ބޮލީވުޑް

އުފަންދުވަހު އަކްޝޭ ދިނީ ފިލްމުގެ ޕޯސްޓަރެއް

އަކްޝޭ ކުމާރާއި ރަޖްނީކާންތު ލީޑުން ފެނިގެންދާ ފިލްމު "ޓޫ ޕޮއިންޓް އޯ" ރިލީޒްނުކުރެވިގެން އުޅޭތާއި ލައްކަ ދުވަސްވުމަށްފަހު އަންނަ ނޮވެމްބަރު މަހު 29 ގައި މި ފިލްމު ރިލީޒްކުރާނެ އެވެ. އެ ތާރީހުގައި ފިލްމު ރިލީޒްކުރަން ނިންމީ ތަފާތު އެކި މައްސަލަތަކާއި ހެދި ފިލްމު ފަސްކުރަމުން އައިސްފަ އެވެ.

އިއްޔެއަކީ އަކްޝޭގެ 51 ވަނަ އުފަންދުވަހެވެ. އުފަންދުވަހުގެ މުނާސަބަތުގައި އަކްޝޭ އޭނާގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނީ ފިލްމުގެ އާ ޕޯސްޓަރެކެވެ. މި ޕޯސްޓަރުގައި ފެންނަނީ ފިލްމުގައި އަކްޝޭ ހުންނަ ގޮތެވެ. އާ ފޯސްޓަރު މި ދޫކޮށްލީ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލުމަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ. ޓީޒާ ދޫކޮށްލާނީ ބުރާސްފަތި ދުވަހު އެވެ.

"ޓޫ ޕޮއިންޓް އޯ" އަކީ 2015 ވަނަ އަހަރު ނިކުތް ރަޖްނީކާންތުގެ ފިލްމު "ރޮބޮޓް" ގެ ސީކުއެލް ފިލްމެވެ. އަކްޝޭއާއި ރަޖްނީކާންތުގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލަކުން އެމީ ޖެކްސަން ފެނިގެންދާނެ އެވެ.

ވަރުގަދަ ވިޒުއަލް އިފެކްޓްސްއާއެކު ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރީ އެސް ޝަންކަރް އެވެ. މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމަށް މި ފިލްމުވާނެއިރު، މި ފިލްމު ވެގެންދާނީ ސީދާ ތްރީޑީ ފޯމެޓުގައި ޝޫޓުކުރި ފުރަތަމަ އިންޑިއާގެ ފިލްމަށެވެ.