އުމުރުން 100 އަހަރުވީ މީހުން އެންމެ ގިނައިން ދިރިއުޅޭ ގައުމަކީ ޖަޕާން އެވެ. ދުނިޔޭގައި ދިރިއުޅެމުން އަންނަ އެންމެ ގިނަ ދުވަސްވީ ދެމަފިރިންވެސް މިހާރު ތިބީ ޖަޕާނުގަ އެވެ. އެ ދެމަފިރިންގެ ކައިވެންޏަށް 80 އަހަރުވެއްޖެ އެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ކައިވެނީގެ ވޯލްޑް ރެކޯޑް މިހާރު އޮތީ އެ ދެމަފިރިންގެ އަތުގަ އެވެ.
ގިނިސް ވޯލްޑް ރެކޯޑުގައި އެ ދެމަފިރިންގެ ނަން ލިޔެ، ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފަ އެވެ. ފިރިމީހާ، މަސާއޯ މަޓްސުމޯޓޯއަށް މިހާރު 108 އަހަރެވެ. އަދި އަނބިމީހާ، މިޔަކޯއަށް 100 އަހަރެވެ. އެމީހުން ކައިވެނިކުރީ އޮކްޓޯބަރު 1937 ގަ އެވެ. އެ ދެމީހުން މިހާރު ދިރިއުޅެމުން އަންނަނީ ނާސިން ހޯމްއެއްގަ އެވެ.
އެ މީހުންގެ ކައިވެނި އެހާ ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެ އެވެ. އެއީ އޭރު ޖަޕާނުން، ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައަށް ތައްޔާރުވަމުންދިއުމާއެކުގަ އެވެ. ހަނގުރާމައަށް ސިފައިންގެ މީހެއްގެ ގޮތުގައި މަސާއޯއަށް ޖެހުނީ އާއިލާ ދޫކޮށް އެހެން ގައުމަކަށް ދާށެވެ. މިދިޔަ މަހު އުފަންވި ކުއްޖަކާއެކު މަސާއޯގެ ދެމަފިރިންގެ 25 މުނިކާފަ، މުނިމާމަ ދަރިން އެބަތިއްބެވެ.
ދުނިޔޭގައި ދެ ވަނައަށް އެންމެ އުމުރު ދިގީ ޖަޕާނު މީހުންގެ އެވެ. ޖަޕާނުގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ ގައުމުގައި މީހެއް އެވްރެޖް އުމުރަކީ 83 އަހަރެވެ. ދުނިޔޭގައި އެންމެ އުމުރު ދިގީ ހޮން ކޮންގް މީހުންގެ އެވެ. އެ ގައުމުގައި މީހެއްގެ އެވްރެޖް އުމުރަކީ 84 އަހަރެވެ.