ހަބަރު

ރައީސް އަވަހާރަކޮށްލަން ހަމަލާ ދިނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެއްޓެވުމުން: ޒަމީރު

Sep 10, 2018
11

ބޮމެއް ގޮއްވާލައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާއެއް ދިނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވައި ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު، މޫސާ
ޒަމީރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވުމާއެކު އޭގެ ތަފްސީލުތައް ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގެން އެ މަސައްކަތް ފައްޓަވައި ޓޫރިޒަމަށް ދޫކޮށްފައިވާ ފަޅާއި ރަށްރަށާއި އާމްދަނީގެ ތަފުސީލް ހޯއްދަވައި އެކަންކަމާ ހަވާލުވެ ވަޑައިގެން ތިއްބެވި ފަރާތްތަކާ ސުވާލުކުރައްވަން ފެއްޓެވި ކަމަށެވެ.

"ރައީސް ޔާމީން އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއްދިނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅުންހުރި ތަފްސީލްތައް ހޯއްދެވުމަށް މަސައްކަތްޕުޅު ފެއްޓެވުމުން،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ރައީސް ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގަ އާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައެއް މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ކޮރަޕްޝަނާ ގުޅުން ހުރި އެހެން ތަހުގީގުތައް ވެސް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެ ހިޔާނާތަށް ފަހު އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަށް ރައީސް ފިޔަވަޅުތައް އެޅުއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓު ހެދުމަށް ރަށްތަކާއި ފަޅުތައް ދޫކުރާ އުސޫލު އިސްލާހުކޮށް، އެކަން މިހާރު ކުރަމުން ގެންދަނީ ހަރުދަނާ އުސޫލުއްގެދަށުން އެވެ. އަދި އެފަދަ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ، މިހާރު ޖަމާކުރަމުން ދަނީ މީރާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެ ފައިސާ ގެއްލިގެން ނުދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެގޮތުން 2015 ވަނަ އަހަރުގެ އޮކޯޓޯބަރު މަހުން ފެށިގެން މިއަދާ ހަމަޔަށް ފަޅުތަކާއި ރަށްތަށް ކުއްޔަށް ދޫކޮށްގެން 100 މިލިއަން ޑޮލަރު މީރީއަށް ލިބިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.