ހަބަރު

އައިލެންޑް އޭވިއެޝަންގެ ބޯޑުން އެމްޑީއޭގެ މެންބަރު ސިނާން ވަކިކޮށްފި

Sep 9, 2018
18

އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރުކަމުން އެމްޑީއޭގެ ކައުންސިލް މެންބަރު، ސިނާން އަލީ މިއަދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވަނީ އެ ނިންމުން ނިންމާފައިވާ ކަން "އަވަސް"އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ވަކިކުރީ ކީއްވެ ކަމެއް ވިދާޅެއްނުވެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން މެންބަރުން އައްޔަން ކުރަނީ ރައީސްގެ ލަފާގެ މަތިން ޕްރައިވެޓައިޒޭޝަން ބޯޑުން އެވެ.

އެމްޑީއޭގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވާ ސިނާން، ފުރަތަމަ ހުންނެވީ އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަން ކުރުމަށް ފަހު ތިން ދުވަސް ނުވަނީސް އަލުން އެމްޓީސީސީގެ ބޯޑަށް ހަމަޖެއްސި އެވެ. އެއަށް ފަހު އަނެއްކާ ވެސް، އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރެއްގެ ގޮތުގައި އޭނާ ހަމަޖެއްސި އެވެ.

ސިނާން އައިއޭއެސްގެ ބޯޑުން ވަކިކުރި އިރު، އޭނާ ނިސްބަތްވާ ޕާޓީ އެމްޑީއޭ އާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެމްޑީއޭއިން އެއްވެސް ޕާޓީއަކާ އެކު ކުރިއަށް ދާން އަދި ނުނިންމަ އެވެ. މި ކަންތައްތަކުގެ ތެރެއިން އެ ޕާޓީގެ ލީދަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފަ އެވެ.