ލިވަޕޫލް

ލިވަޕޫލްގެ ރާއްޖޭގެ ސަޕޯޓަރުންގެ ރަސްމީ ފޭން ކްލަބް ގާއިމުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބު، ލިވަޕޫލްގެ ރަސްމީ ސަޕޯޓަރުންގެ ގުރޫޕެއް ރާއްޖޭގައި ގާއިމު ކޮށްފި އެވެ.

ލިވަޕޫޕްގެ އޮފިޝަލް ފޭން ކްލަބެއް އުފެއްދޭނީ އެ ޓީމުން ރަސްމީކޮށް ދޭ ހުއްދައެއްގެ ދަށުންނެވެ. ރާއްޖޭގައި ލިވަޕޫލްގެ ރަސްމީ ފޭން ކްލަބެއް އުފެދުމުން ރާއްޖޭގައި ތިބި ލިވަޕޫލް ސަޕޯޓަރުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޓީމްގެ ސަޕޯޓަރުންނާ ރަސްމީކޮށް ގުޅުމެއް އުފެދުނީ އެވެ. އަދި އެ ކްލަބްގެ ރާއްޖޭގެ ފޭނުންނާއި ސީދާ ކްލަބާ ވެސް ރަސްމީ ގޮތުން ގުޅިގެން ދިޔައީ އެވެ.

ލިވަޕޫލްގެ ރަސްމީ ހައިސިއްޔަތުގެ ދަށުން، ފޭންބޭސްއެއް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ގުރޫޕަކުން ފެށީ މީގެ ހަ މަސް ކުރިންނެވެ.

"އަހަރެމެން ވަރަށް ދުވަސް ވެއްޖެ އަން އޮފިޝަލް ކޮށް ފޭން ގްރޫޕެއް ހަދައިގެން އުޅޭތާ،" ލިވަޕޫލްގެ ފޭން ކްލަބެއް ރާއްޖޭގައި އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވި ބައްސާމް ރަޝީދު ބުންޏެވެ. "ދެން މި އަހަރު ކުރީކޮޅު ވޯކިންގް ގްރޫޕެއް ހަދައިގެން ހަމަ ވަރަށް ސީރިއަސްކޮށް ޕްލޭން ތަކެއް ކޮށް، އެކި ދުވަސްވަރު މަތިން ތަފާތު އިވެންޓްތައް ބާއްވާ، ޗެރިޓީ އިވެންޓެއްވެސް ބާއްވާފަ ލިވަރޕޫލްގެ އޯ.އެލް.އެސް.ސީ ޓީމާ ވާހަކަ ދައްކައިގެން އެކަން މި ކާމިޔާބު ވީ. ހަމަ ވަރަށް ގިނަ ބައެއްގެ މަސައްކަތް މީ."

ލިވަޕޫލް ދިވެހި ފޭނުންގެ ގުރޫޕުން ބުނީ، ރަސްމީ ހައިއްސިއްޔަތު ލިބުމުގެ ކުރިންވެސް ލިވަޕޫލްގެ ދިވެހި ސަޕޯޓަރުން ގުޅިގެން ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނާ ގުޅިގެން، މިއަހަރުގެ ފިތުރު އީދު ދުވަހު ކ. ގުރައިދޫ ސެންޓަރުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އީދު ހަދިޔާ ދިނުމަށްޓަކައި ފައިސާގެ އެހީ ހަދިޔާ ކޮށްފައިވާ ކަމަށް އެ ގުރޫޕުން ބުނެ އެވެ.

އެހެން ޓީމްތަކުގެ ފޭން ކްލަބްތަކަށް ދައުވަތު ދީގެން ފުޓްސަލް މެޗުތަކެއް ކުޅުމަށް ޕްލޭން ކުރަމުންދާ ކަމަށް އެ ގުރޫޕުން ބުންޏެވެ. އަދި ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ހިންގުމަށް މިހާރު ވަނީ ރާވައިފަ އެވެ.