ރިޕޯޓް

ބްރިޖަށް އެރުމުން އުސޫލުތައް ފައިދަށަށް!

ކުރިން މާލެ ވަށައި ބޮޑުތަކުރުފާނު މަގުގައި ވަށައިގެން ޖަހަމުން އައި ފިނި ބުރުތަކުގެ މިސްރާބު މިއޮތީ ގާދޫކޮލުން ކަނޑު ހުރަސްކޮށް ދަމާލާފައި އޮތް ސިނަމާލެ ބުރިޖްގެ މައްޗަށް ބަދަލުވެފަ އެވެ. މި ބުރިޖަށް އެރުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑަސް، ބްރިޖަށް ވަންނަ މައި ދޮރާށީގައި އެހުރި ޓްރެފިކް ލައިޓް ފެހިވަންދެން މަޑު ކުރަން ޖެހުނެވެ. ކުރިމަތިން އޮތް މާސިންގާ ބުރިޖުގައި ސައިކަލްތަކާއި އުޅަނދުތައް ރޫސްލާފައި ދުއްވާފައިދާތަން ފެނެ އެވެ.

ބްރިޖަށް އަރަން ޓްރެފިކް ލައިޓް ފެހިވެ ސައިކަލަށް ބްރިޖްގެ މައިގޭޓުން ވަތްއިރު ބަރާބަރު 7:15 ވެއްޖެ އެވެ. ޓްރެފިކް ލައިޓް ފެހިވުމާ އެކު، ފެމެލީ ކޯޓާ ހަމަޔަށް ދަމާލާފައި އޮތް ސައިކަލް ކިޔޫ ބްރިޖްގެ މައި ދޮރާށިން ދެމި ގަތީ އެ މީހަކަށް ލެވުނުހާ ބާރެއް ލާފައި ސްޕީޑް ހިފާލަމުން އެވެ. ގިނައީ ނޫކަށި ފުރައިގެ ޒުވާން ގްރޫޕުތަކެވެ. ބޮޑެތި ގްރޫޕުތައް ހަދާލާފައި ސަރަކާތްޖަހަމުން ބާރު ސްޕީޑުގައި ސައިކަލު ދުއްވާލައި ބްރިޖްގެ މަތިން ކުރިއަށް ދަނީ، ބްރިޖްމަތީ ފިނިބުރެއް ޖަހާލުމަކީ ސަޅިކަމެއް ކަމަށް ދެކި، ނުހަނު ފޯރީގަ އެވެ. އެކަމަކު އެ ޒުވާނުންގެ އަމަލުތަކުން މަގޭ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާ އެވެ. އެއް އަޑަކަށް އިވެނީ އަދި ފެންނަނީ ބާރު ސްޕީޑްގައި ހަމައެއް ލަމައެއް ނެތި ވައިރޯޅިއެއްހާ ބާރު މިނުގައި ދާ ސައިކަލްތަކެވެ. ގަންނާކުރައްވާ ބިރުން، ސައިކަލު ދުއްވަން އިން، އަހަރެންގެ ފިރިމީހާ ކައިރިން އެދުނީ، އެހެން މީހުން މާބާރަށް ސައިކަލް ދުއްވިޔަސް "މި ސައިކަލު މަޑުން" ދުއްވާށެވެ. ސައިކަލެއް ކޮންޓްރޯލުން ނެއްޓި އަހަރުމެން ދެމީހުންގެ ޒަމާން ދާން ބޭނުމެއް ނުވި އެވެ.

ބްރިޖްގެ މެދާ ހިސާބަކަށް 30-40 ކިލޯމީޓަރާ ދެމެދު ބާރުނެއްގައި ދުއްވާފައި ދެވުނު އިރު، ކަނޑު ހުރަސްކޮށް ހަދާފައި އޮތް ސިނަމާލެ ބްރިޖުގެ ހިތްގައިމުކަން އިހުސާސްވެ އެވެ. ޖެހޭ ފިނިވައިރޯޅިން ހިތަށް ކިތަންމެހާ ވެސް ފިނި އިހުސާސެއްވެ އެވެ. ނަމަވެސް އެ ހިތްގައިމު ވަގުތުކޮޅު ވެސް ނިމުމަކަށް އައީ ކައިރިން ވައަތް ފަރާތުން ބާރު ސްޕީޑުގައި އޯވަޓޭކް ކުރި ސައިކަލުގެ ސްޕީޑް ހިއްލައިލި އަޑުފައްގަނޑުން އެވެ. އެ ސައިކަލްގައި އަހަރުމެން ކުރިކަނޑާފައި ކުރިޔަށް ހުރި ވެހިކަލްތައް ވެސް ކަޑުކަޑުވަމުން ގޮސް ލޮލުކޮޅަށް ގެއްލެން ސުކުންތު ކޮޅެއްވެސް ނުނެގި އެވެ. ފުންނޭވާ އެއް ދޫކޮށްލެވުނީ އެ މަންޒަރު ފެނި ގަތްބިރުންނެވެ. އަނބުރާލާފައި އެނބުރި އައިކޮޅަށް ދާން ހިނގާށޭ، ފިރިމީހާ ކައިރީ ދެތިން ފަހަރަކު ބުނީމެވެ. އެކަށީގެން ނުވާ ބާރު ދުވެލީގައި ސައިކަލު ދުއްވުމަކީ އަހަންނަށް އެއްވެސް "ކޫލް" ކަމަކަށް ނުވި އެވެ. ހާއްސަކޮށް މާކަނޑު ހުރަސްކޮށް އަޅާފައި އޮތް ބްރިޖެއްގައި އެކަން ކުރުމަކީ އެއްގޮތަކަށް ވެސް ހެޔޮވާވަރު ކަމެއް ނޫނެވެ.

ބާރަށް ދުއްވާފައިދާ ސައިކަލުތަކުގައި ތިބި ޒުވާނުން ހަޅޭލަވަމުން ދުއްވާއިރު، އެ ތަނުގައި ދުއްވުމުގެ ގަވާއިދުތަކަށް އެ މީހުންގެ ފަރުވާލެއް ނެތެވެ. އެ މީހުންގެ ސަމާލުކަން ބޮޑަށް އޮތީ ސެލްފީ ނަގައި، ވީޑިއޯކޮށް އެތަކެތި ސޯޝަލް މީޑިއާގެ ތެރެއަށް ދުއްވާލާށެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓުން ބްރިޖް ހުރަސްކޮށް ހުޅުލެއާ ހުޅުމާލެއާ ދެމެދު އޮތް ލިންކް ރޯޑްގައި ދުއްވައި ހުޅުމާލެއަށް ވަންނަން ނެގި، 10 ވަރަކަށް މިނިޓްގެ ތެރޭ ބްރިޖްގައި އުޅަނދުތައް ދުއްވުމުގައި އަމަލު ސަމާލުވާން ޖެހޭ ކަންތައްތަކާއި އެ ހައިވޭގެ ރައްކާތެރިކަމަށް ހެދިފައި ހުރި އުސޫލުތަކަށް ތަބާވާ ދެތިން މީހަކާ ނޫނީ ދިމާ ނުވެ އެވެ.

ތިން ކިލޯ މީޓަރުގެ ދިގު ބްރިޖުމަތީ 60 ކިލޯ މީޓަރަށް ދުއްވުމުގެ ހުއްދަ އޮތަސް، ގިނަ އުޅނދުތައް އެއްފަހަރާ ބްރިޖުމަތިން ދަތުރުކުރާތީ ދެން ދަތުރުކުރާ އުޅަނދުތަކާ މެދު ވެސް ވިސްނާލަންވާނެ އެވެ. ބަސްތަކާއި އެހެނިހެން ވެސް ބަރު ބޮޑެތި އުޅަނދުތައް ދަތުރުކުރަން ހާއްސަ ލޭނެއް އޮތަސް، އެކަމެއް ދަންނަ މީހަކު އެ ބުރިޖުމަތިން ދަތުރުކުރާހެން ހިއެއް ނުވެ އެވެ. އޯވާޓޭކްކޮށް، އެއް ލޭނުނުން އަނެއް ލޭނަށް ބަދަލުވަނީ ދެން ދަތުރުކުރާ ވެހިކަލްގެ ހިތައް އެރި ފަޅިއަކުން އެވެ. އޯވަޓޭކް ކުރާއިރު ކަނާތްފަރާތަށް ސިގްނަލް ދީ އެ ފަޅިން އޯވަޓޭކް ކުރަން އޮތް ނަމަވެސް، އެކަމަށް ސަމާލުކަން ދިން މީހަކު ނެތެވެ. ބްރިޖުގައި އެއް ކޮޅަށް ދުއްވަން ދެ ލޭން އޮތަސް، އެއްފަހަރާ ގިނަ ސައިކަލުތަކާއި އުޅަނދުތައް ދުއްވާނަމަ އެތަކެއްޗަށް ޖާގަ ދީ ސްޕީޑު ނަގަން ވާނީ ދެން ދަތުރުކުރާ އުޅަނދުތަކަށް އުނދަގޫ ނުވާ ގޮތަށް ދަތުރުކުރެވޭނެ ގޮތަށް ޖާގަ ދީފަ އެވެ.

ބްރިޖުގެ މެދަކާ ހިސާބަށް އާދެވުނުއިރު، ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ހައިވޭ މަތީގައި އެއް އަރިމައްޗެއްގައި ސައިކަލު މަޑުކޮށްގެން ފޯނުން ވާހަކަދައްކަން ތިބީ ކިތައް މީހުންކަމެއް ނޭނގެ އެވެ. ދަންވާވަރަކަށް ބާރު ސްޕީޑުގައި ބްރިޖުމަތިން ދަތުރުކުރާ ސައިކަލުތަކުގެ އަދަދު އައީ ގިނަވަމުންނެވެ.

މި ތަޖުރިބާގެ ވާހަކަ މިހިސާބުން އަދި ކުރުކުރެވޭކަށް ނެތެވެ. ގްރޫޕު ހަދާފައި ބާރު ސްޕީޑުގައި ސައިކަލް ދުއްވަމުން ދާއިރު އަޑުގެ ނެތްތަނަށް ސަކަރާތް ޖަހަމުން އެއް ސައިކަލުގައި އިންނަ މީހާގެ ގަޔަށް އަނެއް ސައިކަލުގައި އިންނަ މީހާ އަތްއުކި މަންޒަރެއް މި ނޫނީ ހައިވޭއަކުން ނުދެކެމެވެ. އަދި އެއް ސައިކަލު އަނެއް ސައިކަލު ރޭސްޖަހަމުން ދުއްވާއިރު ބިރުގެ ކަންފުޅެއް ވެސް އެމީހުންގެ ނަހައްދަވަ އެވެ.

ބްރިޖް ނިމި، ހުޅުލެ އާއި ހުޅުމާލެއާ ދެމެދު އޮތް ލިންކް ރޯޑު ފެށޭ ހިސާބުގައި ހުރި ޓްރެފިކްލައިޓެއް ހުރިކަން އިނގުނީ ބްރިޖު ނިމުނު ކޮޅުގައި ހުރިހާ ސައިކަލުތަކެއް ތޮށްޖެހިފައި އޮތުމުންނެވެ. ލައިޓު ކައިރީގައި ފުލުހަކު ޓްރެފިކް ކޮންޓްރޯލް ކުރަންހުރި އިރު ވެސް ކުރީގައި ތިބި ގިނަ މީހުން އޭރުވެސް ތިބީ މަޑުކުރަން އޮންނަ ރޮނގު ހުރަސްކޮށް، ކަފި ހުރަސް މަތީގަ އެވެ. ހިތަށް އެރި އެވެ. މިތާ ފުލުހަކު ނެތް ނަމަ، ރަތް ލައިޓަށް ނުބަލާ އެ މަގު ހުރަސް ނުކުރާނެ އެކަކު ވެސް އެ ބްރިޖު ހުރަސްނުކުރާނެކަން ޔަގީނެވެ.

ބްރިޖާއި ހައިވޭ އަދި ރިންގް ރޯޑް އާންމުކޮށް ދުއްވާލަން ހުޅުވާލިތާ ހަފްތާއެއްނުވާއިރު އެކްސިޑެންޓެއް ނުހިނގާ އެންމެ ދުވަހެއް ވެސް އަދި ނުދެ އެވެ.

ކުރިން އެތަކެއް ގަޑިއިރަކު މަޑުކޮށްގެން ހުރެ ފެރީއެއްގައި ދެއަތަށް ކިރެމުން ކުރަމުން އައި ދަތުރު މިއަދު ބްރިޖާ އެކު މިއޮތީ ކިތަންމެހާ ވެސް ފަސޭހަވެ، ކުރުވެފަ އެވެ. ނަމަވެސް ބްރިޖު މަތީގައި ބާރު ސްޕީޑުގައި ދުއްވައި، އެ ދަތުރަކީ ތިމާ އާއި އެހެން މީހުންގެ އުމުރު ކުރުކޮށްލާ ދަތުރަކަށް ނަހަދައި ވޭތޯ ބަލަމާ ހިނގާށެވެ. ތަރައްގީ ބާރު ސްޕީޑުގައި އައިސް ބޭނުންއިރަކު ބްރިޖް ހުރަސްކޮށް، ހުޅުމާލެ އަށް އެރުމުގެ މަގު ފަސޭހަވެފައި އޮތަސް، ނާތަހުޒީބުކަން ދޫކޮށް ވިސްނުން ވެސް ތަރައްގީވާން އެބަ ޖެހެ އެވެ.

ބްރިޖެއް އަޅާފައި އޮތަކަށް ހިތަކަށް ދުއްވައިގެން ނުވާނެ އެވެ. އުސޫލުތަކަށް ބޯލަނބައި ތިމާ އާއެކު ދެން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވެސް ވިސްނާލަން ވާނެ އެވެ. ބްރިޖު ހުރަސްކޮށް ދަތުރުކުރާ ކޮންމެ މީހަކީ ފިނިބުރުޖަހަން ދާ މީހަކަށް ނުވެދާނެ އެވެ. ވަޒީފާ އަށާއި ކިޔެވުމަށް އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދާ އާންމު ފަރުދުން ވެސް އެ ބްރިޖުން ދަތުރުކުރެ އެވެ. ސައިކަލުގެ މޮޅު ކަމާއި ތިމާގެ ސައިކަލު ދުއްވުމުގެ މޮޅު ހުނަރު ދައްކަން މުއްގަނޑު ފެލާފައި ވައިސޫރިއެއްހެން އެއްވެސް ބެލުމެއް ނެތި ދަތުރުކުރާއިރު، ތިމާގެ ނާތަހުޒީބު ކަމުން ގެއްލިގެން ދާނީ ކިހާ އަގުހުރި ފުރާނަ އެއްކަން ނުވިސްނިދާނެ އެވެ. އަހަންނަށް ބްރިޖް މަތިން މި ފެނުނު މަންޒަރަކީ ހައިވޭއެއްގައި އުޅަނދުތައް ދުއްވުމަށް ދިވެހިންގެ ހޭލުންތެރި ކަމެއް އެއްގޮތަކަށް ވެސް ނެތް ކަމެވެ. އެ އުސޫލުތަކަށް އަހަރުމެން އަހުލުވެރިވެފައި ނެތް މިންވަރެވެ. މި ބްރިޖަކީ އެތައް ބައެއްގެ ކައްވަޅަށް ވުމުގެ ކުރިން ހޭއަރަން ވެއްޖެ އެވެ.