ފިނިޕޭޖް

ކްރިސް ހެމްސުވޯތުގެ ފިލްމު ނަވާޒުއްދީން ދޫކޮށްލައިފި

ނަވާޒުއްދީން ސިއްދިގީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރުންނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްލި އެކްޓަރެކެވެ. އެންމެފަހުން އޭނާ ފެނިގެންދިޔަ، ނެޓްފިލްކްސް އޮރިޖިނަލް ސީރީޒް "ސެކްރެޑް ގޭމްސް" އާއެކު އޭނާގެ މަގުބޫލުކަން އިތުރަށް ވަނީ ބޮޑުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ދާދިފަހުން ނަވާޒުއްދީންއަށް ވަނީ ހޮލީވުޑް ފިލްމަކުން ރޯލެއް ލިބިފަ އެވެ. އެއީ ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކްރިސް ހެމްސުވޯތު ކުޅޭ ފުރަތަމަ ނެޓްފްލިކްސް ފިލްމު "ޑާކާ" އިން ކަމަށްވެ އެވެ. އިންޑިއާގައި ޝޫޓުކުރަން ނިންމާފައި އޮތް އެ ފިލްމުން ލިބުނު ރޯލު ދޫކޮށްލުމަށް ނަވާޒުއްދީން ނިންމާފައިވާކަމަށް ޕިންކް ވިލާއިން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.

ޕިންކް ވިލާއިން ބުނީ އެ ފިލްމު ދޫކޮށްލުމަށް ނަވާޒުއްދީން ނިންމީ، ގިނަ ފިލްމުތަކެއް ކުޅުމަށް އޭނާ ސޮއިކޮށްފައި ހުރުމާއެކު އިތުރު ފިލްމަކަށް ވަގުތުދޭން ދަތިވާނެތީ ކަމަށެވެ. އިތުރު ފިލްމަކަށް ސޮއިކުރާނީ މިހާރު ސޮއިކޮށްފައި ހުރި ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ނިމުމުން ކަމަށެވެ.

ނަވާޒުއްދީންގެ އާ ފިލްމެއް މި މަހު 21 ގައި ނިކުންނާނެ އެވެ. އެއީ ފިލްމު "މާންޓޯ" އެވެ. މި ފިލްމު ވަނީ މިހާރު ކުރިއަށްދާ ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި އަޅުވާފަ އެވެ. އެ ފެސްޓިވަލުގައި މި ފިލްމު އެޅުވުމާއެކު ކްރިޓިކުން ވަނީ ތައުރީފުތައް ބަނޑުންކޮށްލާފަ އެވެ.