ހަބަރު

ބްރިޖް މަތީ ހެލްމެޓް މަޖުބޫރުކޮށް، މީޓާ ޓެކްސީ ގެންނަނީ

މާލެ، ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖް މަތީގައި ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، މީޓާ ޓެކްސީ ރާއްޖެއަށް ތައާރަފް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފި އެވެ.

އެކަން ހާމަ ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ގޮތުގައި ބްރިޖް މަތީގައި އެކްސިޑެންޓްތައް ގިނަވަމުންދާތީ، ހެލްމެޓް އެޅުމަކީ ބްރިޖް ހުރަސް ކުރާއިރު މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

"ބުރިޖުގައި ގައި ހިނގާ އެކްސިޑެންޓް އަދި ހިތާމަވެރި ކަންތަކަށް ހައްލު ހޯދާ ނިމުމެއް ގެނައުމަށް ހެލްމެޓް އެޅުން ގަވާއިދަކުން މަޖުބޫރު ކުރުވާނަން، ހެލްމެޓް ނާޅާ ދާނަމަ ފުލުހުން އެމީހަކު ހުއްޓުވާ ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖް ހުރަސް ކުރެވޭނީ ހެލްމެޓް އަޅައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ހިޔާލުތައް ލިބިފައިވާތީ، ރާއްޖޭގައި މީޓާ ޓެކްސީ ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ. ޓެކްސީގެ އަގުތައް ކަނޑައެޅުމަށް މިފަހުން ބޭއްވި ފޯރަމްގައި ވެސް ގިނަ އާންމުން ވަނީ މީޓާ ޓެކްސީ ތައާރަފް ކުރުމަށް އެދިފަ އެވެ. ބްރިޖް މަތިން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުވެ ޝަކުވާ ބޮޑެވެ.

ނަމަވެސް، ޓެކްސީ ޑްރައިވަރުން ވަނީ އެ އަގުތައް ދިފާއުކޮށްފަ އެވެ. އެއީ އެންމެ އެކަށީގެންވާ އަގުތައް ކަމަށާއި އަގު ކުޑަކޮށްފިނަމަ ގެއްލުންވާނެ ކަމަށް ވެސް ޑްރައިވަރުން ވަނީ ޝަކުވާކޮށްފަ އެވެ. ޓެކްސީގެ އަގުތައް ބްރިޖް މަތީގައި 100 ރުފިޔާއަށްވުރެ ބޮޑުވާތީ މިނިސްޓަރު ކުރިން ވަނީ އެ އަގުތައް ރިވިއުކުރަން ނިންމަވާފަ އެވެ.

އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހްތިޖާޖު ކުރުމުން އެ މަސައްކަތް ހުއްޓާލައްވައި ފޯރަމް ބާއްވަން ނިންމެވި އެވެ. އެއަށްފަހު ހައްލެއް ކަމަށް ފެނުނީ މީޓާ ޓެކްސީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ވެސް ކަނޑައަޅާފައިވާ ގޮތުން ބްރިޖް މަތީގައި ޓެކްސީގެ ދަތުރުގެ އަގަކަށްވާން ޖެހޭނީ 40 ރުފިޔާ އެވެ.

"ގިނަ މީހުން ބޭނުންވަނީ މީޓަރު ޓެކްސީ، އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންގެ ބަސް އަހާނެ، އެހެންވެ މިނިންމީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީޓާ ޓެކްސީ ތައާރަފް ކުރަން ނިންމާފައިވީ ނަމަވެސް އޭގެ އަގުތަކާއި އުސޫލުތައް މިއަދު އަދި އާންމެއް ނުކުރައްވަ އެވެ. އެ މައުލޫމާތުތައް ފަހުން ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި މީޓާ ޓެކްސީގެ ދަތުރު ފެށުމުގެ އަގު 25 ރުފިޔާއަށްވުރެ އިތުރެއް ނުވާނެ އެވެ. އަދި މީޓާ ހުރި ނަމަވެސް މާލޭގެ ތެރޭގައި ނަމަ ކޮންމެ ދަތުރަކަށް ވެސް ނަގަން ޖެހޭނީ 25 ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.