ހަބަރު

ބްރިޖުމަތީ ހިނގީ މާރަމާރީއެއް ނޫން، ފުލުހުންގެ ތަމްރީނެއް!

Sep 10, 2018
10

ބްރިޖު މަތީގައި ދަތުރު ކުރަމުން ދިޔަ ބަހެއް ހުއްޓުވާ ބަޔަކު މީހުން މަރަމާރީ ހިންގަން އުޅުން ވިޑިއޯއިން ފެންނަނީ ފުލުހުން ހިންގި ތަމްރީނެއް ކަމަށް އެ އިދަރާއިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މިިދިޔަ ހޮނިހިރު ދުވަހު ބަޔަކު މީހުން ބްރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ހުއްޓުވާ މާރަމާރީ ހިންގަން އުޅުން މަންޒަރެވެ. ބަސް ހުއްޓުވި މީހުންގެ ތެރެއިން ދެ އަންހެނުންނާއި ދެތިން ފިރިހެނުން ވެސް ހުއްޓެވެ. އެ މީހުން ތިބީ ދަނޑިބުރިތައް ހިފައިގެން ހަޅޭއްލަވާ އަޑު އެ ވީޑިއޯއިން އިވެ އެވެ.

ބްރިޖު މަަތިން ދިޔަ އެހެން މީހަކު އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް އަޕްލޯޑު ކުރުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އެބަ ދެއެވެ. ސެކިއުރިޓީ ނުބެލެހެއްޓުމާއި ބިރުވެރި މާހައުލެއްގެ ގޮތުގައި ސިފަ ކުރަމުން އެބަދެ އެެވެ.

އެ މައްސަލާގައި ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖު ހިނގީ ފުލުހުން ހިންގި ހާއްސަ ތަމްރީނެއް ކަމަށެވެ. އެއީ އިންތިހާބުގެ ދުވަސްވަރާއި އިންތިހާބަށް ފަހު ދިމާވެދާނެ ހާދިސާތައް ބަލާފައި އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން ފުުލުހުން ކުރިޔަށް ގެންދިޔަ ތަމްރީންތަކެއް ކަމަށެވެ.

"މިއީ ހަމައެކަނި މާލޭގައި ހިންގި ހަރަކާތެއް ނޫން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެކަންތައް ކުރިޔަށް ދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާ ބުދަ ދުވަހު ފެށިގެން ކުރިޔަށް ގެންދިޔަ އެ ތަމްރީންތައް މިހާރު ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ ކަމަށެވެ.