އީޔޫ ޕާލިމަންޓްގެ ތިން މެންބަރަކު ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، އީޔޫ ޕާލިމަންޓް މެންބަރުންގެ ހައިސިއްޔަތުން ރަސްމީ މަސައްކަތްތަކެއް ކުރި ކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން އެ ތިން މެންބަރުން ހޫނުފެނަށް ވެއްޓިއްޖެ އެވެ. އެ މެންބަރުންގެ މައްސަލަ އީޔޫގެ ޕާލިމަންޓުން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.
އީޔޫގެ ޕާލިމަންޓް އުސޫލުތައް އޮންނަ ގޮތުން، ރަސްމީ ބޭނުމެއްގައި އެހެން އެއްވެސް ގައުމަކަށް ދަތުރެއް ކުރާނަމަ. އޭގެ ތަފްސީލާއި އެ ދަތުރަށް ހަރަދުކުރި ފަރާތަކީ ކޮބައިކަން އީޔޫގެ ޕާލިމަންޓަށް ބަޔާންކޮށްދޭން ޖެހެ އެވެ.
ސިޔާސީ ހަބަރުތައް ގެނެސްދޭ، ޕޮލިޓިކޯގައި ޝާއިއު ކޮށްފައިވާ ލިއުމެއްގައިވާ ގޮތުގައި، އީޔޫ ޕާލިމަންޓްގެ ތިން މެންބަރުން ކަމަށްވާ، މާރިއާ ގެބްރިއަލް ޒޯނާ އާއި އީޔޫ ޕާލިމަންްޓަށް ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ގަރާރު ވެއްދި ތޯމަސް ޑެޗޮސްކީ އަދި ރިސަޑް ޗޯނަކީ ރާއްޖެ އެތެރެވީ ޓޫރިސްޓް ވިސާގައި ނަމަވެސް، އެބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ރާއްޖޭގައި ރަސްމީ މަސައްކަތްތަކެއް ކުރި ކަމަށް ބުނެ، ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން އީޔޫ ޕާލިމަންޓަށް ސިޓީފުޅެއް ފޮނުއްވި ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން އެކަން ހިނގާދިޔަ ގޮތް ބަޔާންކޮށް އީޔޫގެ ޕާލިމަންޓްގެ ކަމާ ބެހޭ ކޮމިޓީތަކަށް އެބޭފުޅުން ޖަވާބުދާރީ ވުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އީޔޫ ޕާލިމަންޓްގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނީ، ކުރިއަށް މި އޮތް ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވް ނުކުރަން އީޔޫއިން ނިންމާފައި ވަނިކޮށް، އީޔޫގެ ޕާލިމަންޓް މެންބަރުންތަކެއް ޓޫރިސްޓް ވިސާގައި އަމިއްލަ ގޮތުން ރާއްޖެ ގޮސް، އީޔޫ ތަމްސީލް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސަފީރު އެކަން އީޔޫގެ ޕާލިމަންޓްގެ ސަމާލުކަމަށް ގެނައުމުގެ ކުރިން އެކަން އީޔޫގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ވެސް އެ މެންބަރުންނަށް އަންގާފައިވާ ކަމަށް ވެސް އީޔޫގެ ޕާލިމަންޓްގެ އިސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރަށް، އޮފިޝަލުން ވިދާޅުވީ ބައެއް މެންބަރުންގެ މިފަދަ އަމަލުތަކުގެ ސަބަބުން އީޔޫ އާއި ރާއްޖޭގެ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެ އެވެ.
ރާއްޖެ އައި މެންބަރުންގެ ތެރޭގައި ހިމެނޭ، ރިސަޑް ޗޯނަކީ އަކީ މީގެ ކުރިން އަމިއްލަ ހައިސއްޔަތުން އަޒަރުބައިޖާނުގައި ބޭއްވި އިންތިހާބެއް އޮބްޒާވް ކުރަން ގޮސް، އީޔޫގެ ފަރާތުން ކަމަށް ބުނެ މައުލޫމާތު ހާމަކުރި މައްސަލައިގައި އިންތިހާބު އޮބްޒާވް ކުރުމުގެ ހުރިހާ މަސައްކަތަކުން ސަސްޕެންޑްކޮށްފައިވާ ބޭފުޅެކެވެ.
ޕޮލިޓިކޯއަށް އޭގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވީ އެބޭފުޅުން ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި އެބޭފުޅުން ރަސްމީ ހައިސިއްޔަތުން މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އަމިއްލަ ގޮތުން ރާއްޖެ ވަޑައިގެން ހުންނެވި ދުވަސްވަރުގައި ރާއްޖޭގެ ހާލަތު ބަލައިލަން ފުރުސަތު ލިބުނު ކަމަށާއި އެ ދަތުރުން ފެނުނު ކަންތައްތައް ހިއްސާކޮށްފައި ވާނެ ކަމަށެވެ. އެބޭފުޅުން ވިދާޅުވަނީ ރާއްޖެ އައީ، އަމިއްލަ ޕާސްޕޯޓް ބޭނުންކޮށްގެން ކަމަށާއި ހަރަދުތައް ވެސް ކުރީ އަމިއްލައަށް ކަމަށެވެ.