ބްރިޖުން ހުޅުމާލެ އަށް ދާން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި 40ރ. ކުޑަ ކަމަށް ބުނެ، އެ އަގުގައި ދަތުރު ކޮށްދޭން ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މާލެ އިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެ އިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ އެވެ. އަދި ހުޅުމާލެ އިން މާލެ އަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40 ރުފިޔާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ނަމަވެސް، ޓެކްސީ ޑްރައިވަރުން ބުނަނީ އެ އަގު މާކުޑަ ކަމަށެވެ.
"އަވަސް" އާ މިރޭ ވާހަކަ ދެއްކި 1919 ގެ ޓެކްސީ ޑްރައިވަރެއް ބުނީ 40ރ. އަށްވީމަ މާކުޑަ ކަމަށާ، އެ މީހުން ބޭނުންވަނީ 100ރ. އަށް ދަތުރުކޮށް ދޭން ކަމަށެވެ.
"މިހާރު މާލެ ތެރެއިން ވެސް އެބަނެގޭ ތި ވަރު ދެ ދަތުރުން. އެހެން ވެ އަހަރެމެން ބޭނުން ވަނީ 80ރ. އާއި 100ރ. ވަރު ނަގަން. އެހެން ނޫނީ ތީގެ ބޭނުމެއް ނެތް ތާ؟" ޓެކްސީ ޑްރައިވަރެއް ބުންޏެވެ.
ހުޅުމާލެ އަށް ދާން ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ އަގެއް ކަނޑައެޅީ ޓެކްސީ ތަކުން ބޮޑު އަގެއް ނަގަން ފެށުމުންނެވެ. މިހާރު ދަތުރަކަށް 150ރ. އާއި 250ރ. ވަރު ނަގަ އެވެ.
"އަވަސް" އާ ވާހަކަ ދެއްކި އެހެން ޓެކްސީ ޑްރައިވަރެއް ބުނީ 40ރ. އަށް ހުޅުމާލެ އަށް ދަތުރު ކޮށްދިނުމަށް ވުރެ ނުކޮށްދިނުން ވެސް ރަނގަޅު ކަމަށެވެ.
"އެހާ ބާރަށް ދުއްވާއިރު ވަރަށް ތެޔޮ އަނދާނެ. އެހެންވެ މިއީ ކޮށްދެވޭ ވަރުގެ އަގެއް ނޫން. އަހަރެމެންގެ އެއްވެސް ލަފާއެއް ނުހޯދަ މި އަގު ހަމަޖެއްސީ. ތިޔަ އަގު މާކުޑަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރެއް މިރޭ ބުންޏެވެ.
ޓްރާންސްޕޯޓުގެ އަގަށް ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅުކުރިއިރު، ޓެކްސީ ތަކުން ވަނީ މީގެ ކުރިން ވެސް ޓްރާންސްޕޯޓުގެ މި ފަދަ ގިނަ ނިންމުން ތަކާ ދެކޮޅު ހަދާފަ އެވެ.