ސާފް ސުޒުކީ ކަޕް

ޝެގަޓަށް ޓީމު ދަސްނުވެ، ޓީމެއް ބިނާ ކުރެވޭނެ؟

ރާއްޖޭގެ ގައުމީ ކޯޗު ކަމާ ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް ހަވާލުވީ، ފެބްރުއަރީ މަހު ފަހު ކޮޅު އެވެ. އޭނާގެ ފުރަތަމަ މެޗުގައި، ސިންގާޕޫރާ ދެކޮޅަށް ކުޅެން ގެންދިޔަ ޓީމުގައި މުހިންމު ބައެއް ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ. އޭރު އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިން އޭނާއަށް ދަސް ނުވާ ކަމަށާއި ސްކޮޑު އެކުލަވާލުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެހީ ހޯދާފައިވާނެ ކަމަށެވެ.

ރާއްޖޭގެ ކުޅުންތެރިން ދެނެގަންނަން، އޭނާއަށް ވަގުތު ބޭނުންވާ ކަމަށް އޭރު ޝެގަޓް ބުންޏެވެ. އޭނާގެ ފުރަތަމަ އޮފިޝަލް މެޗުގައި، ބޫޓާންއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށް، އެންމެ ފުރަތަމަ ބާކީ ކުރި ކުޅުންތެރިން ސްކޮޑަށް ގެނަ އެވެ. ސްކޮޑަށް ގެނައި ބަދަލުން ނަތީޖާ ނެރުނެވެ.

ރާއްޖޭގެ ކޯޗު ކަމުގައި އޭނާ މަސައްކަތް ކުރާތާ، ފަސް މަސްވީ އެވެ. ކުޅުންތެރިން ދެނެގަތުމަށާއި ދަސް ކުރުމަށް އެއީ އެކަށީގެންވާ ވަރުގެ މުއްދަތެކެވެ. ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ކުރިމަތިލި ފުރަތަމަ މުބާރާތަކީ މިހާރު ބަންގުލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕެވެ. ގުރޫޕް ސްޓޭޖު ރާއްޖެއިން ނިންމާލީ، ލަނޑެއް ނުޖެހި އެވެ. ސެމީ ފައިނަލަށް ދިޔައީ، ގުރުލައިގެންނެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ އެންމެ ދަށް ނަތީޖާއެވެ.

ގުރުލައިގެން ސެމީ ފައިނަލަށް ދިއުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ހައްގު މިންވަރު ހެއްޔެވެ؟ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުގައިވެސް ޓީމުގައި އޮގަނައިޒް ގޭމް ޕްލޭނެއް ނެތެވެ. ޓީމުގައި ހާއްސަ ޓެކްޓިކްސް އެއް ނެތެވެ. ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ނަތީޖާއެއް ނުނެރެވުނަސް، ހަމަލާތަކެއް އުފެއްދި އެވެ.

އިންޑިއާއާ ދެކޮޅަށް ނެރުނީ އެޓޭކިން ފޯސް ގާތްގަނޑަކަށް އެއްކޮށް ބަދަލު ކޮށްގެންނެވެ. މިއީ ޝެގަޓަށް އޭނާގެ ކުޅުންތެރިން ދަސް ވެފައިވޭތޯ ސުވާލު ކުރަން ޖެހޭ ކަމެކެވެ. ގަތަރުގައި ޓްރެއިނިން ކޭމްޕްގައި ކުޅުންތެރިންނާއެކު 25 ދުވަސް ހޭދަ ކުރި އެވެ. މިއީވެސް މުބާރާތަކަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު މުއްދަތެކެވެ. ނަމަވެސް ޝެގަޓަށް ދިވެހި ކުޅުންތެރިންގެ ފެންވަރާއި ، އެއް ކުޅުންތެރިޔަކާ އަނެއް ކުޅުންތެރިޔަކާ ގުޅޭ ކޮމްބިނޭޝަން އަކީ ކޮބައިކަން ނޭންގުނެވެ.

ޝެގަޓްއާ ރާއްޖޭގެ ކޯޗުކަން ހަވާލު ކުރީ، ގައުމީ ޓީމުގެ އާ ޖީލު ބިނާ ކުރުމަށެވެ. އޭނާއަށް ހެދުނު ގޯސްތަކާއި ޓީމު އެކުލަވާލި ގޮތުން އޭނާއަށް އެ މަސައްކަތް އެކިއުރޭޓްކޮށް ކުރެވިދާނެ ހެއްޔެވެ.