މި ހިނގަނީ ރިޔާސީ އިންތިހާބުގެ އެންމެ ފޯރި ގަދަ ދުވަސްވަރެވެ. "ގަދަފަދަ" ޕީޕީއެމް އާއި "މާސިންގާ" ކޯލިޝަންގެ ލަޝްކަރުތައް މުޅި ރާއްޖޭގެ އެކި ސިޓީތަކާއި ރަށްތަކަށް ރުކުރުވާލާފައިވާ އިރު "ސައިޒު" ދައްކާލަން ފުލުފުލުގައި ބޮޑެތި ޖަލްސާތައް ދަނީ ބާއްވަމުންނެވެ. ކެންޑިޑޭޓުންގެ ވާހަކަތަކާއި ވައުދުތަކުން ޓީވީތަކާއި ނޫސްތައް ފުނި ޖެހެމުން އަންނަ އިރު މި ފަހަރުގެ އިންތިހާބުގައި އެންމެ ފޯރީގައި ކުރާ އެހެން ކަމެއް ވެސް އޮވެ އެވެ. އެއީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ކުރާ "ސުވާލުގެ ހަނގުރާމަ" އެވެ.
ސުވާލު މޫސުން "އިފްތިތާހު" ކޮށްދެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ. އެމަނިކުފާނުގެ ރަނިން މޭޓު ޕީޕީއެމްއާ ގުޅިވަޑައިގަތް ރޭ، ރައީސް ދެއްކެވި ވާހަކަފުޅުގައި ގާތްގަނޑަކަށް 20 އަކަށް މިނެޓު އެމަނިކުފާނު ހޭދަ ކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ޖަވާބު ދޭން އުނދަގޫ ވާނެ ސުވާލުގެ "ލޮންސިތަކެއް" ފޮނުވާލުމަށެވެ. އޭގެ ފަހުން އެމަނިކުފާނުގެ ފަހަތްޕުޅުން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންވެސް އަންނަނީ ތަކުރާރުކޮށް އެތަށް ސުވާލުތަކެއް އިދިކޮޅު ފަރާތްތަކާ ކުރިމަތި ކުރުވަމުންނެވެ.
"ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާފައި ހުރި ކަންކަން ތަކުރާރު ކުރައްވާނެތޯ ރައްޔިތުންނަށް އިބޫ ވިދާޅުވެދެއްވަން ޖެހޭ، ރާއްޖޭގެ ހަރުމުދާ ވިއްކާނަންތޯ؟ އަނެއްކާ ވެސް އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލާނެތޯ، އެފަހަރު އޭގެން ރާއްޖޭގެ ހަޒާނާއަށް އެހާ ކުޑަ ފައިސާއެއް ވަނީ ކީއްވެގެން ކަން ސާފުކޮށްދެއްވަން ޖެހޭ، އިސްލާމީ އުސޫލުތައް ހިންގާނެ ކަމާއި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެތޯ؟ އަދުލު އިންސާފަށް ނުފޫޒު ފޯރުވައިގެން 1 ފެބްރުއަރީގެ އަމުރު ނެރުއްވީ ކީއްވެގެންތޯ؟"
ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ފަހު އިދިކޮޅު އިއްތިހާދުން ވެސް ތިބީ ވަކި ދޫދޭ ގޮތަކަށް ނޫނެވެ. ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ނުވަތަ އިދިކޮޅުން ބާއްވާ ރެލީތަކުގައި ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ފެންމަތިވެފައިވާ ހިޔާނާތުގެ ބިތުފަންގި ހާމަ ކުރުމަށް ގޮވާލާ، ބޮޑެތި ސުވާލުތަކެއް އިދިކޮޅުން ވެސް އަންނަނީ ރައީސް ޔާމީންއަށް އަމާޒު ކުރަމުން އެވެ.
ކޯލިޝަންގެ ޖަލްސާތަކުގައި ރައީސް ޔާމީންއަށް އަމާޒު ކުރާ ސުވާލުތަކަކީ؛ "އަހުމަދު އަދީބު ހުރިހާ ހިޔާނާތެއް ހިންގެވި އިރު ރައީސް ޔާމީން ކޮބައިތޯ؟ އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު ކޮބައިތޯ؟ ރިލްވާން މަރާލި މައްސަލާގެ ތަހުގީގު ކުރިޔަށް ނުދިޔަައީ ކީއްވެތޯ؟ ރައީސް، މަރުގެ ހުކުމް އަދިވެސް ތަންފީޒެއް ނުކުރައްވަނީ ކީއްވެތޯ؟ބިލިއަނުން ފައިސާ ގެއްލުނު އިރު މަނިކުފާނަށް އެނގިވަޑައި ނުގަތީ ކީއްވެގެންކަން ވިދާޅުވެދެއްވާ، ވީހާ ވައުދުތައް ކޮބާތޯ މަސްވެރިންނަށް ދޭން ބުނި 10،000 ރުފިޔާ ކޮބައިތޯ އެޅުނު ފްލެޓެއް ދައްކަ ބަލަ؟ ނޫނީ އައިޖީއެމްއެޗް އިމާރާތާއި އެހެން ތަރައްގީގެ މަޝްރޫއުތަކުގެ އަގު އިންތިހާއަށް ބޮޑުވީ ކީއްވެތޯ އެވެ.
އިންތިހާބުގެ ދުވަސް ޖެހެން ކުޑަތަންވެ، ޕާޓީތަކުގެ ސިޔާސީ "ފަހު ތަޅާލުންގަނޑު" ކުރިޔަށް ދާއިރު މި ސުވާލު މޫސުމުގައި ރައްޔިތުންގެ ސުވާލު ވެސް ދެ ކެންޑިޑޭޓުންނަށް އެބަ އޮތެވެ. މިއީ މިފަހުން އިންތިހާބުތައް ބާއްވަން ފެށި ފަހުން، "އެއް ބުރުން" ވެރިއަކު ހޮވަން ރައްޔިތުންނަށް ލިބޭ ފުރަތަމަ ފަހަރެވެ.
އެ ބޮޑު ނިންމުން ނިންމަން 10 ދުވަހަށް ވެފައިވާ އިރު ދެ ފަރާތުން ވެސް ކުރިޔަށް އޮތް ފަސް އަހަރު ރާވާލާފައިވާ ގޮތެއް ނޭނގެ އެވެ. ސިޔާސަތުތައް ބައްޓަން ކުރާނެ ގޮތެއް ވެސް އެނގޭ މީހަކު ނެތެވެ. ރައްޔިތުން ގޮތް ނިންމަންވީ ދެ ކެންޑިޑޭޓުންނަށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ، "ޖަވާބު ނުލިބޭ" ސުވާލުތަކަށް ބަލައިގެން ހެއްޔެވެ؟ ނޫނީ ޖަލްސާތަކުގެ ސައިޒަށް ބަލާފައި ހެއްޔެވެ؟ ޕީޕީއެމް އާއި އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯތައް ކޮބާ ހެއްޔެވެ؟
ތަރައްގީއާ ހަމައިން ނިމުނީތަ؟
ޕީޕީއެމްއަށް ވޯޓު ދޭން ޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް މިއަދާ ހަމަޔަށް ވެސް އެ ޕާޓީ އިން ދައްކަމުން އަންނަ ވާހަކައަކީ އިދިކޮޅުގައި ތިއްބެވި ދެ ރައީސުންނަށް ވެސް ނުގެނެސްދެވުނު އުމްރާނީ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތައް ކުރު މުއްދަތެއްގައި ރައީސް ޔާމީން ގެނެސްދެއްވާފައިވާތީ އެވެ. ރައީސް ޔާމީންގެ ވާހަކަފުޅުތައް ވެސް ފޯކަސް ކުރައްވަނީ އިދިކޮޅުގެ ވެރިކަންތަކުގައި ރައްޔިތުން ކުރި ހިތި ތަޖުރިބާތައް ހަނދާންތައް އާކޮށްދެއްވުމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުން އަންނަ ތަރައްގީގެ ވާހަކަތައް ކިޔައި ދެއްވުމަށެވެ. އެ ވާހަކަތައް ރައްޔިތުންނަށް "ވިއްކަން" ވެސް ފަސޭހަ ވަނީ ބްރިޖުން ދުއްވާލަން ލިބި، ބޯ ހިއްލާ ބަލާލާއިރު 25 ބުރީގެ އިމާރާތް ފެންނަން ހުރީމަ އެވެ.
ނަމަވެސް ސުވާލަކީ ތަރައްގީގެ ވާހަކަތަކާ ހަމައިން ޕީޕީއެމްގެ "ފޮތް ލައްޕާލަނީ" ހެއްޔެވެ؟ ތަރައްގީ ޔަގީންވާނެކަން ފަސް އަހަރު ތެރޭ ދައްކުވައިދީފި އެވެ. ނަމަވެސް ވޯޓު ކަރުދާހުގައި އޮންނާނެ 1 ނަމްބަރު ކެންޑިޑޭޓު ގޮޅީގައި ފާހަގަ ޖަހަން އެވަރުން ފުދޭނެތޯ ސުވާލު އުފެދެ އެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ ކުރިން، ތަރައްގީގެ ބޭރުން ރައްޔިތުންގެ އެތަށް ސުވާާލެއް އަދިވެސް އެބަ ހުއްޓެވެ!
ގައުމެއްގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޔާސީ ހަލަބޮލި ކަމާއި ރައްޔިތުން ބައިބައިވުންކަން އެންމެ ބޮޑަށް ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކަށް ރައީސް ޔާމީން ވާނެ އެވެ. އެމަނިކުފާނު ގެނެސްދެއްވަން މަސައްކަތް ކުރި އައި ހެވަން އާއި އެސްއީޒެޑްގެ މަޝްރޫއުތަކާއި ފ. އަތޮޅުގެ އިންވެސްޓްމަންޓު ފަދަ މަޝްރޫއުތަކަކީ ހަގީގަތުގައި ވެސް ރާއްޖެއަށް ބިލިއަނުން ފައިސާ ވަންނާނެ ބޮޑެތި އިންވެސްޓްމަންޓުތަކެެކެވެ. ނަމަވެސް އެފަދަ ގިނަ މަޝްރޫއެއްގައި ބުރެކި ޖެހިފައި އެ ހުރީ ސިޔާސީ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ކުރިމަތިލާން ޖެހުނު ފިއްތުންތަކާ ހެދި އެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކާއި ސިޔާސީ އިސް ބަޔަކު ޖަލަށްލީ ގޮތާ މެދު ސުވާލު އުފައްދާ ދައްކާ ވާހަކަތަކާ ހެދި ތަރައްގީއަށް ބުރޫއަރާ ކަން އެކަމުން އެނގެ އެވެ.
މިސާލަކަށް ރައްޔިތުން ނިންމީ އިތުރު ފަސް އަހަރު ރައީސް ޔާމީންއަށް ދޭންށެވެ. އެހެންވީއާ އަނެއްކާ ވެސް ފެނިގެން ދާނީ ސަރުކާރާ ދިމާލަށް އަންނަ ކޮންމެ ސިޔާސީ ރޯޅިއަކާއެކު، އެތަށް ބަޔަކު ޖަލުގެ ތޭރިތަކު ތެރެއަށް ވައްދާލާ ތަން ހެއްޔެވެ؟ ހަމަގައިމުވެސް ސިޔާސީ އެތަށް ބަޔަކު ޖަލުގައި ތިބޭހަ ހިނދަކު ޕްރެޝަރުތައް އަންނާނެ އެވެ. މިހާރު ވެސް އެމެރިކާ އާއި ބޭރުގެ ފަރާތްތަކުން މިނިވަން އިންތިހާބެއް ބޭއްވުމުގެ ނަމުގައި އެ ދެނީ އެ އިންޒާރުތަކެއް ނޫން ހެއްޔެވެ؟ އެހެންކަމުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފައިލްވި އެއް ކަންތައް ކަމަށްވާ، ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ވިސްނަނީ ކިހިނެއް ހެއްޔެވެ؟ މި ހަލަބޮލި ކަމުގައި އަބަދު ތެޅިބާލަންވީ ހެއްޔެވެ؟
އަދުލްއިންސާފުގެ ނިޒާމްގެ ބޮއްސުންލާފައި އޮތްވަރުން ރައީސް ޔާމިންއަށް ވެސް އޭގެ ހިތި ނަތީޖާ ތަހަންމަލު ކުރަން ޖެހިއްޖެ އެވެ. އިންސާފު ހޯދަންދާ ކޯޓުތައް "ގަނެ ވިއްކާ ބާޒާރެއް" ގޮތަށް ރައްޔިތުންނަށް ސިފަ ކުރެވޭ އެތަށް ކަމެއް ހިނގައިފި އެވެ. އެހެންކަމުން ކުރިޔަށް އޮތް ފަސް އަހަރު އަދުލްއިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށާއި ވަކިން ހާއްސަކޮށް ރައްޔިތުން އިތުބާރު ކޯޓުތަކަށް އަލުންް ހޯދައިދިނުމަށް ރާވާފައި އޮތީ ކޮން ކަމެއް ހެއްޔެވެ؟
ގާނޫން އަސާސީއަށް ފަރުމާކޮށްފައިވަ ގޮތާހެދި ރައީސްއަކަށް ފަސް އަހަރު ތެރޭ ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކުގެ ވާހަކަ ވެސް މަނިކުފާނު ދައްކަވަ އެވެ. ނަމަވެސް އެ ނިޒަމުގައި ހުރި ގޮއްޖެހުންތައް ފިލުވަން ގެންނަ ހައްލަކީ ކޮބާ ހެއްޔެވެ؟
އިދިކޮޅުގެ ބަހާއި އަމަލު ދިމާވާނެތަ؟
އަދުލް އިންސާފު ގާއިމް ކުރުމާއި އަމާން "ޖަޒީރާ" ގައުމަކަށް ރާއްޖެ ހެދުމުގެ ވާހަކަތަކަކީ ވެސް އިންތިހާބުގެ ނަތީޖާ އަނބުރާލެވިދާނެ ފަދަ ބުރަދަނެއް ހުންނަ ވާހަކައެކެވެ. އެއީ ސިޔާސީ އެތަށް ބަޔަކު ޖަލަށްލުމާއި އަނިޔާވެރިކަމާއި ފަސާދަ އާއި ހަލަބޮލިކަމަށް ތާއީދު ނުކުރާ މީހުން މަދެއް ނުވާނެ އެވެ. އިދިކޮޅުން ވައުދު ވަނީ އެ ހަމަޖެހުން ރާއްޖޭގައި ގާއިމްކޮށްދިނުމަށެވެ.
ސިޔާސީ ހަމަޖެހުމާއި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދޭނެ ކަމަށް ކޯލިޝަނުން ބުނަަމުން ގެންދިޔަ ނަމަވެސް، އެ ކޯލިޝަންގެ ބައެއް އަމަލުތަކާ ހެދި މިހާރު ވެސް ފެނިގެން ދަނީ ބައިބައިވުމާއި ހަަމަނުޖެހުންތައް "އަޑިއަޑިން" ހިނގާ މަންޒަރެވެ. ކޯލިޝަނަށް މި އިންތިހާބުގައި ދިމާވާނެ އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އެ މައްސަލަ އެވެ.
އިބޫ ނިސަބަތްވާ ޕާޓީ އިން ބޭނުންވަނީ ބަރުލަމާނީ ނިޒާމެކެވެ. އެކަމަށް ރައީސް މައުމޫންއާ، އަދާލަތާއި ޖޭޕީ ދެކޮޅެވެ. ފަސް އަހަރު ވެރިކަން ކުރަން ބޭނުންވާ ގޮތް ހަަމަކޮށްދޭން ރައީސް މައުމޫންއާ އަދާލަތުން ވެސް ނެރުނީ ވަކިވަކި މެނިފެސްޓޯތަކެވެ. ޖޭޕީގެ ގޮތެއް އަދި ނޭނގެ އެވެ. އެހެންވެ ސުވާލަކީ އިންތިހާބުގެ ކުރިން މިފަދަ މަންޒަރުތައް ފެންނިގެންދާނަމަ ވެރިކަމަށް ހޮވިއްޖެ ނަމަ ސުލްހަވެރިކަން އަންނާނެ ކަމަށް ރައްޔިތުން އޮތީ ކިހާ ޔަގީންކަމެއް ހެއްޔެވެ؟
އަދުލްއިންސާފުގެ ވާހަކައަކީ އަނެއް ކަމެވެ. ޓްރާންސިޝިނަލް ޖަސްޓިސް ޕީރިއަޑެއްގެ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ބުނެ އެވެ. އިބޫގެ ވައުދުތަކުގެ ތެރޭގައި ފުރަތަމަ ދުވަހު "ހުރިހާ ސިޔާސީ ފަރާތްތައް" ޖަލުން ދޫކޮށްލާ، މިނިވަން ކުރާނެ ވާހަކަ ވިދާޅުވެ އެވެ. ސުވާލަކީ ދޫކޮށްލާ ހުރިހާ ސިޔާސީ ފަރާތްތަކުގެ ތެރޭގައި އަދީބާއި ޒިޔަތު ވެސް ހިމެނޭ ހެއްޔެވެ؟ ނޫނީ އެއީ ސުވާލު އުފެދޭ ގޮތަށް ބަންދުކޮށްފައި ހުރި ކާނަލް ނާޒިމްއާ މައުމޫން ފަދަ ބޭފުޅުން އެކަނި ހެއްޔެވެ؟ ރައީސް ނަޝީދު އެއްވެސް ކުށެއް ކުރެއްވި ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އިބޫގެ ވެރިކަމުގައި އެމަނިކުފާނަށް އޭގެ އަދަބު ލިބޭނެ ހެއްޔެވެ؟ ހުރިހާ ފަރާތްތަކަކީ އެއްވެސް ކުށެއް ނެތް ބައެއްކަން ވެރިކަމުގެ ފުރަތަމަ ދުވަހު ކަނޑައަޅާނީ ގާނޫނީ ކޮން ހަމައަކުން ހެއްޔެވެ؟ އަދުލަށް އިންސާފު ކުރުމަކީ މިއީ ހެއްޔެވެ؟
ކޮންމެއަކަސް މިދިޔަ އަހަރުން ފެށިގެން ވެސް މެނިފެސްޓޯ ވަރަށް އަވަހަށް ނެރޭނެ ވާހަކަ ރައީސް ޔާމީން ވިދާޅުވެ އެވެ. އިބޫ ދާދި ފަހުން ވިދާޅުވީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯ އޮތީ ތައްޔާރަށް ކަމަށެވެ. އެހެންވީއާ ދެ ކެންޑިޑޭޓުންނަށް ވެސް މެނިފެސްޓޯ ނުނެރެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އެއް ބަޔަކު ނެރޭތޯ ބަލަބަލާ ހުއްޓީ އިންތިހާބާ އަރާ ހަމަމިވަނީ އެވެ. ރައްޔިތުންނަށް ގޮތް ނިންްމަން ފުރުސަތު ދޭން ޖެހޭ ނޫން ހެއްޔެވެ؟