިފައެވެ. (ނުނިމޭ)