ސާފް ސުޒުކީ ކަޕް

ލަންކާގެ ޕްލޭން 2030 އަށް، ރާއްޖޭގައި ޕްލޭނެއް ނެތް!

އިންޑިއާއިން ޓާގެޓް ކޮށްފައި އޮތީ 2026 ހާހަމަޔަށް ދާއިރު، އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ވުމަށެވެ. ޝްރީ ލަންކާގެ ޓާގެޓަކީ 2030 ހާހަމަށް ވަރުގަދަ ސްކޮޑެއް އެކުލަވާލުމެވެ. މިއީ މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއާ ދެކޮޅަށް ނިކުތް ދެ ޓީމެވެ.

އެ އަމާޒު ކަނޑައަޅަނީ، ދުރު ރާސްތާ ޕްލޭނަކުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ދުރު ރާސްތާ ޕްލޭނެއް ނެތެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް 'ޓޮމް' ރާއްޖޭގެ ފުޓްބޯޅައިގެ ޕްލޭން ހެދުމަށް ބޭރުގެ ކުންފުންޏާކާ ހަވާލު ކުރި އެވެ. އެފްއޭއެމްގައި ޖެހުނު މައްސަލަތަކާއެކު، ތޯރިގްގެ އެކްސްކޯގެ ބާރު ކަނޑުނެވެ.

މިހާރުގެ ރައީސް ބައްސާމް އަދީލް ރައީސް ކަމަށް ވަޑައިގެން، ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ބޭރުގެ ކުންފުންޏަށް ހަވާލުކޮށްފައި އޮތް އޮތުން ބަދަލު ކުރެއްވި އެވެ. ބައްސާމް އިއުލާން ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާނީ ދިވެހިން ކަމަށެވެ.

ޕްލޭން އެކުލަވާލުމުގެ ކުރިން އޭގެ އައުޓްލައިން ޑްރާފްޓް ކުރުމަށް، އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު، ތުރުކީގެ ކޭން ވަންލީ ކުރަމުން ދާކަމަށް އެފްއޭއެމުން ބުންޏެވެ. ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމުން ފެށި އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފަހު ކޮޅު، ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާ ބެހޭގޮތުން، ފުޓްބޯޅަ އާއި ގުޅުހުން ހުރި އެކި މަގާމުތަކުގެ ތަޖުރިބާކާރުންނާއެކު ސޯލްޓް ކެފޭގައި އެފްއޭއެމުން ކޮންފަރެންސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަ އެވެ. ކުރީގެ ކޯޗުންނާއި މިހާރުގެ ކޯޗުންނާއި ކުޅިވަރުގެ ހިންގުމުންގެ ދާއިރާގެ ތަޖުރިބާކާރުން އެ ބައްދަލުވުމުގައި ބައިވެރިވި އެވެ. އޭއެފްސީގެ ޓެކްނިކަލް ދާއިރާގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ޓެކްނިކަލް ތަޖުރިބާކާރުންނެެވެ.

އެ ބައްދަލު ވުމުގައި ބައިވެރިވި ފަރާތަކުން ބުނީ، އޭގެ ފަހުން އެކަމާ ބެހޭގޮތުން ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. އެއް އަހަރުވީ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ދުރު ރާސްތާ ޕްލޭނެއް އަދިވެސް ނެތެވެ. އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރަށްވެސް މިއަހަރު ދެ އަހަރު ފުރޭނެ އެވެ.

ފުޓްބޯޅައިގެ ލެވަލްގައި، ރާއްޖެއަށް ވުރެ ފަހަތުގައި އުޅޭ ގައުމު ތަކުންވެސް، ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެ އެވެ. ރާއްޖޭގައިވެސް ފުޓްބޯޅައިގެ ޑިވްލަޕްމެންޓަން މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. އެކެޑެމީތަކަށް ހާއްސަ ކުރާ ޔޫތު ލީގާއި، ޔޫތު ޗެމްޕިއަންޝިޕެވެ. ނަމަވެސް ރާއްޖޭގެ ޕްލޭންގައި ހާސިލު ކުރަން ބޭނުންވާ އަމާޒެއް ނެތެވެ.

ފުޓްބޯޅައިގެ ލަދުވެތި ނަތީޖާތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އަނދަވަޅަކަށް ގެނބިގެން ހިނގައިދާނެ ކަމުގެ ބިރު މިވަނީ ކުރިމަތި ވެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ގުރު ނަގައިގެން ސެމީ ފައިނަލުގެ ޖާގަ ހޯދުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި މީގެކުރިން ދުވަހަކުވެސް ތަޖުރިބާ ކުރި ކަމެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައަށް މިވަރު ހައްގު ހެއްޔެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ ލަންކާގެ ފުޓްބޯޅަ އަނޑިގަނޑަކަށް ވެއްޓިގެން ދިޔަ މަންޒަރު ދިވެހިންނަށް ފެންނާނެ އެވެ. ރާއްޖޭގެ ފުޓްބޯޅައަށް އެ ހާލަތު މެދުވެރި ނުވެދާނެ ކަމުގެ ގެރެންޓީއެއް ނެތެވެ. ލަންކާގެ ފުޓްބޯޅަ އެ ހާލަތުން ނެގުމަށް އެ ގައުމުން މަސައްކަތް ފަށައިފި އެވެ. ރާއްޖޭގެ ފުޓްބޯޅަ އެ ހާލަތަށް ވެއްޓުނަ ނުދިނުމަށްޓަކައި ފަރުވާތެރި ކަމާއެކު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.