ސާފް ސުޒުކީ ކަޕް

އިންޑިއާ އަތުން ބަލިވެ، ގުރުލައިގެން ރާއްޖެ ސެމީއަށް

ދިވެހިރާއްޖެވެސް އިންޑިއާ އަތުން 2-0 ން ބަލިވުމުން، ސެމީ ފައިނަލުގެ ޖާގަ ހޯދަން، ރާއްޖެ އާއި ލަންކާ ގުރުއަތަށް ދާން ޖެހިއްޖެ އެވެ. މޮޅާ އެކު އިންޑިއާއަށް ވަނީ ތާވަލުގެ އެއް ވަނަ މަގާމު ކަށަވަރު ކޮށްފަ އެވެ.

މިއީ، ރާއްޖޭގެ ތާރީހްގައި ގުރު އަތުލައިގެން ސެމީގެ ޖާގަ ހޯދަން ޖެހޭ ފުރަތަމަ ފަހަރެވެ. ރާއްޖެއިން މުބާރާތުގައި ވާދަ ކުރަން ފެށީ 1997 ވަނަ އަހަރު އެވެ. ސައުތު އޭޝިއަން ފެޑްރޭޝަން ކަޕުގެ ނަމުގައި، މި މުބާރާތް ބާއްވަން ފެށީ 1993 ވަނަ އަހަރު އެވެ.

މުބާރާތުގެ ގާވާއިދުގައިވާ ގޮތުން، ހުރިހާ ގޮތަކުން ގުރޫޕްގައި ހިމެނޭ ދެ ޓީމު އެއްވަރު ވެއްޖެނަމަ މުބާރާޓުގެ ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅާނީ ގުރު އަތުލައިގެންނެވެ. ރާއްޖެ އާއި ލަންކާއަށް ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ގޮތުންވެސް އެއްވަރެވެ. ދެ ޓީމަށްވެސް އެއް ޕޮއިންޓާއި ގެއްލުން ދެ ގޯލެވެ.

މެޗަށް، ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ އެޓޭކިން ޑިޕާޓްމެންޓަށް ތިން ބަދަލު ގެނެސްފަ އެވެ. ހަމްޒާ މުހައްމަދު 'ހަމްޕް' އާއި އަލީ ފާސިރު 'ސެންޓޭ' އަދި ނާއިޒު ހަސަން (ދާދު) ގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ، އަސަދުﷲ އަބްދުﷲ، އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އެވެ.

މުލީ މެޗުގައިވެސް ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެއްވަރެއްގައި ގޭމްގެ މޮޑިއުލް ނުހިފެހެއްޓުނެވެ. މީޑްފީލްޑްލައިގައި ބޯޅަ ނުހިފެހެއްޓުނު އިރު، ޑިފެންސު ފެނުނީ ދަށްކޮށެވެ. އިންޑިއާއިން ޖެހި ދެ ލަނޑުވެސް ޖެހީ ރާއްޖޭގެ ޑިފެންސަށް އެންމެ ރަނގަޅަށް ސަމާލު ނުވެވި ތިއްބަ އެވެ.

އިންޑީއާގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނިކީ ޕޫޖަރީ އެވެ. އިންޑިއާގެ ދެ ވަނަ ލަނޑު 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މަންވީރު ސިންހް އެވެ.

ސެމީ ފައިނަލުގައި، އިންޑިއާ ވާދަ ކުރާނީ އެ ގައުމާ އެންމެ ވާދަވެރި ޕާކިސްތާނާ ދެކޮޅަށެވެ. ރާއްޖެ ވާދަ ކުރާނީ، ގުރޫޕް އޭ ގެ އެއް ވަނަ ނޭޕާލާ ދެކޮޅަށެވެ. ސެމީ ފައިނަލު މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.